(20 އޭޕްރީލް 2017 އާ ގުޅޭ) -- އަވަހަށް އައިސް ކާރަށް އެރުމާއެކު ދާންވީ ހޮސްޕިޓަލުގެ ނަން އައިރާ ބުންޏެވެ. އަދި ކާރުގައި އިނދެ ނިޔާނަށް ގުޅާފައި ހޮސްޕިޓަލަށް ދަނީ ކަމުގައި ބުންޏެވެ. އެއާއެކު ޑަކްޓަރު ބުނާއެއްޗެއް ނިޔާނަށް އެންގުމަށް އައިރާގެ ގާތުން އޭނާ އެދުނެވެ.
އައިރާ އިނީ ބަލިވެތޯ ޔަގީން ކުރުމަށް ލޭގެ ޓެސްޓު ހެދުމަށްފަހު ނަތީޖާ ހިފައިގެން އަންހެނުންގެ ޚާއްޞަ ޑަކްޓަރަކަށް ދެއްކުމަށް އޭނާ ދެއްކި އާންމު ބަލީގެ ޑަކްޓަރު އިރުޝާދު ދިނެވެ. ލެބޯޓްރީ ދޮށުގައި މީހުން ގިނަ ނަމަވެސް އެކަން ބޮޑުކަމަކަށް އައިރާއަށް ނުވިއެވެ. ގޮނޑިބަރީގައި އިށީނދެލައިގެން ވަށައިގެންވާ ކަންކަމަށް ނަޒަރު ހިންގާލަ ހިންގާލާ އިނީ އައިރާގެ ނަންބަރު ޖެހެންދެނެވެ. ލިބިފައިވާ ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އެއްވެސް ކަމެއް ތަކުލީފަކަށް އައިރާއަށް ނުވާނެ ކަހަލައެވެ.
ގިނައިރެއްނުވެ ޓެސްޓުގެ ކަންތައްތައް ނިމި މެންދުރުފަހު ރިޕޯޓު ލިބޭނެކަމުގައި ބުންޏެވެ. އެ ރިޕޯޓު ނަގަން އަންނަންޖެހޭނެ މީހަކަށް ވެސް ހުރީ ޚުދު އައިރާއެވެ. ފޯނުން ގަޑިއަށް ބަލާލާފައި ހޮސްޕިޓަލުން އައިރާ ނުކުތީ ރުބީނާއާ މެދު ވިސްނަމުންނެވެ. އެހާ އަވަހަށް ރުބީނާ ގެއަށް އަންނާކަށް އައިރާ ބޭނުމެއްނޫނެވެ. ހަވީރު ރިޕޯޓު ނަގަން އައިރާ ގެއިން ބޭރަށް ނުކުމެއްޖެއްޔާ އެކަމާ އޭނާ ސުވާލުކޮށްފާނެތީ އައިރާ ޖެހިލުންވަނީއެވެ. ނިޔާނަށް އެއްވެސް ކަމެއް އެނގުމުގެ ކުރީން ރުބީނާމެންނަށް އެނގެން އައިރާ ބޭނުންނުވާތީއެވެ. ހޮސްޕިޓަލުގެ ގޭޓުން މަގުމައްޗަށް އައިރާ ނުކުތް އިރު އަދިވެސް ތުނިތުނިކޮށް ވާރޭ ވެހިވެހިލާ އޮތެވެ. ބަނަކޮށް އޮތް އުޑުމައްޗަށް އައިރާ ބަލާލާފައި ވެސް ޓެކްސީއެއް ނެގުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ. ހޮސްޕިޓަލަށް އަންނަންވެގެން ޓެކްސީއަށް އެރުމުން އޭނާ އިނީ މޭނުބައިކޮށްފައެވެ. އެ ހާލުގައި އެނބުރި ގެއަށްދާވަރަށްވުރެ ފަޒާގައިވާ ފިނިކަން އައިރާއަށް ކަމުދިޔައެވެ. ގެއާ ހަމައަށް ދެވުމުގެ ކުރިން ނުތެމޭނެކަމުގެ ޔަގީންކަން ވެސް އޮތީމައެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު މަގު ހުރަސްކޮށްލިއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަހުގެ ދިގު ވާގަނޑުގައި ހިފަހައްޓާލައިގެން ހުރެ މަޑުމަޑުން އައިރާ ހިނގަމުން އައެވެ.
