ވިޔަފާރި

އެސްޓީއޯގެ ހިއްސާއަކަށް 51 ރުފިޔާ ބަހަން ހުށަހަޅަނީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް، ޑިވިޑެންޑްގެ ގޮތުގައި 51 ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުން ބޯޑްގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު 301.5 މިލިޔަން ރުފިޔާގެ ސާފު ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބެހުމަށެވެ. އެސްޓީއޯ އިން ޑިވިޑެންޑްގެ ގޮތުގައި މީގެ ކުރީ އަަހަރު ބަހާފައި ވަނީ 57 ރުފިޔާ އެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާނީ އަންނަ މޭ މަހުގެ ތެރޭގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން އެސްޓީއޯގެ އާމްދަނީ ދަށްވެ، މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ 2015 ވަނަ އަހަރާ ބަލާ އިރު 30 ޕަސެންޓް ދަށްވެފަ އެވެ. އެސްޓީއޯ މާލީ ގޮތުން ފެންނަނީ ވަރުގަދަ ކުންފުންޏެއްގެ ގޮތުގަ އެވެ.

މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި އެސްޓީއޯ އިން ވަނީ މުޖުތަމައުގެ އެކި ދާއިރާތަކަށް އިންވެސްޓް ކުރުމުގެ އިތުރަށް އިޖްތިމާއީ އެކި ކަންކަމަށް ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ.