ލައިފްސްޓައިލް

ވަސް ނުބަލާތި! ކަނީރުމަލުގެ މީރު ވަހަކީ މުޅިން ވިހަ!

މި މަލަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ގޭގޭގައި މިހާރުވެސް ހައްދާފައި ހުންނަ މާ ގަހެކެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ މި މާގަހުގެ ކިތަންމެ ވިހަ ގަދަ ވެފަ ނުރައްކާ ކަމުގައި ވިޔަސް އޭގަ އެހުންނަ މީރު ވަހަކުން މީހުންގެ ޝައުގުވެރިކަން އެ މަލަށް ދަމައިގަނުވަ އެވެ.

ދުނިޔޭގެ އެންމެ ވިހަ ގަދަ 10 ގަހުގެ ތެރޭގައި މި ގަސް ހިމެނެ އެވެ. މި ގަހުގެ ވިހަ ހުންނަނީ ހަމަ އެކަނި މަލަކު ނޫނެވެ. ގަހުގެ ފަތާއި، މޫ، ގަހުގެ ތޮށި އަދި ލަކުޑިއަކީ ވެސް މުޅިން ވިހަ އެވެ. މުޅި ކަނީރު ގަހަކީ އޭގެ ޒާތުގައި މުޅިން ވިހަ އެވެ. ނަމަވެސް ގޭގޭގެ ގޯތި ތެރެއިން ފެށިގެން އޮފީސްތަކުގެ ގޯތި ތެރޭގައި އަދި ސްކޫލްތަކުގެ ކޮމްޕައުންޑް ތެރޭގައިވެސް މި ގަސް ހައްދާފައި ހުންނަނީ މަދެއްކޮށް ނޫނެވެ. ކިތަންމެ ވިހަގަދަޔަސް ދިވެހިންނަށް އެއިން މާބޮޑު އަސަރެއް ކުރާތަނެއް ނުފެނެ އެވެ. ކަނީރު މަލާ ދުރަކަށް ނުދެ އެވެ. ވަސް ނުބަލައެއް ނުތިބެވެ އެވެ. މި މާ މަޝްހޫރުވެފައިވަނީ "ސަހާރުގެ ފިނިފެންމާ" ގެ ގޮތުގައި އެވެ.

ދިވެހިންގެ ކަނީރު ގަސް ހެއްދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެގަހުގެ މަލެވެ. އެ މަލުގެ ވަހަކީ ދިވެހި އަންހެނުންނަށް ނިކަން ކަމުދާ ވަހެކެވެ. ތާރީހުގެ ވާހަކަތަކުން ވެސް އެކަން އެނގެ އެވެ. މިސާލަކަށް "ދޮންތުއްކަލާގެ އައްޑޫ ދަތުރު" ކިޔާލާށެވެ. "މާމަކުނުދޫ ބޮޑު އީސަ" ވާހަކަ ބަލައިލާށެވެ. "ރަށްފުށުގެ ދިރިއުޅުން" ހާވާލާށެވެ. މި ވާހަކަތަކުން ވަރަށް ބޮޑަށް އެކަން ސާބިތު ކުރެވޭނެ އެވެ.

މި މަލުގެ ވިހައިގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިންވަރަކީ އެ މަލުގެ ވިހައިގެ ސަބަބުން މީހާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައި އެއްޗަކަށް ވުމެވެ. ކަނީރު ގަހުގެ ކޮންމެ ބާވަތެއްގެ ކުޑަ މިންވަރެއް މީހެއްގެ ހަށިގަނޑަށް ޑޯޒްވި ނަމަވެސް ވަރަށް ބޮޑަށް ވިހަވާނެ އެވެ. އެހެން ދިމާވެއްޖެނަމަ ހިތުގެ ހިނގުމަށް ބަދަލު ގެނައުމާއިއެކު ހޭނެތިގެން ވެއްޓޭ ގޮތް ވާނެ އެވެ. މި ވިހައިގެ ސަބަބުން މަރުވާން ދިމާވަނީ ކަނީރު ވިހައިގެން ސަބަބުން ދިމާވާ ކާޑިއަކް އެރީތިމިއާގެ ސަބަބުންނެވެ.

ކަނީރު މަލުގެ ވަހަކީ މީރު ވަހަކާއެކު މަސްތު ކުރުވާ ވަހެކެވެ. އެކަމުގެ ސަބަބުން ބޯ އަނބުރާ، ހޮޑުލެވި އަދި އަނބުރައި ގަނެގެން ވެއްޓެން މެދުވެރިވެ އެވެ. މި މަލުގެ ވަހުން މަސްތު ވުމުން މީހާގެ އަމަލުތައް އެންމެ ބޮޑަށް ވައްތަރުވާނީ ޖިންނި މޮޔަވާ މީހެއްގެ އަމަލުތައް ހުންނަ ގޮތާ ކަމަށް އުމުރުން ދުވަސްވީ މީހުން ބުނެ އެވެ. އެގޮތުން ހަމަނުޖެހޭ ވާހަކަތައް ދެއްކުމާއި، ހަރަކާތް އަވަސްވެ ކުއްލި ކުއްލިއަށް ވިޔަރި އެރުމާއިއެކު ވާގި ގަދަވާނެ އެވެ. އަޑަށް ބަދަލު އަންނަ ކަމަށްވެސްވެ އެވެ.

ރާއްޖޭގައި ކިތަންމެ ގިނައިން މި ގަސް ހެއްދިއަސް މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި މި ގަސް ނުހެއްދުމަކީ ދުނިޔޭގެ ގައުމުތަކުގައި ގެންގުޅޭ "އަންޑަސްޓޭންޑިން" އެކެވެ.