"އާޗާ! ރީތިކަން... ނިޔާނު އަންނަ ދުވަހަށް އާ ހެނދުމެއް ލައިގެން ހުރީމަ ވަކިން އުފާވާނެ" ފިހާރައެއްގެ ބިއްލޫރިގަނޑުން ފެންނަން ހުރި ކުރުތާ ފެނުމާއެކު އައިރާއަށް ވަގުތުން ރީތިވިއެވެ. އާ ހެދުމެއް ގަތުމުގެ ޚިޔާލު ސިކުނޑިއަށް ވަނީ އެހެންވެއެވެ. އިތުރަށް މަޑުކުރުމެއްނެތި އައިރާ އަވަހަށް އެ ފިހާރަށް ވަނެވެ. ޕާކިސްތާނު ފަރުމާތަކަށް ހުރި އެތައް ކުރުތާއެއް ފިހާރައިގެ ހަރުތަކުން އައިރާއަށް ފެނުނެވެ. ނިޔާނާނުލާ ބާޒާރު ކުރާ ފުރަތަމަ ފަހަރަށްވުމުން އައިރާގެ ހޮވުންތަކަށް ފާޑުކިޔާނެ މީހަކު ނެތެވެ. އެހެންވިޔަސް އައިރާގެ ހިތަށް އޭނާއާ އެންމެ ގުޅޭހެން ހީވި ކުރުތާ ނެގިއެވެ. ގަދަ ނޫކުލައިގެ ކުރުތާގައި ހުދުކުލައިގެ ފަށުވިން ކުރެހުން އަޅާފައި ހުއްޓެވެ. ތަންތަންކޮޅުގައި ހުދުކުލައިގެ ވެލިފޮއްޗާއި މިނާ ޖަހާފައި ހުއްޓެވެ.
"ހުދުކުލައިގެ ޖިންސާ މި ކުރުތާ ވަރަށް ގުޅޭނެ. ޝޯލް ވެސް އޮންނާނެ... ޔެސް! އިޓްސް ޕާފެކްޓް" ހެދުން ބަދަލުކުރާ ތަންކޮޅުގެ ތެރޭގައި ހުރި ލޯގަނޑު ކުރިމަތީ ހުރި އައިރާ އޭނާގެ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. އެ މޫނުމަތިން ފާޅުވޭވޭ ހުރި ހިނިތުންވުމުގައި ތަފާތު ޖާދޫއެއް ވާކަހަލައެވެ.
އައިރާއަށް ގެއަށް އާދެވުނީ މެންދުރު ބާރަޖަހަން އުޅެނިކޮށެވެ. ގެއަށް އައިގޮތަށް އައިރާ ބޭނުންވީ ގަނެގެން ގެނައި ކުރުތާ ގަޔަށް ހެޔޮވަރުތޯ ބަލާލުމަށެވެ. ކޮޓަރީގައި ހުރި ލޯގަނޑު ކުރިމަތީ ކުރުތާ ލައިގެން ހުރެ އައިރާ ފަރިބަލާލިއެވެ. އައިރާ ބޭނުންވި ފަދައިން އެ ކުރުތާ އޭނާގެ ހަށިގަނޑަށް ވަރަށް ހެޔޮވަރެވެ. ލައިގެން ހުންނައިރު އަދި ވަކިން ރީތިކަމަށް އޭނާގެ ހިތް ބުނަމުންދިޔައެވެ. ކޮޓަރިތެރޭ ހުރެ ޅަކުއްޖަކު ފަދައިން އުފަލުން އައިރާ ނަށާލިއެވެ.
