(18 އޭޕްރީލް 2017 އާ ގުޅޭ) -- ތައްޔާރުކުރި ސެލެޑުތަށި މޭޒުމަތީ ބެހެއްޓުމާއެކުހެން ކުއްލިއަކަށް އައިރާ ހޮޑުލަވައިގަތެވެ. ކާއެއްޗިއްސާ ކައިރިވެގެން އުޅޭއިރު މިފަހަކަށް އައިސް އޭނާއަށް އެހެންވެއެވެ. ހައިރާންކަން ލިބިފައި އިން ރުބީނާ ތެދުވަން އުޅުނީ އައިރާ ދުވެފައި ކޮޓަރިއަށް ދިއުމުންނެވެ.
"މަންމާ" ދެ ޚިޔާލެއްގައި ހުރެ ވެސް ރުބީނާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުމުން އޭނާގެ ގާތުގައި އިން މައުރީނަށް ހައިރާންކަން ލިބިގެންދިޔައެވެ. ސޯފާއަށް ދޫކޮށްލައިގެން އިން ހަށިގަނޑު މައުރީން ސީދާކޮށްލަމުން ރުބީނާއަށް ބަލަހައްޓައިގެން އިނެވެ. އެއްޗެއް ބުނާން އުޅެފައި ވެސް ރުބީނާ މޫނު ހަދާލަމުން އިށީނދެއްޖެއެވެ. ކުރިން އިންހެން އެއްފައި މައްޗަށް އަނެއްފައި ލައިގެން ރުބީނާ އިނީ އައިރާ އެނބުރި އަންނާނެ ކަމަށް މަޑުކޮށްގެންނެވެ. ނަމަވެސް އައިރާގެ ހިލަމެއް ނުވުމުން އަތުކުރީ އޮތް ގަޑިއަށް ރުބީނާ ބަލާލިއެވެ. މާބޮޑަށް ވެސް ލަސްވެއްޖެއެވެ.
"މެންދުރު ނުވެސް ކާ ދުވަހަކީތަ؟" މައުރީނަށް ބަލާލާފައި ރުބީނާ ބުންޏެވެ.
"މަންމަ ވެސް އަދި ނޫޅެމެންނު ކާކަށް" ޓީވީއަށް ހުއްޓާލާފައިވާ ނަޒަރު ރުބީނާއަށް ހުއްޓާލަމުން މައުރީން ބުންޏެވެ.
"ހިނގާ ކާން... ކައިގެން ދޭބަލަ..."
"ކޮންތާކަށް؟" ރުބީނާ ބުނަން އުޅުނު އެއްޗެއް ނުނިމިގެން އުޅެނިކޮށް މައުރީން ސުވާލުކުރިއެވެ.
"އިހަށް ތެދުވެގެން ހިނގާބަލަ ކާން. ކައިގެން އެ އަންހެނާއަށް ވީގޮތެއް ބަލަން ދޭބަލަ. މާދަމާ ފުރަން ހުރިހާ ކަމެއް ހަމަޖެހިފަ އޮތީ. ނިޔާނު އަންނަން ވާއިރަށް އަހަރެން ނުބައިމީސް ކުރުވަން ނޫންކަމެއްނޭނގެ އެ އުޅެނީ... ދެން ބުނަން އޮންނާނެއެއްނު. އޭނާ ގޭގައި އެކަނި ހުރި އިރު ވެސް އަހަރުމެން އަޅާނުލާ ތަންތަނަށް ފުރައިގެންދަނިއްޔޭ" ރުބީނާގެ ހަޤީޤީ ބޭނުން ސިއްރުކޮށް ކުދިކިޔަމުން އައިސް ކާމޭޒު ކައިރީ ހުއްޓުނެވެ. މޭޒުމަތީ އަތުރާފައި ހުރި ތަށިތަކަށް ބަލާލުމާއެކު ކާމޭޒުދޮށުގައި