ހަބަރު

ރޯދަ މަހު ކުންފުނިތަކުގެ ގުރްއާން މުބާރާތެއް ބާއްވަނީ

ކުންފުނިތަކަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީ އިން ރަމަޟާން މަހަށް ހާއްސަ ވޯކްޝޮޕަކާއި، ޤުރުއާން މުބާރާތެއް ބާއްވަން ހަމަޖައްސަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި، ރޯދަމަހު ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތަކާއި ބެހޭގޮތުން ކުންފުނިތަކާއެކު ވަނީ މަޝްވަރާ ކޮށްފަ އެވެ. މި މަޝްވަރާ ބައްދަލު ވުމުގައި ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އަމިއްލަ ބައެއް ކުންފުނިތަކާއި، އަމިއްލަ ބައެއް ޖަމިއްޔާތަކުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ހަސަން ރަޝީދު ވިދާޅުވީ، ކުންފުނިތަކަށް އަމާޒުކޮށްގެން ރޯދަމަހަށް ހާއްސަ ވޯކްޝޮޕެއްގެ އިތުރުން، ކުންފުނި ތަކުގެ މުވައްޒަފުންގެ މެދުގައި ޤުރްއާން މުބާރާތެއް ބާއްވާނެ ކަމަށާއި، އަދި އިިތުރު ޕްރޮގްރާމްތައް ވެސް ރާވަމުން އަންނަ ކަމަށެވެ.

އަދި މިނިސްޓްރީގެ ޕީއެސް އިބްރާހިމް ސަމިރު ވިދާޅުވީ، ކުންފުނިތަކާއި އޮފިސްތަކުން ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންދާ މާހެފުންތަކުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން މިއަހަރު ވެސް ދޭނެ ކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ކުންފުނިތަކުންނާއި އޮފީސްތަކުން ކުރިއަށް ގެންދާ މާހެފުންތަކުގައި ދީނީ ނަސޭހަތް ދެއްވާނެ ބޭފުޅެއް ފޮނުވާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ރަމަަޟާން މަހަށް ހާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަން ރާވަމުން އަންނަ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.