ރުބީނާއާއި މައުރީން ނެތުމުން މެންދުރަށް ކެއްކުން އެހާ މުހިންމު ކަމަކަށް އައިރާއަކަށް ނުވިއެވެ. އެހެންވެ އޭނާ ކާއެއްޗެއް ހެދީ މެންދުރު ފަސްވި ފަހުންނެވެ. ރުބީނާމެން ދަތުރުން އެނބުރި އައިސް ކާންވާއިރަށް ތާޒާކޮށް އެއްޗެހި ހުންނާނޭ ގޮތަށެވެ. އައިރާ ކާހިތް ނެތުމުން ސޫޕެއް ހަދަން އުޅުނެވެ. ކާމޭޒުމަތީ އޮތް ފޯނު ރިންގުވީ އެވަގުތުއެވެ. ވިސްނާނުލާ އުނދުން ކައިރީ ހުރެފައި ފަހަތަށް ބަލާލަން އުޅުނު ވަގުތު ހޫނު ތެލީގައި އައިރާގެ ކަނާތު އިނގިއްޔެއް ޖެހި ސިހުނު ވަރުން ތެލި ނުވެއްޓުނީ ކިރިޔާއެވެ.
"ކިރިޔާއެއްނު..." އައިރާ އަމިއްލަ ނަފްސަށް ބުނެލީ ސިހިފައި ހުރެއެވެ.
"ނިޔާނު... ހެލޯ..." ކާމޭޒު މަތީ އޮތް ފޯނު ނެގިއިރު ގުޅަނީ ނިޔާނުކަން އެނގި އައިރާ އެ ފޯނުކޯލަށް ޖަވާބު ދިނުމަށް އަވަސްވެގަތެވެ.
"ޑަކްޓަރަށް ދިޔަވާހަކަ ބުނި. އޭގެ ފަހުން ޚަބަރެއްނުވަމެއްނު" ނިޔާނު ވާހަކަދެއްކިއެވެ.
"ސޮރީ!... ޑަކްޓަރު ދިނީ ޓެސްޓެއް ހަދަން. ހަތަރެއް ޖަހާއިރަށް ރިޕޯޓު ނަގަން ދާން އޮތީ. އިރުކޮޅަކުން ދާން މިއުޅެނީ. އިހަށް ކާއެއްޗެއް ކާލަން މިއުޅެނީ" އައިރާ ތަފްސީލުކޮށްލިއެވެ.
"އެހެންތަ! ރިޕޯޓު ނަގަން ގޮސްފައި އަވަހަށް އަނައްޗޭ... ލޯބިއަށް ސަޕްރައިޒެއް ދޭނަމޭ ބުނީމެއްނު"
"ފުރަތަމަ އަހަރެން ބުނީ ސަޕްރައިޒެއްގެ ވާހަކަ. ދެން ނިޔާނު ކޮން ސައިޕްރައިޒެއްވެގެން އުޅޭކަށް... އަހަރެން ހަމަ އަސްލަށޭ ބުނީ އެހެން" އައިރާއަށް ހައްތަހާ ވެސް ހީވަނީ ނިޔާނު ސަމާސާ ކުރަނީ ހެންނެވެ.
"ބަލަ އަހަރެން ކޮން ފޭކެއްތަ ޖެއްސީ... އަހަރެން ވެސް ހަމަ ވަރަށް ވަރަށް ރިއަލްކޮށޭ މިބުނީ... އައިރާއަށް ސަޕްރައިޒެއް ދޭންށޭ މި އުޅެނީ"
"ސީރިއަސްކޮށްތަ! ކޮންކަހަލަ ސަޕްރައިޒެއް" އައިރާގެ އަޑު ބަދަލުވިއެވެ. ނިޔާނުގެ ވާހަކައާ މެދު ވިސްނާލަން މަޖުބޫރުވީއެވެ.
"އައިރާ ދޭން އުޅޭ ސަޕްރައިޒު ބުނީމަ އަހަރެން ބުނާނަން" ނިޔާނު ހޭންފެށިއެވެ. އައިރާ ނުބުނާނެކަން އެނގިގެން ކަހަލައެވެ. ވީ ވެސް އެހެންނެވެ. އައިރާ ކުރަން އުޅޭ ކަމެއް އޭނާ ނުބުންޏެވެ. ހަމަ އެގޮތަށް ނިޔާނު ވެސް އޭނާގެ ބަހުގައި ހިފެހެއްޓިއެވެ.