ރުބީނާ އިށީނދެއްޖެއެވެ. އޭނާ ޤަބޫލުކުރަން ބޭނުންނުވިޔަސް ޔަގީންވާ ކަމަކީ އައިރާ އެގެއަށް އައިފަހުން ފަސޭހަތަކެއް ވެއްޖެކަމެވެ. ޚާއްޞަކޮށް އޭނާއަށްވުރެ ކެއްކުމުގައި އައިރާ މާ ކުޅަދާނައެވެ. ރަހަތަށް މީރުވެފައި ގަޑިންގަޑިއަށް ކާއެއްޗެހި ތައްޔާރުކޮށްފައި ހުރެއެވެ. އެންމެ ދުވަހަކު ވެސް ނިޔާނަށް ސައިނުބޮވިފައި ނޫނީ މެންދުރު ގެއަށް އަންނައިރު ކާންތައްޔާރުނުވެފައި މިހާރު ނުހުރެއެވެ. ގޭތެރެ ފޮޅާ ސާފުކުރުން ވެސް އޮންނަނީ އައިރާގެ މަސައްކަތުގެ ތެރެއަށް ވަދެފައެވެ. ހަމައެކަނި އެ އެޕާޓްމެންޓުގައި ރުބީނާއަށް ކުރަން އޮންނަ ކަމަކީ އޭނާގެ އަމިއްލަ ކޮޓަރި ސާފުކޮށްލުން އެކަންޏެވެ. އެއާއެކު ސަލްމާ ދައްކާފައިވާ ވާހަކަތައް މަތިން ހަނދާންވިއެވެ. އައިރާއާއި ނިޔާނާ ދުރުކަން އުޅުމުގައި އަމިއްލަ ދަރިފުޅުގެ ކުރިމަތީ ރުބީނާގެ އަގުވެއްޓޭވަރު ކަމެއް ކުރެވިދާނޭކަމެވެ. އެ ޚިޔާލުތަކުން ރުބީނާގެ ޟަމީރު ހޭލައިގަތެވެ. ރަނގަޅުގޮތާ މެދު ވިސްނަން މަޖުބޫރުވާންފެށިއެވެ. ނިކަން އަވަހަށް ރުބީނާ ދެފަރާތަށް ބޯހޫރާލިއެވެ. އެ ޚިޔާލުތަކުން މިންޖުވާށެވެ.
"ކިހިނެއްވީ މަންމާ" ރުބީނާއާއެކު މޭޒު ދޮށުގައި ކާން އިން މައުރީން އަހާލިއެވެ. ރުބީނާ މިއަދު އެހެންޏާ ނޫޅޭ ޒާތަކަށް އުޅޭހެން މައުރީނަށް ވެސް ފާހަގަވެއްޖެއެވެ. އެއީ ކީއްވެތޯ އެނގެން މައުރީން ވެސް އިނީ ބޭނުންވެފައެވެ. އެހެންނަމަވެސް ރުބީނާ ބުނަން ބޭނުންނުވާހެން މައުރީނަށް ހީވެއެވެ.
"މަދިރިއެއް އުޅެނީ ކަންނޭނގެ" ރުބީނާ މިފަހަރު ވެސް ހެދީ ދޮގެކެވެ.
އައިރާ އޮތީ ހޮޑުލެވުމުން ހަށިގަނޑަށް ލިބުނު ލޮޑުކަމާއެކު އަރާމުކޮށްލަން އެނދުގައި އޮށޯވެލައިގެންނެވެ. ކޮޓަރީގައި ޓަކި ޖެހުމުން ތެދުވެގެން އައިސް ދޮރުހުޅުވާލި އިރު މިފަހަރު ވެސް ދޮރުމަތީ ހުއްޓާ ފެނުނީ މައުރީނެވެ. ކިހިނެއްތީވީ އައިރާ ސުވާލުކުރިއެވެ.
"މަންމަ ބުނީ ކީއްވެހޯ ދިޔައީ. މާދަމާ ދަތުރު ނުދަނީ ހޯ" ފޫހިވެފައި ހުރެ އަހާހެން މައުރީން އަހާލިއެވެ.
