ދުނިޔެ

ސޫރިޔާގެ މި ފޮޓޯގްރާފަރު ނެގީ ފޮޓޯއެއް ނޫން، އޭނާ ނެގީ އެކްޝަން!

Apr 22, 2017
2

ފޮޓޯގްރާފަރުންނަކީ ވެސް އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނުހުންނަ ބައެކޭ ހީވާ ފަދަ ފޮޓޯތައް ބައެއްފަހަރު ފެނެ އެވެ. ސޫދާނަށް 1993 ވަނަ އަހަރު ކުރިމަތިވި ބަނޑުހައިހޫނުކަމުގައި ބަލިވެގެން ވެއްޓިފައި އޮތް ކުޑަ އަންހެން ކުއްޖަކާ ދިމާލަށް ބަލަން އިން ގަބުރު ކައިއުޅޭ ވައްތަރުގެ ދޫންޏެއް ކަމަށްވާ "ވުލްޗާ" އެއްގެ ފޮޓޯނެގި ކެވިން ކާޓާއަށް އެ ތުހުމަތު ކުރެވުނެވެ. އޭނާއަށް އެ ތުހުމަތު ކުރީ ކާބޯތަކެތި ބަހަމުން ދިޔަ ތަނަކާ ދިމާލަށް ދާން މަސައްކަތް ކުރި އެ ކުޑަކުއްޖާއަށް އެހީ ނުވެ ދިއުމުންނެވެ. ނަމަވެސް އެފޮޓޯ ފުރަތަމަ ޝާއިއުކުރި ނިއުޔޯކް ޓައިމްސް އިން އޭރު ބުނެފައި ވަނީ ކާޓާ އެކުއްޖާއަށް އެހީ ނުވެ ދިޔައީ ފަހުން އެކުއްޖާ ތެދުވުމުން ކަމަށެވެ. ނަމަވެސް އެކުއްޖާއަށް ވީ ގޮތެއް ފަހުން ބެލިފައެއް ނުވެއެވެ.

ސޫރިޔާގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގެ މަންޒަރުތައް ފޮޓޯ ނަގަން އުޅޭ އަބުދުލް ގާދިރު ހަބަކްއަށް މަރަށް ތެޅޭ ކުޑަކުދިންތަކެއް ފެނުމުން މުހިއްމުވީ ފޮޓޯ ނެގުމެއް ނޫނެވެ. އޭނާ ބެލީ އެންމެ ކުއްޖަކު ނަމަވެސް ސަލާމަތް ކުރެވޭތޯ އެވެ. ސޫރިޔާ ސަރުކާރާއި އެ ސަރުކާރާ ބައިވެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދަކުން އެގައުމުގެ އިދިކޮޅު ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދަކަށް މީހުން އުފުލި ބަސްތަކެއްގެ ކައިރީގައި ބާރުގަދަ ބޮމެއް ގޮވީ ހަބަކް އެތާނގައި ހުއްޓައެވެ. ބޮން ގޮވުމުން އޭނާ ފުރަތަމަ ހޭނެތުނެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ހޭ އެރުމުން ހަބަކް ބެލީ ޒަހަމްވެފައިވާ މީހުންނަށް އެހީތެރިވެދެވޭ ތޯއެވެ. ޒަހަމް ވެފައިވާ ކުއްޖެއް ކަމަށް ހީކޮށް އޭނާ އެންމެ ފުރަތަމަ އުފުލަން އޮޅުލައި އުޅުނު ކުއްޖާ އޮތީ މަރުވެފައެވެ. ދެން ބެލި ކުއްޖާ ނޭވާ ލައެވެ. އެހެންވެ އެކުއްޖާ ނަގައިގެން އަވަަހަށް ދުއްވައިގަތީ އެމްބިއުލާންސަކާ ދިމާލަށެވެ. ފޮޓޯއިން އެ ފެންނަނީ އެ މަންޒަރެވެ. އަލެއްޕޯ މީޑިއާ ސެންޓަރުން އާއްމު ކުރި އެ ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ޝެއާކޮށްފަ އެވެ. މިދިއަ ހޮނިހިރު ދުވަހު އެ ހާދިސާ ހިނގި ސަރަހައްދުގައި ހަބަކް ހަރަކާތްތެރިވާ ދެވަނަ ފޮޓޯއެއް ވެސް ވަނީ ވަރަށް ވައިރަލް ވެފައެވެ.

އެފޮޓޯއިން ފެންނަނީ ބޮމުގެ ހަމަލާގައި މަރުވި ކުއްޖެއްގެ ހަށިގަނޑުގެ ކައިރީގައި ހަބަކް ރޯން އިންދައެވެ. އެ ފޮޓޯގައި އޭނާގެ މޫނުމަތިން ފެންނަން ހުރި އަސަރުން، ސޫރިޔާ މީހުންގެ ކެކުޅުން ވަރަށް ސާފުކޮށް ފެނެއެވެ.

"ހިތާމައިން އަހަރެންނަށް ކެތް ނުވީ، އަހަރެންނަށް އަދި އަހަރެންނާ އެކީ މަސައްކަތް ކުރި މީހުންނަށް ފެނުނު މަންޒަރަކީ ސިފަ ނުކޮށްދެވޭ ފަދަ މަންޒަރެއް،" ފޮޓޯތަކާބެހޭ ގޮތުން ސީއެން އިން ސުވާލުކުރުމުން ހަބަކް ބުނެފައި ވެއެވެ.

ސޫރިޔާގެ ހަތް އަހަރުވީ ހަނގުރާމައިން އެފަދަ ކިތަންމެ ފޮޓޯއެއް ވަނީ އާއްމުވެފަ އެވެ. އެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 500000 އަށް ވުރ މައްޗަށް ގޮސްފައިވާ އިރު ހަނގުރާމަ ނިމިދާނެ ކަމުގެ އެއްވެސް އުއްމީދެއް އަދި ނެތެވެ. އެހެންވީމާ މިފަދަ ކިތަންމެ މަންޒަރެއް އަދި ފެންނާނެ އެވެ.