"ނިޔާނު އައީމަ ދޭން އޮތް ސަޕްރައިޒެއް އެއީ"
"އެހެންވީރު އަހަރެންގެ ސަޕްރައިޒު ދޭން ހަވީރުން ގުޅާނަން. ގާތް ގަނޑަކަށް ފަސްގަޑިބައިކަން ހާއިރު... އެނގޭތަ؟ މި ވާހަކަ ނުބުނަން ވަރަށް ކެތްކޮށްފިން... ކުރިން ހިތަށް އެރީ އައިރާގެ ގާތަށް ދެވުނީމައޭ ބުނާނީ. އެކަމަކު ހަމަ ނުބުނެ ނުހުރެވުނީ... ރޭގަ އަހަންނަށް ފެނުނު ހުވަފެނެއް"
"ކޮންކަހަލަ ހުވަފެނެއް" އައިރާގެ ޠަބީޢަތަށް ބަދަލުއައީ ނިޔާނު ހުވަފެނުގެ ވާހަކަ ބުނުމުންނެވެ. އައިރާއަށް ފެނުނު ނުބައި ހުވަފެނުގެ މަތީން އޭނާ ހަނދާންވީއެވެ.
"އަހަރެން މިހާރު އެންމެ ބޭނުންވެފައި ހުރިކަންތައް ފުރިހަމަވާތީ ފެނުނީ" ނިޔާނުގެ އަޑުގައި ތަފާތު އުފާވެރިކަމެއް ހުރިކަން އައިރާއަށް ފާހަގަވިއެވެ.
"މާލެ އާދެވެނީތަ..." އައިރާން ޔަގީންކޮށްލިއެވެ.
"ވަޓް!... މީ... ނޯ...." ކުއްލިއަކަށް އައިރާ ބުނި އެއްޗަކުން ނިޔާނު ސިހުނެވެ. އޭނާ މާލެ އަންނަކަން އެއީ ނިޔާނުގެ ފަރާތުން އައިރާއަށް ދޭން އޮތް ސަޕްރައިޒެވެ. އެކަން އެހާ އަވަހަށް އައިރާއަށް އެނގޭކަށް ނިޔާނު ނޭދެއެވެ.
"އަހަރުމެންނަށް ބޭބީއެއް ލިބެނީ... އެކަމަކު ބޭބީގެ ފޭސްއެއް ނުފެނޭ... ހަމައެކަނި ފެނުނީ އައިރާ އަހަރުމެންގެ ބޭބީ އުރާލައިގެން ހުރިތަން" ނިޔާނުގެ ވާހަކަ އިވިފައި އައިރާ ބަސްހުއްޓުނެވެ. ކަންފަތުގައި ޖެހުނީ ނިޔާނަށް އެ ޚަބަރެއް ދިނުމަށް އައިރާ ކެތްތެރިކަން ކުޑަވެފައިވާ ޚަބަރެވެ. ދެ ލޯ މަރާލެވުނު އައިރާގެ އެސްފިޔަތައް ތެމިގެންދިޔައެވެ.
"އައިރާ... އެބަހުރިންތަ؟... ހެލޯ... ލަވް... ވާހަކަދައްކަބަލަ..." އައިރާގެ ފަރާތުން ބަހެއް ނީވި ގިނައިރުވުމުން ނިޔާނު ގޮވިއެވެ. އެވަގުތު އުނދުންމަތީ ހުރި ތެލީގެ މަތިން އައިރާ ހަނދާންވީ ނޭފަތުގައި ވަސްޖެހުމުންނެވެ. އަވަހަށް އައިސް އުނދުން ނިއްވާލިއެވެ.
"އަހަރެން ވަރަށް އުފާވެއްޖެ... މިވަގުތު އަހަރެންގެ ގާތުގައި ނިޔާނު ހުރިނަމައޭ ހިތަށް އަރާ" އައިރާ މަޑުމަޑުން ބުނެލިއެވެ.
"ހާސްނުވޭ. ތިކަން ވެސް ވަރަށް އަވަހަށް ވާނެ... އިހަށް ދެން ބާއްވަނީ... ފޯނު ހިފައިގެން އުޅެއްޗޭ. އަހަރެން ގުޅާނަން... ފައިވްތާޓީ... އޯކޭ... ބާއި. އައި ލަވް ޔޫ" ނިޔާނު ފޯނުކޯލު ނިންމާލުމުން ވެސް އައިރާއަށް އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރެވުނީ ހިނިތުންވެލައިގެންނެވެ. ތެމިފައިވާ ދެ ލޯ މަޑުމަޑުން އައިރާ ފުހެލިއެވެ.
