ފިނިޕޭޖް

މޫދާ ހިސާބުން ޒަކިއްޓެގެ ވާހަކަ އަދި ނުނިމޭ

އެންމެ ފުރަތަމަ ކިޔާލަ ދީބަލަ ތިނަން އައިސްފަ ތި އިން ގޮތެއް؟ ހަސަން އިރުފާން ކިޔާ މީހަކަށް ޒަކިއްޓޭ މި ކިޔުނީ ކީއް ވެގެން؟ ހިތް އަވަސް ވެފައި އަވިއްސެއްހެން ގަޑިއަށް ބަލައިލަ ބަލައިލާ އިން ޒަކިއްޓެގެ އިންޓަވިއު ފެށުނީ މިހެންނެވެ.

"ސެކަންޑަރީ ސްކޫލްގައި އުޅެނިކޮށް އެއީ. ދަނޑިގޭ ޒަކަރިއްޔާ އޭ ކުދިން ފުރަތަމަ ކިޔަން ފެށީ. އޭތި ބަދަލުވީ ފަހުން ޒަކިއްޓެ އަށް. ދަނޑިގޭ ޒަކަރިއްޔާ އަކީ ގިޔާސް ކުޅުނު ޑްރާމާއެއްގައި ކިޔާ ނަމެއް."

ނަމުގެ ވާހަކަ މިހާ ހިސާބުން ދޫކޮށްލުމަށްފަހު ލަވައިގެން ދާއިރާއަށް ޒަކިއްޓެގެ ޝައުގުވެރިކަން ދަމައިގަަތް ގޮތް ޒަކިއްޓޭ ކައިރީ އެހީމެވެ. ވަން ނައިޓް ސްޓޭންޑްގެ ލަވަތައް އަޑުއެހުމަށްފަހު ކުރިއަށް ދާން ބޭނުންވި ދާއިރާ އެއްކޮށް ބަދަލުކޮށްލުމުގެ ވިސްނުމެއް އައީ އެވެ. ކުޑައިރު މިކަމަކަށް މާ ބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. ބޮޑުވަމުން އައި އިރު އެންމެ ބޮޑަށް ބޭނުންވީ ފުލުހަކަށް ވާށެވެ.

"ވަރަށް ފަން މިއުޒިކެއް ހަދާ ބައެއް އެއީ. އޭގައި އުޅޭ އީމާން ތައުފީގުމެން ގްރޭޓް ވޯކަލިސްޓުން އެއީ." ލައިވް މިއުޒިކާ ދިމާލަށް ޒަކިއްޓެ ދީލައިލި ސަބަބު ކިޔައިދިނެވެ. އެއީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރި އެވެ. ބޮޑަށް ސާނަވީ ތައުލީމަށް ދިއުމަށްފަހު ވިސްނުމަށް އައި ބަދަލުން ކުޑައިރު ދުށް ހުވަފެން ކަމަށްވާ ފުލުހަކަށްވުމުގެ ހިޔާލު ދޫކޮށްލާ މިއުޒިކާ ދިމާލަށް ދުއްވައިގަތީ އެވެ. މިހާރު ޒަކިއްޓެގެ ކެރިއާ އަކީ މިއުޒިކް ކުޅުމާއި ލަވަ ކިޔުމެވެ.

ޖަމާލުއްދީން ސްކޫލްގައި އުޅެމުން އަދި ދަރުމަވަންތަ ސްކޫލްގައި އުޅެމުންވެސް ލަވަ މުބާރާތްތަކުގައި ބައިވެރިވި އެވެ. އެއް ފަހަރު ސްކޫލް މުބާރާތުން ދެ ވަނަ ލިބުނެވެ.

"ސްކޫލްގައި އުޅެމުން ބައިވެރިވިން. އެކަމަކު ހަމަ ފުލަށް ދަނީ." ސްކޫލް ދައުރުގެ މިއުޒިކީ ހަޔާތް ކިޔައިދެމުން ހިނިގަނޑަކާއެކު ޒަކިއްޓެ ބުނީ މިހެންނެވެ.

ސްކޫލް ދައުރުގައި ޒަކިއްޓެއަށް މާބޮޑު ކާމިޔާބެއް މި ދާއިރާއިން ނުލިބުނަސް މޯލްޑިވިއަން އައިޑޮލްގައި ދަތުރުގައި ބައިވެރިވެގެން ޒަކިއްޓެއަށް މިވަނީ ދާއިރާއަށް ނިކަން ރަނގަޅަށް ވަދެވިފަ އެވެ. މިހާރުވެސް ކެރިއާގެ މަސައްކަތްގަނޑު ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ. ގަދަ ނުވަޔަކުން ޒަކިއްޓޭގެ އައިޑޮލް ދަތުރު ނިންމާލަން ޖެހުނަސް މިއުޒިކްގެ ހަގީގީ ދަތުރު އަދި އޮތީ ކުރިއަށެވެ.

"މިހާރު މިދަނީ ބަޔަކު އަޅާފައި ހުރި މިއުޒިކް ތަކަކަށް އަޑު އަޅަމުންނާއި ދެން އަމިއްލަ ރާގުގެ ލަވަތަކެއް ހެދުމުގެ މަސައްކަތް ކުރަމުން." އިއްޔެ ހެނދުނު ފުރަންދާން ލަސްވެގެން ހުރެ ޒަކިއްޓެ ބުންޏެވެ. ރޭވެސް ޒަކިއްޓެ ކ. ތުލުސްދޫގައި އޭނާގެ ޝޯއެއް ދިނެވެ. މިއީ އައިޑޮލްގެ ދަތުރަށްފަހު އޭނާ ދިން ފުރަތަމަ ޝޯ އެވެ.