"ދައްތަ މިއުޅެނީ ކުޑަކޮށް ބަލިވެ. ހިޔެއްނުވޭ ދެވޭނެހެނެއް. ކައިފިންތަ؟" ވަރުދެރަ ގޮތަކަށް އައިރާ އަހާލިއެވެ.
"ކައިގެން މި އައީ. މަންމަ ވެސް ކައިފި" މައުރީން ބުންޏެވެ.
"އެހެންވީރު މައު ތަށިތަކުގައި މަތިޖަހާލާފައި ބަހައްޓާލާ އިނގޭ. ދައްތަ ގޮސްފައި ތަށިތައް ނަގާ މޭޒުމަތި ސާފުކުރާނަން. އިތުރުކަމެއް ނެތިއްޔާ އިހަށް އޮށޯވެލަން މިދަނީ" އައިރާ މިހެން ބުނުމުން މައުރީން "ހޫން" ލައްވާލާފައި ހިނގައްޖެއެވެ. އައިރާ ދޮރުލައްޕާލާފައި އައިސް އެނދުގައި އޮށޯވެލިއެވެ.
* * * *
މެންދުރު ކައިގެން ނުކުން ނިޔާނަށް އޮފީހުގެ ވެރިޔާގެ ކޯލެއް އައެވެ. ޕްރޮޖެކްޓުގެ ކަންތައްތައް ހީކުރި ވަރަށް ވުރެ އަވަހަށް ނިމިގެން ދިއުމުން އަންނަން ހަމަޖެހިފައި އޮތް ދުވަހުގެ ދެތިން ދުވަސް ކުރީން މާލެ އައުމުގެ ހުއްދަ ނިޔާނަށް ވެރިޔާ ދިނެވެ. އަދި ވެރިޔާގެ ޚާއްޞަ ލާންޗެއް ނިޔާނު ބަލާ ފޮނުވާނެކަން އެންގިއެވެ. އެހެންވީމަ ފުރަން ތައްޔާރުވެގެން ހުރުމަށް ވެސް އެންގިއެވެ. ކުއްލިއަކަށް ނިޔާނު މާލޭގައި ހުރުން މުހިންމުވީއެވެ. ލިބުނު ޚަބަރައިގެން ފޯނުކޯލު ނިންމާލުމާއެކު ނިކަން ބާރަށް ނިޔާނަށް ހީނގަނެވުނެވެ. އަދި އިށީނދެ އިން ސޯފާގެ ލަކުޑި އަތްގަނޑުގައި ޖަހާލެވުނެވެ. އެވަގުތު އެތަނުގައި މީހަކުނެތްކަން އެއީ ނަސީބެކޭ ނިޔާނުގެ ހިތަށް އެރިއެވެ. އަވަހަށް އިން ތަނުން ތެދުވެގެން އޭނާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރިއަށް އައިސް ވަނެވެ. އެނދު ހުރަހަށް ޖެހިގަންނަމުން އަވަހަށް އައިރާއަށް ގުޅިއެވެ.
"ހާއި ލޯބީ! ކައިފިންތަ؟" އައިރާ ފޯނު ނެގުމާއެކު ނިޔާނު އަހާލިއެވެ.
"ނިޔާނު! އަހަރެން މި ވިސްނަނީ ނިޔާނާ މެދު. އެކަން އެނގިގެންތަ ތި ގުޅީ" އައިރާއަށް ނިޔާނުގެ އަޑު އިވުމުން ހިތްފުރިގެންދިޔައެވެ. ދެ މީހުން ވާހަކަދައްކަމުން ދިޔައިރު އެކަކު އަނެކަކަށް ލިބިފައިވާ އުފާވެރިކަމެއްގެ ބޮޑުކަމުން އެކަކަށް ވެސް އެކަން ފާހަގައެއްނުވިއެވެ. ފޯރީގައި ދެ ފަރާތުގެ ޚިޔާލުތައް ބަދަލުކުރަމުން ދިޔައެވެ.
