ދިވެހި ސިނަމާ

"އެންމެ މަލެއް" މީ ލޯތްބަކީގެ ތަފާތު ޕްރޮމޯ ލަވައެއް

ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މީ ލޯތްބަކީ" މި މަހު ފަސް ވަނަ ދުވަހު ރިލީޒް ކުރި ފަހުން ދިވެހި ފިލްމު އޯޑިއަންސްގެ ތެރެއިން ގިނަ ބައެއްގެ ދުލު ކުރީގައި ވާ އެއް ވާހަކަ އަކީ އެ ފިލްމުގެ ވާހަކަ އެވެ. ފިލްމުގެ ލަވަތަކުގެ ރީތި ލަވަ އެވެ. ރޮމޭންޓިކް އަދި ކޮމެޑީ ބައިތަކެއް ފެނިގެންދާ މި ފިލްމުގެ ލަވަަތަކަކީ ޑާކްރެއިންގެ އެހެން ފިލްމުތަކުގެ ލަވަތައް ފަދައިން ފާހަގަކޮށްލެވޭނެ ލަވަތަކެކެވެ.

ފިލްމުގެ ލަވަތައް އިތުރު ވީޑިއޯ ކޮޅުތަކަކާއެކު ގެނެސްދިނުމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކުގެ ހާއްސަ ސިފަ އެކެވެ. އެ ލަވަތައް ދޫކޮށްލަނީ ޕްރމޯޝަނަލް ލަވަތަކުގެ ގޮތުގަ އެވެ. "މީ ލޯތްބަކީ" ގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ފިލްމު އެޅުވުމުގެ ކުރިން "ހީލާ ހަދާލަން" ވަނީ ބެލުންތެރިންނަށް ހަދިޔާކޮށްލާފަ އެވެ. ޑީޓިއުން ބޭންޑުން ހުށަހަޅައިދީފައިވާ މި ލަވައިގެ ޕްރޮމޯޝަނަލް ލަވައިގެ ފެނިގެންދަނީ ފްލައިޓަށް އެރި ފަހުން ފްލައިޓް ޑިލޭ ވިކަން އިއުލާނު ކުރުމުން ފްލައިޓް ތެރޭގައި ފޫހިފިލުވާލަން އަންހެން ކުއްޖަކު ތެދުވެ ލަވައެއް ކިޔާލަނިކޮށެވެ. ފިލްމުގެ ހުރިހާ ތަރިން މި ލަވައިންވެސް ފެނިގެންދެ އެވެ.

"މީ ލޯތްބަކީ"ގެ އިތުރު ޕްރޮމޯޝަނަލް ލަވައެއް އަނެއްކާވެސް މިވަނީ ބެލުންތެރިންނަށް ހަދިޔާކޮށްފަ އެވެ. އެއީ މުޅި ފިލްމުގައިވެސް އިންނަ އެންމެ ތަފާތު ލަވަ ކަމަށްވާ "އެންމެ މަލެއް" މި ލަވަ އެވެ. ފިލްމުގެ އެއް ތަރި ކަމަށްވާ ޝާފިއު އިބްރާހިމް (ފުބޫ) ކިޔާފައިވާ މި ލަވަ އަކީ ގައިމުވެސް ތަފާތު ލަވައަކަށް ވާނެ އެވެ. އެ ތަފާތެއް ނުކިޔައިދޭނަމެވެ. އަމިއްލަ އަށް ބަލައިލާށެވެ. މި ލަވައިގައިވެސް ފިލްމުގެ ހުރިހާ ތަރިންނެއް ފެނިގެންދާނެ އެވެ.

މި ވަރަކުން އަދި ޕްރޮމޯޝަނަލް ލަވަތައް ނިމުނީކީ ނޫނެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ޕްރޮމޯޝަނަލް އިތުރު ދެ ލަވަ ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ. ސީދާ ތާރީހެއް ނުބުނެ އެވެ.

މީ ލޯތްބަކީގެ ގިނަ ޝޯތަކެއް ހައުސްފުލްކޮށް ދައްކާފައިވާއިރު އިތުރ ޝޯތައް މިހާރުވެސް ދަނީ ދައްކަމުންނެވެ. އަންނަ މަހުވެސް ހަ ޝޯ ދައްކަނ ްހަމަޖެހިފައި އެބަ އޮތެވެ. އަތޮޅު ތެރެއަށް ބަލާއިރު ހދ. ކުޅުދުއްފުށީގައި ފިލްމު އަޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަދި އައްޑޫގައި ފިލްމު އެޅުވުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އިތުރު ރަށްތަކުގައި އެޅުވުމުގެ މަސައްކަތް އިތީ ރޯދައިގެ ފަހުންނެވެ.

"މީ ލޯތްބަކީ" އަށް ފަހު ޑާކްރެއިނުން މިހާރު ތައްޔާރު ވަމުންދަނީ މުޅިން ތަފާތު ދިމާލަކަށެވެ. ޑާކްރެއިނުން މިހާރު ތައްޔާރުވަނީ ތްރިލާ ފިލްމެއް ކަމަށްވާ "ގޮށްރާޅު" އަށެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގަ އެވެ.