އިރުކޮޅަކު ހިމޭންވެފައި ހުރުމަށްފަހު ކެއްކި ސޫޕުކޮޅު ބޯތަށްޓަކަށް އަޅައި ކާމޭޒުމަތީ ބަހައްޓާފައި އައިރާ ވަނީ ކޮޓަރިއަށެވެ. ލޭގެ ރިޕޯޓު ބަލާ ދާންވާއިރަށް އޭނާ އަޞުރު ނަމާދުކޮށް ތައްޔާރުވެލައިގެން ނުކުތެވެ. އަތްދަބަސް ކާމޭޒުގެ ގޮނޑިއެއްގެ މަތީ ބަހައްޓަމުން ސޫޕުތަށި ކައިރިކޮށްލައިގެން މޭޒު ދޮށުގައި އިށީނެވެ. ސޫޕުބޮއެ ނިންމާލާފައި ހުރިހާ އެއްޗެއް ދޮވެފައި އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.
"ކޮންތާކަށް؟" ނިކަން ހިނިއައިސްފައި ހުރެ އެޕާޓްމެންޓުން ނުކުން ވަގުތު ދަރިފުޅު ގޮވައިގެން ސިޑިން އަރައިގެން އައި ޝިމްލާއަށް އައިރާ ފެނި އަހާލިއެވެ.
"ހޮސްޕިޓަލަށް"
"ކިހިނެއްވީ؟ ބަލީތަ؟ މޫނުމަތިން ހީވޭ ތަފާތުހެން... ދައްތަ ގާތުގައި ބުނެލިނަމަ... އެކަނިތަ ދަނީ... ހިނގާ ދައްތަ ދާނަން" ކުއްލިއަކަށް އައިރާ ހޮސްޕިޓަލަށް ދާ ވާހަކަ ބުނުމުން ޝިމްލާ ކަންބޮޑުވިއެވެ. ނިޔާނު ވެސް ރަށުގައި ނެތްކަމާއި ރުބީނާ ވެސް އައިރާއަށް އަޅާނުލާކަން ޝިމްލާއަށް އެނގެއެވެ. ޚާއްޞަކޮށް އައިރާއަށް ބަލާލުމަށް އަމީރު ގާތު ނިޔާނު ބުނެފައިވާކަން ވެސް ޝިމްލާއަށް އޮތީ އެނގިފައެވެ.
"ބައްޔެއްނޫން... ދައްތަ ނުދިޔަސް ރަނގަޅުވާނެ"
"ޔަގީންތަ؟ އައިރާ ބަލިއްޔާ ދައްތަމެން ގާތުގައި ބުނާނަންތަ؟" ޤަބޫލުނުކުރެވިފައި ހުރި ޝިމްލާ ވާހަކަދެއްކީ އައިރާގެ އަތުގައި ހިފާލައިގެން ހުރެއެވެ. އައިރާ ނުބުނަން އުޅެނީއޭ އޭނާއަށް ހީވާތީއެވެ. އެހެންނަމަވެސް އައިރާ ދޮގު ހަދަނީއޭ ބުނަން ޝިމްލާ ބޭނުންނުވީއެވެ. އެހެންވެ އައިރާ ބުނި އެއްޗެއް ޤަބޫލުކޮށްލިއެވެ. އަދި އައިރާ އެޕާޓްމެންޓު ތަޅުލާފައި ސިޑިން ފައިބައިގެން ދަންދެން މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ލޯމަތިން ގެއްލުމާއެކު ޝިމްލާ ފޯނު ނެގީ އަމީރަށް ގުޅާށެވެ. އައިރާ އޭނާއަށް އޮޅުވާލި ނަމަވެސް އަމީރު ސުވާލު ކުރުމުން ދޮގު ހަދާކަށް ނުކެރޭނެއޭ ޝިމްލާއަށް ހީވާތީއެވެ.
ބަނަކޮށް ފެންނަމުން ދިޔަ އުދަރެސް ފެންނަނީ ހައްތަހާ އަނދިރިވަމުން އަންނަތަނެވެ. ބާރުވަމުންދިޔަ ވައިރޯޅުތަކާއި ބައްދަމުންދިޔަ އުދަރެހުން އަންނަން އުޅޭ ކޮޅިގަނޑުގެ ވަރުގަދަކަން ހާމަކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ. ރިޕޯޓު ނަގައިގެން އެނބުރި އައިރާއަށް ގެއަށް އާދެވުނީ ކިރިޔާއެވެ. ކުއްލިއަކަށް ވާރޭގެ ސައިލެއް އޮއްސާލި ކަހަލައެވެ. ދޮރޯށު ދޮށުގައި އިރުކޮޅަކު އައިރާ މަޑުކޮށްލިއެވެ. އޮއްސާލި ވާރޭއިން ހިޔާވުމަށް މަގުގައި އުޅުނު މީހުންތައް އިމާރާތްތަކުގެ އަސްކަނިދަށަށް ވަނުމަށް އަވަސްވެގަތެވެ. އެކިމީހުން އެކިދިމާއަށް ގޮސް މަގުމަތި އަމާންވިއެވެ. ދޮރޯށި ދޮށުގައި ހުރެ އައިރާ އުޑުމައްޗަށް ބަލާލިއެވެ. ރަތްކޮށްލާފައި އޮތް އުޑުމަތިން އަވަހަކާ ވާރޭ ހުއްޓާނުލާނޭކަން އައިރާއަށް އެނގުނެވެ. ފިނިކަމުން ދެއަތްދެއަތާ ހާކާލާފައި އައިރާ އެތެރެއަށް ވަނެވެ.
"ތީ ބަލިވެގެން ހާލެއްނެތިފައި އޮތް މީހާތަ؟ އަހަރުމެން އެހާ އަވަހަށް އައިސް ދާނެއޭ ހީނުވީ ދޯ... އެހެންވެ މުޅި މާލެ ކުޑަކޮށްފައި ތި އައީ... ގަޑިން ވީއިރު އެނގޭތަ؟ ނޭނގެ ކޮންއިރަކުން ފެށިގެންކަމެއް ބޭރުގައި ތެޅިތެޅިފައި އެ އައީ" އެޕާޓްމެންޓަށް އައިރާ ވަން އިރު ރުބީނާ ސިޓިންރޫމުގައި ހުރި ސޯފާގައި އިނީ ފުއްޕާފައި އިން ކުކުޅެއްހެންނެވެ. އަރައިގަންނަން ތައްޔާރުވެއެވެ.
"މި އައީ ހޮސްޕިޓަލަށް ގޮސްފައި" މަޑުމަޑުން އައިރާ ބުންޏެވެ. އެހެންނަމަވެސް އެ އަޑު އަހާކަށް ރުބީނާ ބޭނުމެއްނުވިއެވެ. އައިރާ އޭނާގެ އަތުގައި އޮތް ހޮސްޕިޓަލުގެ މެމޯ ކޮޅު އަތްދަބަހުން ނަގާ ރުބީނާއަށް ދިއްކޮށްލިއެވެ. ދެން ވެސް އޭނާ އެކަމަށް ސަމާލުކަމެއް ނުދިނެވެ. ހީވަނީ އައިރާއާ ދިމާއަށް އެއްޗެހި ކިޔާލަން ބޭނުންވެފައި ހުއްޓާ ލިބުނު ފުރުޞަތުގެ ބޭނުން ހިފާލަން ގަސްދުކޮށްގެން ހުރި ހެނެވެ. އައިރާގެ ބޮލުގައި އަޅުވަމުންދިޔަ ދޮގު އިލްޒާމުތަކާއެކު އެ ތަނުގައި މައުރީން ބަލަން ހުރުމުންނާ ވެސް އެކުގައި އައިރާ ދުވެފައި ކޮޓަރިއަށް އައިސް ވަނެވެ.
