ކުޅިވަރު

ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން އިނގިރޭސިން ޖެހިލުންވޭ

Apr 22, 2017

އިނިގިރޭސި ވިލާތުގައި، ހުނަރުވެރި ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި ނަމަވެސް، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އިނގިރޭސި ކޯޗުން ޖެހިލުންވާ ކަމަށް، އެވަޓަންގެ ކޯޗް ހޮލެންޑްގެ ރޮނަލްޑް ކޫމަން ބުނެފި އެވެ.

މި ސީޒަންގައި ކޫމަން ދަނީ، އެވަޓަންގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ބަރޯސާ ވަމުން، އެވަޓަންގެ އެކެޑެމީ ކުޅުންތެރިންގެ އިތުރުން، އޭނާ އެވަޓަންއާ ހަވާލުވެ އެޓީމަށް ގެނައި ޒުވާން ކުޅުންތެރިންނަކީ ޓީމުން، މިހާރު ބާރަބަރަށް ޖާގަ ލިބޭ ކުޅުންތެރިން ނެވެ.

އޭނާ ބުނީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވާހަކަ އިނގިރޭސި ކޯޗުން ދައްކާނެ ކަމަށާއި ނަމަވެސް، އެކަށީގެންވާ ފުރުސަތެއް ޒުވާން ކުޅުންތެރިންނަށް ނުދޭ ކަމަށެވެ. އިނގިރޭސި ކޯޗުންނަށް ވުރެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ކޯޗަކަށް އޭނާ ވާނެ ކަމަށް ކޫމަން ގަބޫލު ކުރެ އެވެ.

"އަހަންނަށް ތަފާތު ފެނޭ އަހަރެން ޒުވާން ކުޅުންތެރިންނާއެކު މަސައްކަތް ކުރާ ހިތްވޭ، އަދި އަހަރެން ޒުވާން ކުޅުންތެރިންނަށް ފުރސަތު ދޭ ހިތްވޭ، އިނގިރޭސި ފުޓްބޯޅައިގައި މަސައްކަތް ކުރާ މީހުން ބުނާނެ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ވާހަކަ، އެކަމު އެމީހުން ފުރުސަތު ދޭނީ 15 ނޫނީ 20 މެޗުން އެއަށްވުރެ އިތުރެއް ނުވާނެ،"

އޭނާ ބުނީ ސައުތުހެމްޓަންގައި މަސައްކަތް ކުރިި އިރުވެސް، އޭނާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާނެ ކަމަށާއި ނަމަވެސް، ސައުތު ހެމްޓަންގައި ޒުވާން ކުޅުންތެރިންގެ އަދަދު މަދު ކަމަށެވެ.

"ސައުތުހެމްޓަންއަށް ބެލިދާނެ އަހަރެން އެ ޓީމުގެ ކޯޗަކަށް ހުރިއިރު ޒުވާން ކިތައް ކުޅުންތެރިންނަށް އަހަންނަށް ފުރުސަތު ދީފައިވާނެތޯ؟ ހަތެއް، އަށެއް، ނޫނީ ނުވައެއް، އެކަމަކު ކީއެއްވެ އެމީހުން ބަރާބަރަށް ފުރަތަމަ 11 ގައި ނުކުޅެނީ އެއީ އެމީހުން އެންމެ ރަނގަޅު ނުވާތީ،"

އޭނާ ބުނީ ޔޫރަޕްގެ މެޗުތައް ކުޅޭނަމަ، ސްކޮޑް ރޮޓޭޓް ކުރުމުގެ ގޮތުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ކަމަށާއި، ނަމަވެސް ޔޫރަޕްގައި ނުކުޅެ ކޮންމެ ހަފުތާއަކު މެޗެއް ކުޅޭތީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނުދޭ ކަމަށެވެ.

"އަހަންނަށް އެނގޭ އަހަންނަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ކޯޗެއްކަން، ކުޅުންތެރިންނަށް އެވަރު ހައްގު ވަންޏާ އަހަރެން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން، އަހަރެން މި ބުނަނީ ސީނިއާ ކުޅުންތެރިޔެއްގެ ބަދަލު ޒުވާން ކުޅުންތެރިޔަކަށް ފުރުސަތު ދޭ ވާހަކައެއް ނޫން، ޒުވާން ކުޅުންތެރިޔަކަށް އެވަރު ހައްގު ވަންޏާ ދޭންވީ، އެއީ ހޮލެންޑާއި ސްޕެއިންގައި އަދި ސައުތު ހެމްޓާންގައި އޮންނަ ގޮތް، އަދި މިހާރު އެވަޓާންގައިވެސް އޮންނަ ގޮތް، ސައުތު ހެމްޓަންގެ ސަޕޯޓަރުންގެ ފަރާތުން އަހަންނަށް އެކަމުގެ ތައުރީފް ހައްގެއް ނޫން ސަބަބަބަކީ އަހަރެން މިހާރު މިހުރީ އެވަޓާންގައި،" ކޫމަން ބުންޏެވެ.