ކުޅިވަރު

ބާސާއަށް މިފަހަރު ޖާދޫއެއް ނުހެދުނު، ޔުވެންޓަސް ސެމީއަށް

Apr 20, 2017
2

އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނަތީޖާ އެއް ނުނެރެވުމުން، ބާސެލޯނާ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލު ކަޓައި، ޔުވެންޓަސް ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޔުވެންޓަސް ވަނީ ފުރަތަމަ ލެގް މެޗުގައި، އަމިއްލަ ދަނޑުގައި ކުޅުނު މެޗު، 3-0 ބާސާގެ މައްޗަށް ކާމިޔާބު ހޯދާފަ އެވެ.

ދެ ވަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް 4-0 ގެ ނަތީޖާއެއް އަނބުރާލުމުން، އެ ވިސްނުމުގައި ނިކުތް ބާސާގެ އެޓޭކިން ލައިނަށް ހުރަސް އެޅީ
ޔުވެންޓަސްގެ ވަރުގަދަ ޑިފެންސިވް ފާރުގެ މައި ދެ ތަނބު ކަމަށްވާ ޖޯރުޖޯ ކިއްލީނީ އާއި ލިއަނާޑޯ ބަނޫޗީ އެވެ.

ޔުވެޓަސްގެ މެދު ތެރެއިން ހަމަލާ ނުއުފެއްދޭނެކަން، ޔަގީވުމުން، ބާސާއިން ހަމަލާ އުފައްދަން ކުރިމަތިލީ، ޔުވެންޓަސްގެ ކަނާތް ފަޅިން ނެވެ. ނަމަވެސް. އެ ފަޅިން ބާސާއަށް ހުރަސް އެޅީ ބާސާގައި ހުރުމަށްފަހު ޔުވެންޓަސްއަށް ބަދަލުވި، ބްރެޒިލްގެ ޑެނީ އަލްވޭސް އެވެ.

މެޗުގެ ކުރީކޮޅު ނޭމާ ވަނީ އަލްވޭސް ބީޓް ކޮށްލުމަށްފަހު، ޕެނަލްޓީ އެރިއާ ތެރެއަށް ވަދެގެންފަ އެވެ. ނަމަވެސް، އެބޯޅަ ނޭމާ އަށް ބޭނުން ކުރެވުމުގެ ކުރިން ކިއްލީނީ ވަނީ އެބޯލައިގެ ކޮންޓްރޯލް ހޯދާފަ އެވެ.

ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗާ ހިލާފަށް، ބާސާގެ ކޯޗް ލުއިސް އެންރިކޭ ވަނީ ޑިފެންސަށްވެސް ސަމާލުކަން ދީގެން ކުޅެފަ އެވެ. ޕީއެސްޖީގެ މެޗުގައި ލުއިސް އެންރީކޭ ކުޅުވީ 3-4-3 ގެ ފޯމޭޝަނަށެވެ. ނަމަވެސް ޕައުލާ ޑިބާލާ އާއި ގޮންޒާލޭ ހިގުއައިންގެ ހަމަލާތައް ނުރައްކާ ވާނެކަން އެނގޭތީ، އެންރީކޭ ބާސާގެ ފުރަތަމަ 11 އަތުރާލީ 4-3-3 ގެ ފޯމޭޝަނެވެ.

ޑިބާލާ އާއި ހިގުއައިންގެ ކޮމްބިނޭޝަން ބޭނުންކޮށްގެން، ހިގުއައިން ވަނީ ބާރު ހަމަލާއެއް ބާސާގެ ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ.

މެސީވެސް ވަނީ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި، ޕެނަލްތީ އޭރިއާތެރެއަށް އެރީ ޖޯޑީ އަލްބާއަށް ބޮޅައެއް ތަނަވަސް ކޮށްދީފަ އެވެ. ނަމަވެސް ބޯޅައިގައި ޖަހަން ފައި ހޫރާލި ނަމަވެސް އެ ބޯޅަ އަލްބާގެ ފައިގައި ލައްވައެއް ނުލިއެވެ.

ޕެނަލްޓީ އޭރިއާ ތެރެއިން، ސުއަރޭޒްއަށް ލިބުނު ބޯޅަ އޭނާ ފަހަތަށް ކޮށްޕަލީ މެސީ އަށް ފުރުސަތު ތަނަވަސްކޯށް ދޭށެވެ. ބޯޅައިގައި މެސީ ޖެހިގޮތުން ބޯޅަ ގޯލް ތެރެއަށް ވަންނާނެ ކަމަށް ހީކުރެވުނަސް، ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި، ހިގުއައިން ވަނީ ކްއެޑްރާޑޯ އަށް ރީތި ޕާހެއް ތަނަވަސް ކޯށްދީފަ އެވެ. ޕެނަލްޓީ އޭރިއާގެ އެތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި، އެންރިކޭ ވަނީ ބާސާގެ ފޯވަޑް ލައިންގެ އަދަދު ހަތަރަކަށް އިތުރު ކޮށްފަ އެވެ. މެދުތެރެއަށް ކުލެމުން ދިޔަ އީވާން ރެކިޓިޗްގެ ބަދަލުގައި ޕަކޯ އަލްކާސާ ކުޅެން އަރުވައި އެންރީކޭ ވަނީ އަލްކާސާއަށް ހަމަލާ ތަކުގައި މުހިންމު ރޯލެއް ދިފަ އެވެ. އެބަދަލާއެކު ބާސާގެ ހަމަލާތައް ވަރުގަދަވި ނަމަވެސް، ޖިއާންލުއީޖީ ބުފޯން ހުރި ގޯލް ފޫއަޅުވައެއް ނުލެވުނެވެ.

ރޭ ޑޯޓަމަންޑާ ދެކޮޅަށް ކުޅުނު މެޗު، 3-1 ކާމިޔަބު ކޮށް 6-3 ގެ އެގްރިގޭޓުން، މޮނަކޯ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.