މިހާރުވެސް ނިކަން ގިނަ ހުވަފެންތަކެއްގައި ކުލަ ޖައްސަންވެފައި އެބަހުއްޓެވެ. ރާފިޔަތު ރަމީޒާ އާ އެކީ ލަވައެއް ކިޔާލުން، ސެވަންޓީސް ޕޯސްޓާ ބޭންޑާއެކީ ޝޯއަކަށް އެރުން، އީމާން ތައުފީގް އާ އެކީ ލަވައެއް ކިޔާލުން އަދި ޖޯކާލް ކާޑް ބޭންޑާއެކީ ލަވަ ކިޔުމަކީވެސް ޒަކިއްޓެގެ ހުވަފެންތަކުގައި ތެރޭގައި ހިމެނޭ ކަމެކެވެ. އަމިއްލަ އަލްބަމެއް ނެރުމުގެ ހުވަފެނުގައިވެސް ކުލަ ޖައްސަން ބޭނުމީ އެ ހުރިހާ ކަމެއް ފުރިހަމަ ކުުރުމަށް ފަހުގަ އެވެ.

"ރާފިޔަތު، އީމާން، އައްފާން މި މީސްމީހުންނަކީ ދިވެހި ލަވައިގަ އަޅުގަނޑު އިންސްޕަޔާވާ މީހުން. ރާފިޔަތު މީ އޯލް ޓައިމް ފޭވަރިޓް." ޒަކިއްޓޭ ބުންޏެވެ.

ދެން އޮތޯ ޒަކިއްޓެ އާއި މޫދާ ދެމެދު އޮންނަ ގުޅުމުގެ ވާހަކަ އެވެ. އައިޑޮލް ދަތުރުގެ މެދުތެރެއިން ފުންމާލުމަށްފަހު އަނެއްކާވެސް މޫދާއި ގުޅުނީ އެވެ. އައިޑޮލް އާއި ވަކިވި ފަހުން އެންމެ ގަވާއިދުން ކުރެވޭ ކަމަކީވެސް މޫދަށް ދިއުމެވެ.

މޫދާއި ލަވަ ކިޔުމަކީ ޒަކިއްޓެގެ ހަޔާތުގެ ބޮޑު ހިއްސާވާ ދެ ކަމަށްވާއިރު އައިޑޮލްއިން ޒަކިއްޓައަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފަ އެވެ. ލަވަ ކިޔުމުގެ ދާއިރާއިން އެކަންޏެއް ނޫނެވެ. މީހާގެ އުޅުން ރަނގަޅުކުރުމަށާއި ރަނގަޅު އަހްލާގެއް ވަނީ ދަސްވެފަ އެވެ. ޒަކިއްޓެ ބުނަނީ ކުރިން އުޅުނު އުޅުމާއި އައިޑޮލްގެ ގެއިން ނިކުމެ ޒަކިއްޓެ އުޅޭނެ އުޅުން ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ.

"އައިޑޮލް ޖާނީއަކީ ހަމައެކަނި ލަވަ ކިޔުމެއް ނޫން މީހާގެ އަމިއްލަ ނަފުސު ރަނގަޅު ކުރުމަށް ވެސް ފުރުސަތު ލިބުނު ޖާނީއެއް، މީހާ ކުރިން އުޅުން ގޮތް ބާއްވާފައި، މީހާގެ ކުރިއަށް ދެން ވިސްނަންވީ،" ޒަކިއްޓެ ބުންޏެވެ. "ދަސްވި ވަރަށް ގިނަ ކަންކަން، މީހާ އަމިއްލައަށް އިންޕުރޫވްވާނެ ގޮތްގޮތާއި އަމިއްލައަށް އެޕްރިޝިއޭޓް ކުރާނެ ގޮތާއި މީހުން ކިޔާނެ އެއްޗެއްސަށް ނުވިސްނަން ޖެހޭނެ ގޮތާއި ދެން ކުޑަކޮށް ލަވަ ކިޔަން ވެސް ދަސްވި،"

ޒަކިއްޓެ އާއިވެސް ޓޮޕް ތިނަކަށް ދާނެ ހެން ހީވާ ތިން ބައިވެރިންނަކީ ކޮބައޮތޯ ސުވާލު ކޮށްލީމެވެ. ޒަކިއްޓެގެ ލިސްޓުގައި ހިމެނެނީ ޝަމްވީލް މުހައްމަދު، ހަމޫދު އަދި މުހައްމަދު ތަސްނީމް (ބޮބް) އެވެ.

މިހާ ހިސާބުން ފުރަން ދާން ލަސްވާތީ ޝުކުރުގެ ލިސްޓު ކިޔާލުމަށްފަހު އިންޓަވިއު ނިންމާލާފައި ޒަކިއްޓޭ ހިނގައްޖެ އެވެ.

"އެންމެ ފުރަތަމަވެސް އަޅުގަނޑު މީހަކަށް ހަދައިދިން މަންމަ އާއި އާއިލާ، ރައްޓެހިންނަށް. އަލީ ޝާން، ފިޒަން، ހުޝާމް، ނަބީލް، ބޮކިޓޯސް، ހަމީމް، ހުވެއިނާ، ސަހާ، ދެންމި ފީލްޑް ދޫކޮށް ނުލުމަށް އަޅުގަނޑަށް ޕުޝް ދިން ހުރިހާ ރައްޓެހިންނަށް ޝުުކުރު އަދާ ކުރަން.