ރިޕޯޓް

ބަންގާޅަށް ދެވުނު ރޯހިންޔާ މުސްލިމުންނަށް އުފަލެއް ނެތް!

Apr 20, 2017
5

މިޔަންމާގެ ރާޚިން ސްޓޭޓްގައި އުޅޭ ބައި މަދު ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެ ގައުމުގައި އޮތީ ވަރަށް ނުރައްކާތެރި ހާލަތެކެވެ. ގެދޮރު އެންދުމާއި ލާއިންސާނީ އަނިޔާ އާއި އިތްފަތް ފޭރުމާއި މެރުމެވެ. ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ކުރާ އެ އަނިޔާއިން ސަލާމަތްވާން ރޯހިންޔާ މީހުން ދަނީ ބަންގްލަދޭޝްއަށެވެ. އެގޮތަށް ދާ ދިއުމުގައި ކަނޑުވެގެން އެތައް ބަޔަކު މަރުވެސް ވެއެވެ.

ބަންގްލަދޭޝްއަށް ވާސިލުވެވުނު މީހުން ދިރިއުޅެނީ އެންމެ ގިނައިން ތޫފާންތައް އުފެދޭ އެއް ސަރަހައްދުކަމަށްވާ ބޭ އޮފް ބެންގާލްގެ އައްސޭރިފަށުގައިވާ ވަރަށް ނާޒުކު ހިޔާވަހިތަކެއްގަ އެވެ. އެތަނުގައި އެމީހުން ދިިރިއުޅޭ ރެފިއުޖީ ކޭމްޕް އޮތީ ތޮއްޖެހިފަ އެވެ. ވިއްސާރަ މޫސުމާއި ތޫފާންތަކާއި ފެންބޮޑުވުން ބޯމަތި ވަމުން އަންނަ އިރު އެ ސަރަހައްދުގައި ތިބި ރޯހިންޔާ ރެފިއުޖީންގެ އެތައް ހާސް މީހުންގެ ސަލާމަތާމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

"މީހުންގެ ބޭނުންތައް ހުރި ގޮތާއި އެމީހުންގެ މުސްތަގުބަލާމެދު ޔަގީންކަން ކުޑަކަމަށް ބަލާއިރު މިކަންތައް މި ވަނީ ބައިނަލް އަގުވާމީ ގޮތުން ލިބެންވާ ސަމާލުކަން ނުލިބޭ ހިމޭން ކާރިސާއަކަށް،" އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް (އައިއެފްއާރްސީ) ގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކޯޑިނޭޓަރު އިޒެކީލް ސިމްޕަރިންހަމް ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.

ބަންގްލަދޭޝްގައި ރޯހިންޔާ މީހުން ދިރިއުޅޭ ސަަރަހައްދު ފެންނަ ފޮޓޯތަކަށް ބެލުމުން އެނގެނީ ފުރާޅެއްގެ ގޮތުގައި ބޭނުންކުރަން ރަނގަޅު ސަތަރިގަނޑެއް ވެސް ލިބިފައި ވަނީ އެމީހުންގެ ތެެރެއިން ނަސީބުވެރި މަދު ބަޔަަކަށް ކަމެވެ. އެހެން މީހުންނަށް ލިބިފައި ވަނީ އޮނުން ހަދާފައިވާ އޮނިގަނޑެއްގެ މަތީގައި ޕްލާސްޓިކް ކަޅު ކޮތަޅު އަޅާލާފައިވާ ހިޔާތަކެކެވެ. އެމީހުން ނިދަން އޮތީ ހަރު ބިންގަނޑެއްގައި އަޅާލާފައިވާ ކުނާގަނޑުތަކެކެވެ.

"މިކަހަލަ ގޯސް މޫސުމެއްގައި ދެމިހުންނަހާ ވަރުގަދައެއް ނޫން އެމީހުންގެ ހިޔާވަހިތައް،" ސިމްޕަރިންހަމް ވިދާޅުވެފައި ވެއެވެ.

އދ. އިން ލަފާކުރާ ގޮތުގައި ރޯހިންޔާ ދަރިކޮޅުގެ 74000 މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ. ބަންގްލަދޭޝް އިން އެމީހުންނަށް ހިމާޔަތް ދިނަސް، މާބޮޑު އެހެން އެހީތެރިކަމެއް ނުލިބެ އެވެ. އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ އެހީދޭ ޖަމާއަތްތަކުންނެވެ. އެކަމަކު އެންމެނަށް އެކަށީގެންވާ ވަރަކަށް އެ ޖަމާއަތްތަކަށް ކާބޯތަކެއްޗެއް ނުލިބެއެވެ.

"ދިރިތިބެވޭ ވަރަށް އަހަރެމެންނަށް ކާން ލިބެނީ މަދު ފަހަރަކު. އަހަރެމެންނަށް އެއް ފަަހަރު ކާން ލިބިއްޖެ ނަމަ އަހަރެމެންނަކަށް ނޭނގޭ ދެން ކާ އެއްޗެއް ލިބޭނީ ކޮން އިރަކު ކަމެއް،" ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި ހުރި އުމުރުން 22 އަހަރުގެ މުހުސިނާ ސީއެންއެންއަށް ބުނެފައި ވެއެވެ.

އޭނާއަކީ ކުދިން ތަކެއްގެ މަންމައެކެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިންނަށް ކާންދެވޭނެ ގޮތެއް ނެތުމެވެ.

އައިއެފްއާރްސީން ބުނާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެ ޖަމާއަތުން އައީ ރާޚިން ސްޓޭޓްގެ އުތުރުގައި ދިިރިއުޅުނު 180000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. އެ ޖަމާއަތުން މިހާރު ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައި ވަނީ ބަންގަލްދޭޝްއަށް ގޮސް ތިބި މީހުންގެ ތެރެއިން އެންމެ ނިކަމެތި ހާލުގައި ތިބި 25000 މީހުންނަށް އެހީވުމަށް ޓަަކައި 3.2 މިލިޔަން ޑޮލަރު ދިނުމަށެވެ.