ޑރ. މުހައްމަދު އާސިމް

"ގޮންޖެހުންތަކާ އެއްވަރަށް ހާރިޖީ ދާއިރާ ތައްޔާރުވާން ޖެހޭ"

  • ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރަންޖެހޭ
  • އިތުރު މުވައްޒަފުން ވެސް ބޭނުންވޭ
  • ގޮންޖެހުންތަކަށް ދަނީ ތައްޔާރުވަމުން

ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކާ އެއްވަރަށް ހާރިޖީ ދާއިރާވެސް ތައްޔާރުވާން ޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ސަފީރުންގެ މަހާސިންތާ ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާސިމް ވިދާޅުވީ ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތައް ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭ ގިނަ ކަންކަން މަހާސިންތާގެ ތެރެއިން ހިއްސާ ކުރެވުނު ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ ފުޅާވެގެންދާ ކަމަށާއި އޭގެ ސަބަބުން ތަފާތު ގިނަ ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ގޮންޖެހުންތަކާ އެއްވަރަށް ރާއްޖޭގެ ހާރިޖީ ދާއިރާ ވެސް ތައްޔާރު ވާން ޖެހޭ. އެ ދާއިރާ ބައްޓަން ކުރަން ޖެހޭނީ އެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފެންވަރަށް. އެގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން މިއަންނަނީ،" އާސިމް ވިދާޅުވި އެވެ.

ހާރިޖީ ދާއިރާ ވަރުގަދަ ކުރުމަށްޓަކައި ކުރަން ޖެހޭ ބައެއް ކަންކަމުގެ މައްޗައް އަލިއަޅުވާލަމުން މިނިސްޓަރު ވިދާޅުވީ އެ ދާއިރާގައި މިހާރު މަސައްކަތް ކުރާވަރަށް ވުރެ ގިނަ މުވައްޒިފުން ބޭނުންވާ ކަމަށާއި ގާނޫނީ އޮނިގަނޑު ވެސް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.