"އައި އޭމް ބެކް" ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހުގެ މޯލްޑިވިއަން އައިޑޮލްގެ ޝޯ ފަޅުފިލުވައިދިނީ ފުރަތަމަ ސީޒަންގެ އެންމެ މަގުބޫލް ޖަޖު އަހުމަދު އިބްރާހިމެވެ. އައްމަޑޭ އެ ރޭ އިނީ މިފަހަރު ސީޒަންގައި އޭނާ ރިޕްލޭޒްކުރި އިސްމާއީލް އައްފާންގެ ގޮނޑީގަ އެވެ. ބައިވެރިންގެ ހުށަހެޅުންތަކާ ހިތްހަމަ ނުޖެހިގެން އައްފާން ވަނީ ޝޯ ދޫކޮށް ނިކުމެގެން ގޮސްފަ އެވެ.
"ވަރަށް ވަރަށް މިސް އިނގޭ އަސްލު ވެސް، އެންމެ ބޮޑަށް މިސްވި ކަންތައް ބުނަންތަ؟ ދެޓް ޕޮޒިޓިވް ވައިބް ޔޫ ގިވް އަސް އަބަދުވެސް، އެއްކަލަ މަޖާ ސަކަރާތް ގަނޑު ދޯ؟ ވަރަށް މިސް ވި އަސްލު،" އައްމަޑޭ އެނބުރި އައުމާއެކު ޝޯގެ އަނެއް ޖަޖު އުނޫޝާ އުފާވެ އިނދެ ބުނީ މިހެންނެވެ.
މިކަމާ އެއްބަސްވާ ބައެއް އައިޑޮލްގެ ސަޕޯޓަރުން ވެސް އެބަތިއްބެވެ. ޝޯއިން އައްމަޑޭ ފެންނަން ބޭނުންވާ ކަމާއި އެ ސަކަރާތް ގަނޑު ބަލަން ބޭނުންވާ ސަޕޯޓަރުން އެބަ ތިއްބެވެ. އައްމަޑޭއަކީ ސަޕޯޓަރުންގެ ތެރޭގައި މަގުބޫލު ޖަޖެކެވެ. ޝޯ "ފަޅާލައި" ވަރަށް މަޖާ ވެސް ޖަޖެކެވެ. އެހެންކަމުން އައްމަޑޭގެ އެނބުރި އައުމުން ގިނަ ބަޔަކަށް އުފާ ލިބުނެވެ.
އެކަމަކު ދެން އުފެދެނީ އުނޫޝާ އެ ރޭ ކުރި ސުވާލެވެ. "އައްފާން އިސް އައި ތިންކް ސިޓްލް އެންގްރީ، އައި ޑޯން ނޯ ވަޓްސް ގޮއިން އޯން ހިޔާ، ސޯ ލެޓްސް ގޯ ވިތު ފްލޯ؟،" އެންމެ ފަހު ޝޯގައި އުނޫޝާ ބުންޏެވެ.
އައްފާންގެ ރުޅިގަނޑު އަދިވެސް މައިތިރިނުވާނަމަ އޭނާ ޝޯއިން ފެނުމަކީ އެހާ ކައިރި ކަމެއް ނޫނެވެ. އެންމެފަހު ޝޯއިން ވެސް އައްފާން ފެނިފައިނުވާއިރު އައްފާންގެ ގޮނޑި އައްމަޑޭ ފުރުމުން އައްފާންގެ ސަޕޯޓަރުން ވަނީ މާޔޫސްވެފަ އެވެ. އައްފާންއަކީ އައިޑޮލްގައި ހުރި އެންމެ ކުޅަދާނަ ޖަޖު ކަމަށް ގިނަ ސަޕޯޓަރުން ފާހަގަކުރެ އެވެ. އަދި ބައިވެރިންނަށް ރަނގަޅު ކޮމެންޓްކުރާ ދިމާލަށް އެއްޗެހި ބުނަން ކެރޭ ޖަޖެއްގެ ގޮތުގައި ވެސް އައްފާން ވަނީ މަޝްހޫރުވެފަ އެވެ.
އައިޑޮލް މިރޭގެ ޝޯގެ ޓްރެއިލާ އާންމުކޮށްފައިވާއިރު އައްފާންގެ ގޮނޑި ފެންނަނީ ހުސްކޮށެވެ. އެ ގޮނޑިއަށް އެނބުރި އަންނާނެ ކަމެއް ނުވަތަ ގޮނޑީގެ ފަޅު މިރޭ ވެސް އައްމަޑޭ ފިލުވައިދޭނެ ކަމެއް އަދި ނޭނގެ އެވެ.
ކޮންމެ ގޮތެއްވީ ނަމަވެސް ޝޯއިން އައްފާން ފެނުމަކީ އައިޑޮލްގެ މެޖޯރިޓީ ސަޕޯޓަރުން އެދޭ ގޮތެވެ. އެކަން އައިޑޮލްގެ ފޯރި އެންމެ ގަދައަށް ނަގާ ޓްވިޓާއަށް ވަދެލުމުން އެނގޭނެ އެވެ. އައްފާން ޝޯއަށް އެނބުރި އަންނަ ވަރަށް ބައިވެރިން ލަވަ ކިޔާނެ ކަމަށް މިރޭ ބަލަމާ ހިނގާށެވެ.
ޝޯ ކުރިއަށް ދާނީ އައްފާން ނުވަތަ އައްމަޑޭއާއެކު ތޯ ބެލުމަށް މިރޭގެ ޝޯއަށް ކޮންމެހެން ވެސް ޓީވީ ދޮށަށް ޖެހިލަން ހަނދާން ކުރާށެވެ.