ދުނިޔެ

ރާއްޖެއިން ހައްޔަރުކުރި ރަޝިޔާގެ ހެކަރު 27 އަހަރަށް ޖަލަށް

ރާއްޖެއިން ފުރަން އުޅެނިކޮށް 2014 ވަނަ އަހަރުގެ ޖުލައިމަހު ހައްޔަރު ކުރި ރަޝިޔާގެ ހެކަރު ރޯމަން ވެލެރިވިޗް ސެލްޒެނޭވް 27 އަހަރަށް ޖަަލަށްލާން އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ސެލެޒްނޯވް އަށް އެމެރިކާގެ ސީޓުލްގެ ފެޑެރަލް ޑިސްޓްރިކްޓް ކޯޓުން ހުކުމް ކުރީ 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ހިންގި ހަރަކާތެއްގައި އެމެރިކާގެ ރީޓެއިލް ޕޮއިންޓް އޮފް ސޭލްސް ސިސްޓަމްތަކެއް ހެކްކޮށް، ގެއްލުންދޭ ސޮފްޓްވެއާއެެއް އިންސްޓޯލްކޮށްގެން،އެތައް މިލިޔަން ކާޑުތަކެއްގެ ނަމްބަރުތައް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެގެންނެވެ. އޭނާ ވަނީ އެމެރިކާގެ 500 ވިޔަފާރިއަކާއި 3700 މާލީ މުއައްސަސާއެއްގެ ކާޑުގެ އައިޑެންޓިޓީ ވަގަށް ނަގައިގެން އެތައް މިލިޔަން ޑޮލަރެއް ހޯދާފައި ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރިން ވަނީ ބުނެފައެވެ.

ސެލެޒްނޯވް ހައްޔަރު ކުރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރަން ގޮސް، ރާއްޖޭގެ އިމިގްރޭޝަނުން ކްލިއާ ވެގެން މަތިންދާބޯޓަށް އަރަން އުޅެނިކޮށެވެ. އެއާޕޯޓްގައި ތިބި އެމެރިކާގެ ސިއްރު ފުލުހުން ސެލްޒެނޭވް ހައްޔަރުކޮށް އެހެން މަތިންދާބޯޓަކަށް ލައިގެން ގެންދިޔައީ ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ޖަޒީރާއެއް ކަމަށްވާ ގުއާމަށެވެ. ސެލްޒެނޭވް ހައްޔަރުކުރީ 2014 ވަނަ އަހަރުގެ ޖުލައިމަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރި ގޮތާއި މެދު ރަޝިޔާއިން އޭރު ރާއްޖެއަށް ފާޑުކިޔެވެ.

ރޯމަން ސެލެޒްނޯވްއަށް ހުކުމް ކުރުމުން އޭނާގެ ބައްޕަ ވަލޭރި ސެލެޒްނޯވް ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައި ވަނީ އޭނާގެ ދަރިފުޅަށް ހުކުމް ކުރީ " މިނިކާ ބަޔަކު" ކަމަށާއި ދަރިފުޅު ވަނީ ވަގަށް ނަގާފައި ކަމަށެވެ. ދަރިފުޅަށް ކުރި ހުކުމަކީ އުމުރު ދުވަހުގެ ހުކުމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެއީ އޭނާ 27 އަހަރު ޖަލުގައި ދިރި ނުހުންނާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ބީބީސީން ބުންޏެވެ.