"އައިރާ ބަލިވެއެއްނު ތި އުޅެނީ. އެހެންވީމަ ދާކަށް ނުފެނޭ. އަހަންނަށް ބޮޑަށް ރަނގަޅީ ވެސް މާދަމާ އައިރާ ގޭގައި ހުރިއްޔާ"
"އެކަމަކު މަންމަ ރުޅި އަންނާނެތީ އެކަމާ ވިސްނޭ" އައިރާ ފާޑަކަށް ބުންޏެވެ.
"މަންމަ ހުންނާނެ އެހެން ތުން ދަމާފައި... އައިރާ އަޅާލާނެކަމެއްނެތް. ބުނޭ ބަލިވީމައޭ ދެވެން ނެތީ. މާކަންތައް ބޮޑު ކުރަންޏާ ބުނޭ އަހަރެން ބުނެފައޭ އޮތީ ބަލިވެ އުޅޭތީ ދަތުރު އެއްޗެހި ގޮސް ހަދައިގެން ނުވާނެއޭ... މަންމަ އިތުރަށް އެއްޗެއް ބުނަން އޮތިއްޔާ މަށަށް ގުޅާށޭ ބުނޭ. ދެން އަދި އެއްކަންތައް... ބަލިވެ އުޅޭ އިރު އަދިވެސް ޑަކްޓަރަށް ނުދަން ދޯ"
"މާދަމާ ދާނަން. ޕްރޮމިސް... ޑަކްޓަރަށް ދަމުން ވެސް ނިޔާނަށް ގުޅާނަން. އޯކޭ އެއްނު"
"އާން! ހަނދާންކޮށް ގުޅާތި. ނޫނީ އަހަރެން ގުޅާފައި ހަނދާންކޮށްދޭނަން. އަހަރެން ނެތަސް އައިރާ ވާނެ އަމިއްލަ ސިއްޙަތަށް ބަލަން. އިނގޭ!" ނިޔާނު ބުންޏެވެ.
"ހޫން! ދާނަމޭ... ދެން ބުނެބަލަ! ނިޔާނު މިހާރު އެންމެ އުފާވާނީ ކޮންކަމެއްވެއްޖެއްޔާ" އައިރާ އެވަރަށް ބުނެލާފައި ދުލުކުރީގައި ދަތްއަޅާލިއެވެ. ބަލިވެ އިންކަމުގެ އުފާވެރި ޚަބަރު ފިރިމީހާއަށް ދޭން އައިރާ ބޭނުން ވެސް ވެއެވެ. އެކަމަކު ބަސްނުބުނެ ދުލުކުރީގައި ދަތްއަޅަނީ ނިޔާނު އައުމުން އައިރާގެ ގާތުގައި ހުއްޓާ އެ އުފާވެރި ޚަބަރު ލިބޭވަގުތު އޭނާއަށް ވާގޮތް ދުށުމަށް އައިރާގެ ހިތް އެދޭވަރުންނެވެ.
"އައިރާގެ ގާތަށް ދެވުނީމަ އެންމެ އުފާވާނީ. ފުރަތަމަ ވެސް ކޮޓަރިއަށް ވަދެ އައިރާ އުރާލާނީ... އެއަށްފަހު ތި ލޯބިލޯބި ތުންފަތުގައި ބޮސްދޭނީ" ނިޔާނު ހޭންފެށިއެވެ. އޭނާގެ ހުނުމުގައި އައިރާ ވެސް ބައިވެރިވިއެވެ.
"ދެން ލޯބި ބުނެބަލަ އެންމެ އުފާވާނެ ކަންތައް" އައިރާ ކުރި ސުވާލު ނިޔާނު ވެސް ކުރިއެވެ.
