ބޭރު ކުޅިވަރު

އެލް ކްލެސިކޯ އަށް ބޭލް ފިޓުވެދާނެ

Apr 22, 2017

ސްޕެއިން ލީގުގައި މާދަމާ ރޭ ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗަށް، ރެއާލްގެ ވޭލްސް ވިންގާ ގެރެތު ބޭލް ފިޓުވެދާނެ ކަމަށް ބެލެވިއްޖެ އެވެ.

އަނިޔާއަކާ ގުޅިގެން ބޭލް އަށް ވަނީ ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗު ގެއްލިފަ އެވެ. އެކަމަކު ބުރާސްފަތި ދުވަހު އޮތް ރެއާލްގެ ފަރިތަކުރުންތަކުގައި ބޭލް ވަނީ ބައިވެރިވެފަ އެވެ އެހެންކަމުން މާދަމާ ރޭ ރެއާލް އާއި ބާސާ ބައްދަލުކުރާ ބޮޑު މެޗަށް ބޭލް ފިޓުވުމުގެ ފުރުސަތު އެބައޮތެވެ.

ފާއިތުވި ދެ އަހަރުގެ ލީގު ޗެމްޕިއަން ބާސާގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދައި، ރެއާލް ތާވަލްގެ އެއްވަނައިގައި އޮތީ 75 ޕޮއިންޓާއެކު އެވެ. ބާސާ ވަނީ ރެއާލަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ. މާދަމާ ރޭގެ މެޗުން މޮޅުވެއްޖެ ނަމަ، ބާސާގެ މައްޗަށް ހަ ޕޮއިންޓްގެ ލީޑެއް ރެއާލަށް ލިބޭނެ އެވެ.

މި މެޗަށް ނުކުންނައިރު، ބާސާގެ ފޯވަޑް ނޭމާ ވަނީ ސަސްޕެންޑްވެފަ އެވެ. ނޭމާ މި މެޗަށް ސަސްޕެންޑްވީ ލީގުގައި މި މަހުގެ އަށް ވަނަ ދުވަހު މަލާގާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުންނެވެ.