އީރާނުގައި އަންނަ މޭމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަޙުމަދު ނިޖާދު ވާދަ ކުރައްވަން އެ ގައުމުގެ ދީނީ އިލްމުވެރިން ހިމެނޭ ގާޑިއަން ކައުންސިލުން ފުުރުސަތެއް ނުދިނެވެ.
ހުޅަނގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ނިޖާދު ވަނީ 2005 ވަނަ އަހަރުން ފެށިންގެން 2013 ވަނަ އަހަރާ ހަމައަށް އީރާނުގެ ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އީރާނުގެ ގާނޫނު ބުނާ ގޮތުން ދެ ދައުރު ނިންމެވުމަށް ފަހު ވެސް އަލުން ރައީސް ކަމަށް ކުރިމަތި ލެއްވެއެވެ. އެއީ އެއް ދައުރުގެ މުއްދަތަކަށް ފަހުގައެވެ.
އަހުމަދީ ނިޖާދު އީރާނުގެ ރައީސްކަމަށް އަލުން ކުރިމަތި ލެއްވުމަކީ އޭނާއަށް ވެސް އަދި އީރާނަށް ވެސް ފައިދާހުރި ކަމެއް ނޫން ކަަމަށް ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ މިދިޔަ އަހަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިފަހަރު ފުރުސަތު ލިބިވަޑައިގެންނެވި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ ދެ ބޭފުޅުންނަކީ އެގައުމުގެ މިހާރުގެ ރައީސް ހަސަން ރޫހާނީ އާއި ހަރުކަށި ސިޔާސަތުގެ އިބްރާއީމް ރައީސީ އެވެ.
މޭމަހުގެ 19 ވަނަ ދުވަހު އީރާނުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް އާއްމުކުރާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
އިރާނުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން 1600 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރިއެވެ. ނަމަވެސް އީރާނުގެ ގާޑިއަން ކައުންސިލުން ފުރުސަތު ދޭނެ ކަމަށް ބެލެވެނީ ހައެއްކަ ކެންޑިޑޭޓުންނަށެވެ. އީރާނުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ކަނޑައަޅަނީ އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއެވެ.
އީރާނުގެ މިހާރުގެ ރައީސް ހަސަން ރޫހާނީ 2013 ވަނަ އަަހަރު އިންތިހާބު ކާމިޔާބު ކުރެއްވީ ބައިނަލް އަގުވާމީ މުޖުތަމައުގައި އީރާނު އެކަހެރި ވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމާއި އޭރު އޮތް ވަރަށް ވުރެ މިނިވަން މުޖުތަމައެއް އޮތް ތަނަކަށް އީރާނު ހައްދަވާނެ ކަމުގެ ވައުދާއި އެކުގައެވެ. އީރާނުން ކުރިއަށް ގެންދިޔަ ނިއުކްލިއަ މަޝްރޫއު މަޑު ޖައްސާލައި، އެގުމާ ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އޭނާގެ ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ރޫހާނީ ރައީސްކަމަށް ވަޑައިގެންނެވިތާ ދެ އަަހަރު ފަހުންނެވެ.
ރޫހާނީއާ އެންމެ ކައިރިން ވާދަކުރައްވާނެ ކަމަށް ބެލެވޭ ރައީސީއަކީ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީގެ ރުހުން އޮތް ބޭފުޅެކެވެ. -- ބީބީސީ