ވިޔަފާރި

ގަމަށް ސްރީލަންކަން އުދުހެނީ ސަރުކާރުގެ ފުލް ސްޕޮންސާގައި!

Apr 24, 2017
8
  • ދަތުރަކަށް ސަރުކާރުން 2،000 ޑޮލަރު ހޭދަ ކުރޭ
  • އެއާޕޯޓް ޓެކްސް ހިލޭ ކޮށްދީފައިވޭ
  • ދަތުރުތަކަށް ރަނގަޅު ޑިމާންޑެއް އޮވޭ

އައްޑު އަތޮޅު ގަމަށް، ސްރީލަންކަން އެއާލައިންސް އުދުހެނީ ދިވެހި ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖީއެސްއޭ އިނަ މޯލްޑިވްސް އިން ބުނެފި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްފަހު، ފުރަތަމަ ދަތުރު ފެށި އެއާލައިން ކަމަށްވާ ސްރީލަންކަންގެ ޖީއެސްއޭ، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ގަމަށް ސްރީލަންކަން އެއާލައިންގެ ދަތުރުތައް ކުރަނީ ދިވެހި ސަރުކާރުގެ ފުލް ސްޕޮންސާޝިޕްގައި ކަމަށެވެ.

"މިކަން [ސްރީލަންކަން ދަތުރުތައް] ސަސްޓެއިން ކުރަން އެއާޕޯޓުގެ ފީތައް ސަރުކާރުން ހިލޭ އޮންނަނީ ދެއްވާފައި ބައެއް ފަރާތްތަކަށް ނޭނގޭ ކަމެއް މިއީ. ބައެއް މީހުން ބުނޭ ސަރުކާރުގެ ވިސްނުން ހުރީ މިކަން ނުކުރުމޭ، ނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑަކީ މިކަމުގައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރާ މީހެއް،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރުތަކުގެ ކޮންމެ އޮޕަރޭޝަނަކަށް ސަރުކާރުން 2،000 ޑޮލަރު (ގާތްގަނޑަކަށް 30،840ރ.) ހޭދަ ކުރާ ކަމަށެވެ. އަދި މި ދަތުރުތައް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ވެސް ސީދާ ލަފާ ދެއްވާފައިވާ ކަމަށާ އަދި އެކަމުގައި ދިމާވާ ދަތިތަށް ހިއްސާ ކުރަން ވެސް އަންގަވާފައިވާ ކަމަށެވެ.

ފިރާގު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފައްކާ ކުރުމުގެ މަޝްރޫއެއް ކުރިއަށްގެންދާއިރު އެ ސިޓީގައި ރިސްކް ފެކްޓާތައް ވެސް އެބަހުރިކަމަށާ އެކަމަށް އައްޑު އަތޮޅުގެ ރައްޔިތުން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

"މިތަން [އައްޑޫ] ގެ ގެސްޓްހައުސް އެއްޗިހި ވިއްކަން މަސައްކަތް ކުރާއިރު ބައެއް ދަތިތަކާ ދިމާވޭ. މިތަނުގައި ދިމާވި ބައެއް ކަންތައްތައް [8 ފެބްރުއަރީ 2012 ގައި އައްޑޫގައި ޖެހި ހުޅު] ހިސްޓްރީ އަށް ގޮސް މީހުން އަޕްރައިޒިން އެބައޮތޭ މިތާގަ. އެހެންވެ އަޅުގަނޑުގެ އިއުތިމާސެއް މިއީ މިފަދަ ކަންކަން ނުކުރަން. މިސާލަކަށް ވަކި މަގުސަދެއްގައި ވަކި ބަޔަކު މޯޓިވޭޓް ކޮށްގެން ގޮސް ތަންތާގައި ހުޅުޖެހުމަކީ މުސްތަގުބަލް ހަލާކު ކުރުން. މީގެ ސަބަބުން އަޅުގަނޑުމެންގެ ބަދަހިކަން ގެއްލެނީ. އެހެންވެ މިކަމަކީ ވިސްނަން ޖެހޭ ކަމެއް،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. މި ދަތުރުތަކުގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ދަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ.