ފިނިޕޭޖް

މީ ލޯތްބަކީ ދެން އަޅުވާނީ އަންނަ މަހު

ޑާކްރެއިން އެންޓަޓެއިންމަންޓުގެ "މީ ލޯތްބަކީ" މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކޮށް ހައުސްފުލް 14 ޝޯ ދެއްކި އިރު ހައުސްފުލް ނޫންކޮށް ތިން ޝޯއެއް ދައްކައިފި އެވެ. ހައުސްފުލް ނުވި ޝޯތަކުގައިވެސް ނުފުރި ހުރީ މަދު ގޮނޑިތަކެކެވެ. އެހާވެސް މި ފިލްމަށް އޮހޭ ތަރުހީބު ގިނަ އެވެ. ނަމަވެސް ޑާކްރެއިނުން މިވަނީ ފިލްމު އެޅުވުން މަޑު ޖައްސާލާފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ޝޯ ދެއްކުމަށްފަހު ފިލްމު އެޅުވުން މިވަނީ މެދު ކަނޑާލާފަ އެވެ. ދެން ފިލްމުގެ ޝޯތައް ދައްކަން ފަށާނީ އަންނަ މަހު ހަތަރަކުން ފެށިގެން ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. މޮގާ ބުނީ ފިލްމު އެޅުވުން މެދު ކަނޑާލީ މަޖީދީ މަގު އަލުން ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދަކީ އޮލިމްޕަސް ހުންނަ ސަރަހައްދަށް ވާތީ އޮލިމްޕަހަށް ވަދެ ނުކުމެ އުޅެން ދަތިތަކާއި ކުރިމަތިވަތީ ކަމަށެވެ. އަދި މަގު ހެދުމަށް އެ ސަރަހައްދު ވަރަށް ބޮޑަށް ކޮނެފައިވާތީ ރޭގަނޑުގެ ވަގުުތުތަކުގައި އެ ސަރަހައްދުގައި ބައިބޯވެ އެކްސިޑެންޓްތައް ހިނގުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ.

އަންނަ މަހު ހަތަރެއް، ފަހެއް އަދި ހަވަނ ދުވަހުގެ ރޭގެ ޝޯތަކަށް މިހާރު ޓިކެޓު ވިއްކަމުންދާ ކަމަށް މޮގާ ބުންޏެވެ. މީ ލޯތްބަކީގެ ޝޯތައް މެދުކަނޑާލި ނަމަވެސް ރޭ އަނެއްކާވެސް މިވަނީ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ފިލްމުގެ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. ރޭ ދޫކޮށްލާފައިވަނީ "ނާދެ ނިންޖެއް" މި ލަވަ އެވެ. މި ލަވަ ކިޔާފައިވަނީ އީކުއެޓިކް ވައިބް އިންނެވެ.

"މީ ލޯތްބަކީ" ގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ފިލްމު އެޅުވުމުގެ ކުރިން "ހީލާ ހަދާލަން" ވަނީ ބެލުންތެރިންނަށް ހަދިޔާކޮށްލާފަ އެވެ. ޑީޓިއުން ބޭންޑުން ހުށަހަޅައިދީފައިވާ މި ލަވައިގެ ޕްރޮމޯޝަނަލް ލަވައިގެ ފެނިގެންދަނީ ފްލައިޓަށް އެރި ފަހުން ފްލައިޓް ޑިލޭ ވިކަން އިއުލާނު ކުރުމުން ފްލައިޓް ތެރޭގައި ފޫހިފިލުވާލަން އަންހެން ކުއްޖަކު ތެދުވެ ލަވައެއް ކިޔާލަނިކޮށެވެ. ފިލްމުގެ ހުރިހާ ތަރިން މި ލަވައިންވެސް ފެނިގެންދެ އެވެ.

"މީ ލޯތްބަކީ"ގެ އިތުރު ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ފިލްމުގައި ހިމެނޭ "އެންމެ މަލެއް"ވެސް ވަނީ ދޫކޮށްލާފަ އެވެ. އެއީ މުޅި ފިލްމުގައިވެސް އިންނަ އެންމެ ތަފާތު ލަވަ އެވެ. މި ލަވަ ކިޔާފައިވަނީ ފިލްމުގެ އެއް ތަރި ކަމަށްވާ ޝާފިއު އިބްރާހިމް (ފުބޫ) އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ތިން ލަވައެއް މިހާތަނަށް ބެލުންތެރިންނަށް ހަދިޔާކޮށްފައިވާއިރު އަދިވެސް އިތުރު އެއް ލަވަ އެބައިން ކަމަށް ޑާކްރެއިނުން ބުނެ އެވެ.

މީ ލޯތްބަކީގެ ޝޯތަކެއް ހދ. ކުޅުދުއްފުށީގައި ފިލްމު އަޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަދި އައްޑޫގައި ފިލްމު އެޅުވުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އިތުރު ރަށްތަކުގައި އެޅުވުމުގެ މަސައްކަތް އިތީ ރޯދައިގެ ފަހުންނެވެ.

"މީ ލޯތްބަކީ" އަށް ފަހު ޑާކްރެއިނުން މިހާރު ތައްޔާރު ވަމުންދަނީ މުޅިން ތަފާތު ދިމާލަކަށެވެ. ޑާކްރެއިނުން މިހާރު ތައްޔާރުވަނީ ތްރިލާ ފިލްމެއް ކަމަށްވާ "ގޮށްރާޅު" އަށެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގަ އެވެ.