ދުނިޔެ

ހީވީ ނިއުކްލިއަ ޓެސްޓެއް ކުރަނީ ކަމަށް، އަސްލު ކުޅުނީ ވޮލީ!

Apr 21, 2017
2

އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވުމުން އެމެރިކާގެ އެނަލިސްޓުން އަބަދުވެސް އުތުރުގެ ސެޓެލައިޓް ފޮޓޯތައް ބަލައި ދިރާސާ ކުރެ އެވެ. އެއީ ނިއުކްލިއަ ހަތިޔާރު ތަރައްގީ ކުރުމުގެ މަސައްކަތް ހިންގާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަންތަނުގައި މީހުން ހަރަކާތްތެރިވޭތޯ ބެލުމަށެވެ. މީހުން ހަރަކާތްތެރިވާ ކަމަށް ފޮޓޯތަކުން ފެނިއްޖެ ނަމަ ދެން ބަލާނީ ކުރަނީ ކޮން ކަމެއްތޯ އެވެ.

އެ ފެންވަރަށް އުތުރު ކޮރެއާގެ ކަންތައްތައް ބަލަމުން އަންނަ އެމެރިކާގެ މުހައްލިލުން ފާއިތުވި ހަފްތާގައި ހީކުރީ އުތުރު ކޮރެއާއިން ކޮންމެ ހިނދެއްގައި ވެސް ނިއުކްލިއަ ޓެސްޓެއް ކޮށްފާނެ ކަމަށެވެ. އެމެރިކާއިން އުތުރު ކޮރެއާއަށް ދޭ އިންޒާރުތައް އިތުރުކުރީ އެހެންވެ ކަމަށް ބެލެވެއެވެ. އެގޮތަށް ބެލީ އުތުރު ކޮރެއާގައިވާ ނިއުކްލިއަ މަސައްކަތްތައް ހިންގާ ކަމަށް އެމެރިކާއިން ދެކޭ ސަރަހައްދެއްގައި މީހުން ހަރަކާތްތެރިވާ ތަން ސެޓެލައިޓް ފޮޓޯތަކުން ފެނުމުންނެވެ.

ފޮޓޯތައް ތަހުގީގުކޮށް، އެމެރިކާގެ މުހައްލިލުން މިހާރު ވަނީ ނަތީޖާއަކާ ހަމައަށް އައިސްފަ އެވެ. އެމީހުން އަންގާރަ ދުވަހު ބުނީ އުތުރު ކޮރެއާގެ ނިއުކްލިއަ ސައިޓްތަކުން ފެނުނު ހަރަކާތަކީ ވޮލީ ކުޅުން ކަމަށެވެ.

އުތުރު ކޮރެއާގެ ކަންތައްތައް ދިރާސާ ކުރާ 38 ނޯތު ގެ މާހިރު ޖޯއީ ބާމިއުޑޭޒް ދެކެވަޑައިގަންނަވާ ގޮތުގައި ނިއުކްލިއަ ސައިޓްގައި ވޮލީ ކުޅޭ މަންޒަރު ދެގޮތަކަށް މާނަ ކުރެވިދާނެ އެވެ. އެއްގޮތަކީ އެތަން ތައްޔާރީ ހާލަތެއްގައި އޮތުމެވެ. އަނެއް ގޮތަކީ އެތަނަށް ފާރަލާކަން އިނގޭތީ ބަލާ މީހުންނަށް މަގު އޮޅުވައިލަން އުތުރު ކޮރެއާ ސަރުކާރުން މަސައްކަތް ކުރުމެވެ.

އެމެރިކާއިން އިންޒާރު ދެމުން ދަނިކޮށް ވެސް އުތު ރުކޮރެއާއިން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ބެލިސްޓިކް މިސައިލްތަކެއް ޓެސްޓްކުރި އެވެ.

އުތުރު ކޮރެއާއިން ހިންގާ ރުޅިއެރުވުމުގެ އަމަލުތައް ހުއްޓައި ނުލާ ނަމަ އެގައުމާ ދެކޮޅަށް އެމެރިކާ އެކަނި ނަމަވެސް ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ކުރިން ވަނީ ވިދާޅުވެފަ އެވެ. ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ޗައިނާއިން އޭރު ފާޅުކުރިއެވެ. އުތުރުކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓް ނާކާމިޔާބު ވުމުން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކްމާސްޓާ ވިދާޅުވީ އުތުރު ކޮރެއާގެ ނާކާމިޔާބު މިސައިލް ޓެސްޓަށް ރައްދުދޭން އަޅާނެ ގިނަ ފިޔަވަޅުތަކަކާ މެދު އެމެރިކާގެ ބައިވެރިންނާއި ޗައިނާއާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމުން ދޭހަ ކޮށްދެނީ އުތުރު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވަން ޓްރަމްޕް ނުނިންމަވާ ކަމެެވެ.

"މިއީ އަހަރެމެން ހުރިހާ ފިޔަވަޅުތަކެއް އަޅަންވީ ވަގުތު، އަސްކަރީ ފިޔަވަޅު ފިޔަވައި. މިކަން ސުލްހަވެރި ގޮތަކަށް ހައްލުކުރަން،" ބީބީސީ "ދިސް ވީކް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މެކްކާސްޓާ ވިދާޅުވެފައި ވެއެވެ.