މޯލްޑިވިއަން އައިޑޮލް

ގަދަ ފަހަކާއެކު މިރޭ ސްޓޭޖަށް އަރާނީ ސީޒަން އެކެއްގެ ތަރިން

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަން ފެށުނީއްސުރެ ސޯޝަލް މީޑިއާގައި އެންމެ ގިނަ މީހުން ފާޅުކުރި އެއް ހިޔާލަކީ މިދިޔަ އަހަރުގެ ސީޒަނުން ވިދާލި ތަރިންގެ ލަވައެއް މި ސީޒަނުގައި ގެނެސްދިނުމެވެ. މި އަހަރުގެ ބައިވެރިންނާއެކު ކުރީގެ ބައިވެރިންގެ ލަވަތަކެއް ވެސް އަޑުއަހާލަން ބޭނުން ވާހަަކަ އެވެ. މިރޭ މިއޮތީ އެ ފުރުސަތެވެ. ތައްޔާރުވެލާށެވެ.

ސީޒަން ދެ އެއްގެ ގަދަ ހަތަރެއް އެނގިގެންދާ މިރޭގެ ޝޯގައި މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލުން ވިދާލި ލަވަ ކިޔުންތެރިން ފެނިގެންދާނެ އެވެ. އަދި ބައިވެރިންގެ ރީތި ހުށަހެޅުންތަކެއް ވެސް މިރޭ ފެނިގެންދާނެ އެވެ. އެއީ ކޮން ބައިވެރިންނެއްކަން އެއީ ސަޕްރައިޒެކެވެ. އެހެން ވީމަ ކޮންމެހެން ވެސް މިރޭގެ ޝޯ ބަލަންވާނެ އެވެ.

ގަދަ ފަހެއްގެ ހުށަހެޅުންތައް ރޭ ވަނީ ފެނިގެން ގޮސްފަ އެވެ. ރޭގެ ޝޯގައި ކޮންމެ ބައިވެރިޔަކު ދެ ލަވަ ހުށަހަޅާފައިވާއިރު ފުރަތަމަ ހުށަހަޅާފައިވަނީ ޖަޖު އިސްމާއީލް އައްފާންގެ ޗޮއިސް އެވެ. ދެ ވަނަ އަށް ބައިވެރިން ލަވަ ހުށަހަޅާފައިވަނީ "އެކޫސްޓިކް" ތީމަށެވެ.

ރޭގެ ޝޯގައި އައްފާން ބައިވެރިވެފައިވަނީ ގަދަ ހައެއްގެ ހުށަހެޅުމުގައި ބައިވެރިންގެ ފަރާތުން ފެނުނު ދަށް ޕާފޯމަންސް އާ މެދު ފަނޑިޔާރުންގެ ޕެނަލުގައި ހިނގި ދެ ބަސް ވުމެެއްގައި ޝޯ ދޫކޮށް ދިއުމަށްފަހުގަ އެވެ. ގަދަ ހައެއްގެ އެލިމިނޭޝަން ޝޯގައި އައްފާން ބައިވެރިއެއް ނުވެ އެވެ. އައްފާންގެ ބަދަލުގައި އެރޭގެ ޝޯއިން ފެނިގެން ދިޔައީ މިދިޔަ ސީޒަންގައި ޖަޖުންގެ ޕެނަލުން ފެނިގެން ދިޔަ އަހްމަދު އިބްރާހިމް (އައްމަޑޭ) އެވެ.

މޯލްޑިވިއަން އައިޑޮލް ގަދަ ހަތަރެއްގައި ހިމަނާނެ ބައިވެރިން ކަނޑައެޅުމުގެ ބާރު މިހާރު އޮތީ ބެލުންތެރިންގެ އަތްމަތީގަ އެވެ. ޖަޖުން ބައިވެރިންގެ ހުށަހެޅުންތަކަށް މާކްސް ދީފި އެވެ. ބެލުންތެރިންގެ ދެން ބޭނުންވަނީ ބެލުންތެރިންގެ އެސްއެމްއެސް އެވެ. މިއަދުގެ 3:00 އާ ހަމައަށް ވޯޓު ކުރެވޭނެ އެވެ. ކޮންމެ ނަންބަރަކު ވެސް ކުރެވޭނީ 50 އެސްއެމްއެސް އެވެ. ތިން ރުފިޔާ އެސްއެމްއެސްއަކަށް ޗާޖްކުރާނެ އެވެ.