ދުނިޔެ

ޖަރުމަނުން ޔަހޫދީން މަރަން އުޅުނުކަން އެމެރިކާއަށް ކުރިން އެނގުނު

Apr 20, 2017

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ނާޒީ ސަރުކާރުން ޔަހޫދީންނާ ދެކޮޅަށް ހިންގި ބޮޑު ގަތުލު އާއްމު ' ހޮލޮކާސްޓް' ހިނގަން އުޅޭ ކަން އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭ އިއްތިހާދަށް ކުރިން އެނގުނުކަމާއި ޔަހޫދީން ސަލާމަތްކުރަން ފިޔަވަޅެއް ނޭޅީ ގަސްދުގައި ކަން ތާރީހީ ލިއުން ތަކަކުން ހާމަވެއްޖެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ޖެރޫސަލަމް ޕޯސްޓުން އިއްޔެ ބުނީ ޖަރުމަނުން ގަތުލުއާންމު ހިންގަން އުޅޭ ކަން އެކަން ހިނގުމުގެ މަދުވެގެން ދެ އަހަރާ ހަމަސްދުވަސް ކުރިން އިއްތިހާދަށް އެނގުނުކަން އދ އިން އަންގާރަދުވަހު އާއްމުކުރި ލިޔެކިިއުންތަކަކުން އެނގޭ ކަމަށެވެ.

އދ އިން 70 އަހަރު ވަންދެން ސިއްރުކޮށްފައި ހުރި ލިއުންތަކުން އެނގޭ ގޮތުގައި ގަތުލުއާއްމު ހިންގަން އުޅޭ ކަން އެނގުމުން އެކަމަށް ފިޔަވަޅު ނޭޅި ނަމަވެސް ، އެމެރިކާ، އިނގިރޭސިވިލާތް އަދި ރަޝިޔާ ގުޅުގެން އޭރު އުފައްދާފައި އޮތް އިއްތިހާދުން ތައްޔާރުވަމުން ދިޔައީ ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ދައުވާ ޖަރުމަނުގެ އޭރުގެ ހުދުމުހުތާރު ވެރިޔާ އެޑޮލްފް ހިޓްލަރާ ދެކޮޅަށް އުފުލާށެވެ.

ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިން ބައިވެރިވިތާ އަހަރު ދުވަސް ވީއިރު އިއްތިހާދަށް އެނގިފައި އޮތީ ޖަރުމަނުން ޔަހޫދީންގެ ދެމިލިޔަން މީހުން މަރާފައިވާ ކަމާއި އިތުރު ފަސް މިލިޔަން މީހުން މަރަން ރާވާފައިވާ ކަމެވެ. ހުޅަނގުގެ ގައުމުތަކުން މަޝްހޫރުކޮށްފައިވާ ރިވާޔަތުގައި ބުނާ ގޮތުން އިއްތިހާދުން ޖަރުމަނުގެ ކޭމްޕްތައް ހިފައި، އެތަނުގައި ތިބި މީހުން ސަލާމަތް ކުރުމާ ހަމައަށް ، ހޮލޮކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް އިއްތިހާދަކަށް ނުލިބެއެވެ. ނަމަވެސް ފަހުން އާއްމުކޮށްފައިވާ ލިއުންތަކުން އެނގޭ ގޮތުގައި 1942 ވަނަ އަހަރު އިއްތިހާދުގެ ގައުމުތަކަށް އެކަން އޮތީ އެނގިފައެވެ. ނަމަވެސް އެކަން ހުއްޓުވަން އިއްތިހާދުން ފިޔަވަޅެއް ނާޅައެވެ.

ޔަހޫދީންނާ ދެކޮޅަށް ޖަރުމަނުން ގަތުލުއާއްމު ހިންގާކަން އެނގުމުން އިނގިރޭސިވިލާތުގެ ހަނގުރާމައާ ބެހޭ ވަޒީރު ވިސްކައުންޓް ކްރެބޯން ވިދާޅުވެފައި ވަނީ " ޔަހޫދީންގެ މައްސަލައަކީ ހާއްސަ މައްސަލައެއް ނޫން ކަމަށާއި ގިނަ އަދަދެއްގެ ރެފިއުޖީންގެ މިހާރުވެސް އުފުލަމުންދާ" ކަމަށެވެ. އެމެރިކާއިން އެކަމާ ފިޔަވަޅު ނޭޅީ އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓްގައި ޔަހޫދީންނާ ދެކޮޅު ވިސްނުން އޮތުމާއި ހަނގުރާމައަށް ފަހު ޖަރުމަނާ ވިޔަފާރީގެ ގުޅުން ގާއިމްކުރުމުގެ ގަސްދު އޮތުމުން ކަން ވެސް ލިއުންތަކުން ވަނީ ހާމަވެފައެވެ.

އދ. އިން ލިއުންތައް އާއްމުކުރީ އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ކުރިން ކުރައްވާފައިވާ ސަމަންތާ ޕަވާ އެކަމަށް ވަކާލާތު ކުރެއްވުމުން ކަމަށް ދ އިންޑިޕެންޑެންޓް ނޫހުން ބުންޏެވެ.

ޔަހޫދީންނާ ދެކޮޅަށް ހިޓްލަރު ހިންގި ގަތުލުއާއްމުގައި ހަ މިލިޔަން ޔަހޫދީން މެރިއެވެ. އެމީހުން މެރީ ގޭސް ޗެމްބަރުތަކަށް ލައިގެންނާއި އިންސާނިއްޔަތާ ހިލާފު އެހެން ވެސް ގިނަ އަނިޔާތަކެއް ދީގެންނެވެ.