ދުނިޔެ

އެމެރިކާ ދަތުރުތައް މަދުކުރަން އެމިރޭޓްސްއިން ނިންމައިފި

Apr 20, 2017
1

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސް އިން އެމެރިކާގެ ޝަހަރުތަކަށް ކުރާ ދަތުރުތައް މަދު ކުރަން ނިންމައިފި އެވެ.

އެމިރޭޓްސްގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ދަތުރުތައް މަދު ކުރަން ނިންމީ ވައިގެ ދަތުރުފަތުގެ ސަލާމަތަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅުތަކާ ހެދި ދަތުރުތަކަށް އޮތް ޑިމާންޑް ދަށްވުމުން ކަމަށެވެ. އެމިރޭޓްސް އިން އެމެރިކާއަށް ކުރާ ދަތުރުތައް މަދުކުރާނީ އަންނަ މޭ މަހުން ފެށިގެންނެވެ.

އެމެރިކާ ސަރުކާރުން މިދިޔަ މާޗް މަހު އެޅި ފިޔަވަޅަކީ 10 އެއާޕޯޓަކުން އެ ގައުމަށް ދަތުރުކުރާ މަތިންދާބޯޓްތަކުގެ ކެބިންގައި މޯބައިލް ފޯނަކަށްވުރެ ބޮޑު އިލެކްޓްރޯނިކް އާލާތެއް ގެންގުޅުން މަނާ ކުރުމެވެ. އެގޮތަށް އަމަލު ކުރަން އެމެރިކާއިން އެންގި 10 އެއާޕޯޓްގެ ތެރޭގައި ޔޫއޭއީގެ ވެރިރަށް ދުބާއީ ވެސް ހިމެނެ އެވެ. އެމެރިކާއިން ހެދި ލިސްޓްގައި ހިމަނާފައި ވަނީ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގެ އެއާޕޯޓްތަކެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ދަތުރުކުރުން މަނާކުރާ ގަރާރެއް ވެސް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ނެރުއްވާފަ އެވެ. އެ ގަރާރާ ދެކޮޅަށް ބައެއް ފަރާތްތަކުން ވަނީ ކޯޓްތަކަށް މައްސަލަތައް ވައްދާފަ އެވެ.

"އެތެރެވުމުގެ ވިސާ ދޫކުރުމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން ފަހަކަށް އައިސް އަޅާފައިވާ ފިޔަވަޅުތަކާއި ސަލާމަތީ ގޮތުން ބަލައި ފާސްކުރާ މިންވަރު އިތުރުކުރުމާއި މަތިންދާބޯޓްތަކުގެ ކެބިންގައި އިލެޓްރޯނިކް އާލާތްތައް ނުގެންގުޅެވޭ ގޮތަށް ހެދުން ފަދަ ފިޔަވަޅުތަކުން ވައިގެ ދަތުރުތަކަށް އޮންނަ ޝައުގުވެރިކަމާއި ޑިމާންޑަށް ވަނީ ސީދާ ގޮތެއްގައި އަސަރުކޮށްފައި. އެމެރިކާއަށް ކުރާ ދަތުރުތަކަށް ބުކިން ހަދާ މިންވަރު ފާއިތުވި ތިން މަސްދުވަހު ވަނީ ވަށް ބޮޑަށް ގޯސްވެފައި،" އެމިރޭޓްސްގެ ފަރާތުން ބީބީސީއާ ވާހަކަ ދެއްކި އަންހެނަކު ބުނެފައި ވެއެވެ.

އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް މިދިޔަ މަހު ވިދާޅުވެފައި ވަނީ ޓްރަމްޕް އެޅުއްވި ފިޔަވަޅާ ގުޅިގެން އެމެރިކާއަށް ކުރާ ދަތުރުތަކަށް ޑިމާންޑުން ތިން ބައިކުޅަ އެއްބައި ކުޑަވެފައިވާ ކަމަށެވެ.

އިލެކްޓްރޯނިކް އާލާތްތައް ކެބިންގައި ގެންގުޅުން މަނާކުރުމުން ދަތުރުވެރިންނަށް ކުރިމަތިވި ދަތިކަން ކުޑަކުރަން އެމިރޭޓްސް އިން ވަނީ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ ޕްރެމިއަމް ޕެސެންޖަރުންނަށް މަތިންދާބޯޓްތަކުން ޓެބްލެޓްތައް ފޯރުކޮށްދިނުމެވެ.