ރާއްޖެ ކުޅިވަރު

ކާމިޔާބު ސީޒަނަކަށް ހަދަން ޔުނައިޓަޑަށް ރަނުގެ ފުރުސަތެއް

Apr 20, 2017

ޔޫރޮޕާ ލީގަކީ، އުނދަގޫ ސީޒަނެއް، ފުރިހަމަކޮށް ރީތިކޮށްލަން މެންޗެސްޓާ ޔުނައިޓަޑަށް ލިބޭ ފަހި ފުރުސަތެއްކަމަށް، އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމުގެ އަޒުމު ޔުނައިޓަޑްގެ ކިބައިގައި އޮތްނަމަވެސް، އެކަމަށް އޮތީ އުނދަގޫ ދަތުރެ ކެވެ. ޔޫރޮޕާ ލީގް ޔުނައިޓަޑް ކާމިޔާބު ކޮށްފިނަމަ، މިހަތަނަށް ނުލިބޭ ތަށްޓެއް އެޓީމަށް ލިބުމުގެ އިތުރަށް، އެހެން ފަހި ފުރުސަތެއްވެސް ލިބެ އެވެ. އެއީ ޔޫރޮޕާ ލީގް ޗެމްޕިއަން ޓީމަށް، ޗެމްޕިއަންސް ލީގްގެ އޮޓަމެޓިކް ޖާގަ ލިބޭތީ އެވެ.

އެހެންވެއްޖެ ނަމަ، މިހާރު ޕްރިމިއާ ލީގްގެ ފަސް ވަނައިގައި އޮތް ޓީމަށް، ގަދަ ހަތަރެއްގެ ތެރެއަށް ނުވަދެވުނަސް މައްސަލައެއް ކުރިމަތި ނުވާނެ އެވެ.

"އުނދަގޫ ސީޒަނެއް، މެޗުތައް ވަރަށް ގިނަ އަދި ޓީމެއް ބިނާ ކުރަމުންދާ ދަނޑިވަޅެއް، ޓީމު އެތޭގައި ބަދަލު ގެންނަން ޖެހިފައި ހުރި ވިސްނުންތަކެއް ބަދަލު ކުރަން މަސައްކަތް ކުރާ ވަގުތެއް، މިކަހަލަ ހާލަތެއްގެ ތެރެއިން ޔޫރަޕްގެ ފައިނަލެއްގައި ކުޅެ (ކާމިޔާބު ހޯދުމަކި) މެންޗެސްޓާ ޔުނައިޓަޑަށް ފުރިހަމަ އަދި ރީތި ސީޒަނަކަށް ވެގެންދާނެ،" ޔޫރޮޕާ ލީގްގެ ކުއާޓާ ފައިނަލުގައި އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ އެންޑާލެކްޓްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އިނގިރޭސި މީޑިއާތަކާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ، ސްވީޑެންގައި ކުޅޭ ޔޫރަޕާ ލިގްގެ ފައިނަލާ ހަމަޔަށް، ޔުނައިޓަޑަށް ދެވިއްޖެނަމަ، އެވެގެންދާނީ ޔުނައިޓަޑްގެ ފޯވަޑް، ސްވިޑެންގެ ޒަލްޓާން އިބްރޮހިމޮވިޗަށް ސީޒަން ނިންމާލަން ލިބޭ ރަނުގެ ފުރުސަތަކަށް ކަމަށެވެ.

އުމުރުން 35 އަހަރު ވިޔަސް، އިބްރޮހިމްވިޗް ދަނީ ޔުނައިޓަޑްގައި މޮޅު ކުޅުމެއް ދައްކަމުން ނެވެ. އޭނާ އަކީ މި ސީޒަންގައި ޔުނައިޓަޑްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

އެންޑާލެކްޓްއާ ދެކޮޅަށް މިރޭ، ކުޅޭ މެޗު 0-0 އެއްވަރު ކޮށްލެވުނަސް، ޔުނައިޓަޑަށް ސެމީ ފައިނަލަށް ދެވޭނެ އެވެ. ބެލްޖިއަމްގައި ކުޅުނު މެޗު 1-1 އެއްވަރުވުމުން، ޔުނައިޓަޑް އަތުގައި އަވޭގޯލެއް އޮތުމަކީ، ޔުނައިޓަޑަށް އޮތް ހިތްހަމަ ޖެހުމެކެވެ. ލަނޑު ޖެހުމުގެ މައްސަލަ އެ ޓީމަށް ކުރިމަތި ވެފައި ވީނަމަވެސް، ޕްރިމިއާ ލިގްގައި، ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި، ޔުނައިޓަޑުން ވަނީ ޗެލްސީގެ މައްޗަށް 2-0 ކާމިޔާބު ހޯދަފަ އެވެ.