"އަހަރެން ވެސް ބޭނުންވަނީ ނިޔާނު އަވަހަށް އަހަރެންގެ ގާތަށް އަންނަން... ޕްލީޒް... އަވަހަށް އާދެބަލަ... ދެން އެންމެ ދުވަހެއް ވެސް ކެތެއްނުވާނެ. މިފަހަރު ނިޔާނު އައީމަ ލޯބިލޯބި ސަޕްރައިޒެއް ދޭނަން"
"އެހެންތަ! އަހަރެން މާކުރިން ސަޕްރައިޒް ދޭނަން. މާދަމާ ޔަގީން އައިރާ ސަޕްރައިޒްވާނެކަން... ބަލަން ހުންނައްޗޭ" ހެވިފައި އެނދުގައި އޮވެ ނިޔާނު ބުންޏެވެ. އޭނާ އެބުނާ ސަފްރައިޒަކީ ކޮބާކަމެއް އައިރާގެ ވިސްނުމަކަށް ނައެވެ. އޭނާއަށް ހީވީ ނިޔާނަށް ސަޕްރައިޒެއް ދޭން އުޅޭ ވާހަކަ ބުނުމުން ގޮތްދޫނުކުރަންވެގެން މާބޮޑު މާނައެއްނެތި ބުނެލީ ކަމަށެވެ. އެހެންނޫނަސް ނިޔާނު އަންނަން ދެތިން ދުވަސް އޮތްއިރު މާދަމާ ނިޔާނު އެބުނާ ސަޕްރައިޒެއް ނުދެވޭނެއޭ އައިރާގެ ހިތް ބުނީއެވެ.
* * * *
ފިރިމީހާގެ ފޯނުކޯލު ނިންމާލާފައި ގަޑި ބަލާލި އިރު މާބޮޑަށް ލަސްވެއްޖެއެވެ. މެންދުރު ކާން ތައްޔާރުކުރި ގޮތަށް ކާމޭޒުމަތި ހުންނާނެކަން އެނގޭތީވެ އޮށޯވެ އޮވެވޭކަށް އައިރާއަށް ނެތެވެ. އޭނާ ތެދުވެ މޫނު ދޮވެލައިގެން ކޮޓަރިން ނުކުތެވެ. އަދި އައިސް ކާމޭޒުދޮށުގައި އިށީނދެ މަދު އެތިކޮޅެއް ނަމަވެސް ކައިގެން މޭޒުމަތި ސާފުކުރިއެވެ. އެ ހުރިހާ ކަމެއް ކުރިއިރު ސިޓީންރޫމުގައި މީހަކު ފެންނަން ނެތުމުން އައިރާ ހުރީ ވަރަށް ހަމަޖެހިފައެވެ.
ގިނަ ވަގުތު އައިރާ އޮތީ ކޮޓަރީގައެވެ. ރުބީނާއަށް އެއްޗެއް ބުނާނޭ ފުރުޞަތެއް ނުލިބުނެވެ. އެރޭގެ ވަގުތެއްގައި ޤައިސް ފުރަން ހަމަޖެހިފައި އޮތްއިރު އޭނާގެ އެދުމަށް ހަވީރު ރުބީނާ އެގެއަށް ހިނގައްޖެއެވެ. މިފަހަރު އޭނާ ދިޔައީ އެކަންޏެވެ. ރޭގަނޑު އެގާރަ ޖެހިއިރު ވެސް ރުބީނާ ގެއަށް ނާންނާތީ ކާއެއްޗެހި ހޫނުކޮށްފައި އައިރާ ކޮޓަރިއަށް ވަނީ ނިދަންވެގެންނެވެ. އޭރު މައުރީން ސޯފާގައި އޮށޯވެލައިގެން ޓީވީ ބަލަން އޮތެވެ. އޭނާ ފިލްމެއް ބަލަން އޮތްއިރު އޭނާގެ އެދުމަށް އައިރާ ހުރީ ބޮޑު ޕޮޕްކޯން ތަށްޓެއް ހަދައިދީފައެވެ. ސޯފާ ކައިރީ ހުރި ބިއްލޫރި ކުޑަ މޭޒުމަތީ އެ ތަށި ބަހައްޓައިގެން ދޭތެރެއަކުން އެ އިން މުއްވަރެއްނަގާ އަނގަޏަށް ފަހަރަކު އެތިކޮޅެއް ލަމުން ދިޔައެވެ.
