ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުން އެޖަމާއަތަށް ވުރެ ބޮޑު ގެއްލުންވާނީ އިނގިރޭސިންނަށް ކަމަށް އީޔޫއިން ބުނެފިއެވެ.
އީޔޫގެ އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ފެޑެރިކާ މުޣެރިނީ ވިދާޅުވީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތަކަކީ އުނދަގޫ މަޝްވަރާތަކަކަށް ވާނެ ކަމަށެވެ.
" ދަންނަވަންތޯ މެމްބަރު ހުރިހާ ގައުމުތައް ވެސް އެއްވަރަށް އަޅުގަނޑަށް މުހިއްމު. އެއީ ބައެއް ސިޔާސަތު ތަކަށް އެއް ގައުމަކުން ކުރެވޭ މަސައްކަތް ގިނަވެދާނެ އެހެން ގައުމުތަކަށް ވުރެ. އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ވުރެ ބޮޑު ގެއްލުުން ވާނީ އެކުވެރި އިނގިރޭސިންނަށް ހެން،" ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އެދައްކަވަމުން މުޣެރިނީ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ ކަންތައް އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ރަސްމީކޮށް ފެށްޓެވީ މިދިޔަ މާޗް މަހުއެވެ. އޭނާ އޭރު ވިދާޅުވެފައި ވަނީ އެކަމުގައި ދެން ފަހަތަށް ބެލުމެއް ނެތް ކަމަށެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަމީ އެޖަމާއަތުގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް އެކުވެރިކަމަށް ކުރިމަތިވާނެ އިމްތިހާނެކެވެ. އަދި އެއީ އިނގިރޭސިވިލާތުގެ ކުރިމަގާ މެދުގައި ވެސް ގިނަ ސުވާލުތަކެއް އުފެދޭނެ ކަމެކެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ ރަސްމީ މަޝްވަރާތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުއެވެ. އޭގެ ކުރިން އިނގިރޭސިިވިލާތުގައި އާއްމު އިންތިހާބު ބާއްވަން ތެރޭސާ މޭ ވަނީ ގޮވާލައްވާފައެވެ. ހަމަޖެހިފައިވާ ތާވަލަށް ވުރެ އަވަހަށް އިންތިހާބު ބާއްވަން މޭ އިނގިރޭސި ޕާލަމެންޓަށް އިއްޔެ ހުށަހެޅުއްވި ހުށަހެޅުން އިނގިރޭސި ޕާލަމެންޓުން ވަނީ ފާސްކޮށްފައެވެ. ޕާލަމެންޓުން ފާސްކޮށްގެން އިންތިހާބު އަވަސް ކުރުމަކީ އިނގިރޭސިވިލާތުގައި އަމަލުކުރާ އުސޫލެކެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަކީ ޗައިނާއިން ކަންބޮޑުވާ ކަމަކެވެ. އެއީ އީޔޫއަކީ ޗައިނާގެ ވިޔަފާރީގެ އެންމެ މުހިއްމު ބައިވެރިއަކީ އެޖަމާއަތް ކަމަށް ވާތީއެވެ.