* * * *
ފަތިސް ނަމާދަށް ގޮވަން ކައިރިވެފައި ވަނިކޮށް ނިދިފައި އޮތް އައިރާއަށް ހޭލެވުނީ ފަޔަށް ފިނިގަނޑެއް އަރައިގަނެގެންނެވެ. ސިހިފައި ތެދުވަން އުޅުނު ވަގުތު ބޮލަށް އެނބުރުން އަރަން އުޅުނުހެން ހީވިއެވެ. ފައިކޮޅުން ރަޖާ ނެއްޓިފައި އޮތްކަން އެނގުނީ ދެނެވެ. އޭސީގެ ފިނިން ކޮޓަރި މާބޮޑަށް ފިނިވީއެވެ. މަޑުމަޑުން އޮށޯވެލި އައިރާއަށް ވެހެމުންދިޔަ ވާރޭގެ އަޑު ކަންފަތުގައި ޖެހުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިއުމާއެކު ރަނގަޅަށް އެނދުގައި ހަމަޖެހިލިއެވެ. ދެ ލޯ މަރާލައިގެން އޮވެވުނީ އިރުކޮޅަކުއެވެ. ފޯނުން އިވިގެންދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑުން އައިރާގެ ކަންނެތްކަން ފިލުވާލިއެވެ. މިފަހަރު ތެދުވީ މަޑުމަޑުން ނިކަން ބަލައިގެންނެވެ. ކޮޅަށް ތެދުވިގޮތަށް ބަނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.
ފަތިސް ނަމާދުކޮށް ނިމިގެން އައިރާ ދެ ރަކުއަތް ނަމާދެއް ކުރިއެވެ. ފުރަތަމަ ދަރިފުޅުގެ ނަސީބު ލެއްވިކަމަށް ޓަކައި މާތް ރަސްކަލާނގެއަށް ޝުކުރުގެ ސަޖިދަޖެހިއެވެ. ފިރިމީހާގެ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މާބަނޑު ދުވަސްވަރަކީ ފަސޭހަ ދުވަސްތަކެއް ކަމުގައި ލެއްވުމާއި ބަނޑުގައިވާ ދަރިފުޅު ދުނިޔެއަށް އުފަންކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަށް އެދި ދެންނެވިއެވެ. މުއްސަލަމަތިން އައިރާ ފޭބިއިރު އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ.
ހެނދުނު އަށެއް ޖަހަން އުޅެނިކޮށް އައިރާ ސައިބޯން އިންދާ މައުރީން އައެވެ. އޭރު ރުބީނާއާއި މައުރީން ދަތުރު ދާން ވެގެން ތައްޔާރީތައް ވާތަން ފެނެއެވެ. އެހެންނަމަވެސް އައިރާ އިނީ އެނގޭ ކަމަށް ވެސް ނުހަދައެވެ.
"މަންމަ ބުނީ އިރުކޮޅަކުން ޓެކްސީ އަންނާނެ އޯ. ރެޑީވެގެން އިންނާށޯ" އެއްއަތް އުނަގަނޑުން ތިރީގައި ވިއްދާލައިގެން ހުރެ މައުރީން ބުންޏެވެ.
"ދައްތަ ބަލިވެ އުޅޭ ވާހަކަ ބުނީމެއްނު. މިއަދު ޑަކްޓަރަށް ދައްކަން ދާން މި އުޅެނީ. ބަލިވެ އުޅެމުން ދަތުރު ކިހިނެއްދާނީ. މައުގެ ދޮންބެ ދެންމެ ވެސް ގުޅާފައި އަހައިފި ޑަކްޓަރަށް ދައްކަނީ ކޮންއިރަކުންތޯ. އަނެއްކާ ބުނެފައި އޮތީ ބަލިވެފައި ހުރެ ދަތުރު ނުދައްޗޭ. ދެން އެހެން ފަހަރަކުން އިރާދަކުރެއްވިއްޔާ ދައްތަ ބައިވެރިވާނަން. މިފަހަރު ދެވެން ނެތީ. މަންމަ ގާތުގައި ބުނެދީ އެހެން" އައިރާ ހިނިތުންވެލިއެވެ.
އައިރާގެ ޖަވާބު ހިފައިގެން މައުރީން އައުމުން ރުބީނާ ވަގުތުން ރުޅި ގަދަވިއެވެ. އެހެންނަމަވެސް ހަދާނޭ ގޮތެއް ނޭނގުނެވެ. ގަދަކަމުން އައިރާއެއް ނުގެންދެވޭނެކަން އޭނާއަށް އެނގެއެވެ. ވަގުތުން ހިދާއަށް ރުބީނާ ގުޅިއެވެ.
"ސާބަސް ރޫބީއަށް. އޭނާ ބަލިވެ އުޅޭތޯ ކުރިން ބަލާލިނަމަ. މިހާރު ދެން ދަތުރު ކިހިނެއް ކެންސަލް ކުރާނީ" ހިދާއަށް އައިރާގެ ޚަބަރު ރުބީނާ ދިނުމުން ބުންޏެވެ.
"ނިޔާނު އަންނަން ދެތިން ދުވަސް އެބައޮތް. އޭނާ ރަނގަޅުވެދާނެ. އަހަރެން މިފަހަރު ވަރަށް ރަނގަޅަށް ބަލާނަން. އެހެން ދުވަހަކަށް ހަމަޖައްސަން ފެންނަނީ... މިއަދު ވާރޭ ވެސް އެބަވެހެއްނު" ރުބީނާ އަވަސްއަވަހަށް ބުންޏެވެ.
"ދެން މި ދަތުރުގައި ހިނގާ ދާން. ނުދެވޭ ވަރަކަށް ވާރޭއެއް ނުވެހޭ. އަހަރެން ވެސް މިހުރީ ތައްޔާރުވެގެން. ސަލް ވެސް ރެޑީ. އަޒުމީ ގާތުގައި ވީ ގޮތް އަހަރެން ކިޔައިދޭނަން. ދެން ވެސް ރޫބީ ބަލާފައި ދުވަހެއް ހަމަޖައްސާތި" ހިދާ ހުރީ ދަތުރު ކެންސަލް ކުރާ ގޮތަކަށް ނޫނެވެ. އެހެންވެ ރުބީނާ ވެސް އެއްބަސްވީ އައިރާ ނުލާ މިފަހަރު ދަތުރުގައި ބައިވެރިވާށެވެ. ރުޅިގަދަވެފައި ހުރެ މައުރީންއާއެކު ރުބީނާ ގެއިން ނުކުމެގެން ދިޔައެވެ.
އެންމެން ގެއިން ހުސްވުމުން އައިރާ ވެސް ތައްޔާރުވެލައިގެން އެޕާޓްމެންޓުން ނުކުތީ ހޮސްޕިޓަލަށް ދިއުމަށެވެ. ދޮރޯށި ދޮށުގައި ހުންނަތާ އިރުކޮޅެއް ފަހުން ޓެކްސީ އައިސް މަޑުކޮށްލިއެވެ. އަވަހަށް އައިސް ކާރަށް އެރުމާއެކު ދާންވީ ހޮސްޕިޓަލުގެ ނަން އައިރާ ބުންޏެވެ. އަދި ކާރުގައި އިނދެ ނިޔާނަށް ގުޅާފައި ހޮސްޕިޓަލަށް ދަނީ ކަމުގައި ބުންޏެވެ. އެއާއެކު ޑަކްޓަރު ބުނާއެއްޗެއް ނިޔާނަށް އެންގުމަށް އައިރާގެ ގާތުން އޭނާ އެދުނެވެ. (ނުނިމޭ)