"ހެލޯ..." ދޮރުތަޅުލައިގެން ކޮޓަރީގައި އައިރާ އިންދާ ނިޔާނު ގުޅިއެވެ. ފުރަތަމަ ވެސް ބަލާލެވުނީ ގަޑިއަށެވެ. ފަސްގަޑި ފަނަރަވަނީއެވެ. ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު އައިރާ ފޯނުކޯލު ނެގިއެވެ.
"ގެސް ވަޓް މައި ލަވް..." ނިކަން ބާރަށް ނިޔާނު ވާހަކަދެއްކިއެވެ. ފޯނުން އޭނާގެ އަޑު އައިރާއަށް ކިރިޔާ ވެސް ސާފުވީ އެހާ ބާރަށް ނިޔާނު ވާހަކަދެއްކީމައެވެ.
"ކޮންއަޑެއް އެ އިވެނީ... ކޮންތާކު ތި ހުރީ" ނިޔާނުގެ ފޯނުން އިވެމުންދިޔަ އަޑުތަކަށް ސަމާލުވަމުން އައިރާ އެހިއެވެ.
"ސަޕްރައިޒް..." ނިޔާނު ނިކަން ބާރަށް ހެވިފައި ބުނެލިއެވެ.
"އަހަންނަށް މި ހީވަނީ ރަނގަޅަށްތަ؟ ކަނޑުމަތީތަ ތި ހުރީ ނޫނީ ވާރޭގެ އަޑުތަ؟" އައިރާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ހަމަ އެހިނދު އެނދުމަތީ ބާއްވާލެވުނު ލޭގެ ރިޕޯޓަށް ބަލާލެވުނެވެ.
"ޔެސް މައި ލަވް... މި އަންނަނީ ލޯބި ގާތަށް... ޓެވެންޓީ ވަރަކަށް މިނެޓްސް ތެރޭ މާލޭ ފަޅަށް ވަންނާނަން"
"ސީރިއަސްކޮށްތަ؟ ނިޔާނު ޕްލީޒް... ބުނެބަލަ ރީތަކޮށް" އައިރާ އެނދުގައި އިނދެފައި ކޮޅަށް ތެދުވެވުނެވެ. އުފަލުން ގޮސް އޭނާއަށް އިށީނދެ އިނުން ވެސް އުނދަގޫވީއެވެ.
"ހަމަ ތެދެއް މިބުނީ... މި ހުރީ ލޯންޗުގަ... ވަރަށް ބޯކޮށް ވާރޭ ވެހޭ... އެހެންވެ އެހާ އަޑު ނުސާފީ... ރޭންޖު ވެސް ކުޑަކޮށް މައްސަލަ އެބައުޅޭހެން ހީވޭ... އެނީވޭސް... އަހަރެން މި އަންނަނީ އައިރާ ގާތަށް. މަށަށްވީ ސަޕްރައިޒު އަވަހަށް ތައްޔާރުކުރޭ... ގިނައިރެއްނުވެ މާލެ ފަޅަށް ލޯންޗުވަންނާނެ"
"ސަޕްރައިޒު އޮތީ ރެޑީގަ... މިހާރުއްސުރެ ވަގުތު ގުނަން މިފެށީ... އައި ލަވް ޔޫ ސޯ މަޗް" ހެމުންހެމުން އައިރާ ބުންޏެވެ. ނިޔާނު ފޯނުކޯލު ކަނޑާލީ ކަނޑުމަތީގައި ވާހަކަދައްކަން އުނދަގޫވެގެންނެވެ.
އައިރާއަށް ފުރިހަމައަށް ތައްޔާރުވާން ވަގުތެއް ވެސް ނުލިބުނެވެ. އޭނާ ހުރީ ގަނެގެން ގެނައި ކުރުތާ ދޮންނަންށެވެ. އެކަމަކު އެހާ ވަގުތެއް ނިޔާނު ނުދިނެވެ. ކޮންމެގޮތެއް ވެސް ވަރިހަމަކޮށްލާފައި ނިޔާނަށް ޓަކައި އައިރާ ތައްޔާރުވަމުންދިޔައެވެ. އިރުކޮޅުކޮޅާ ގަޑިއަށް ބަލާލެވެއެވެ. ނޫކުލައިގެ ކުރުތާ ގަޔަށް ހެޔޮވަރުކޮށްލުމާއެކު އައިރާ ބޭނުންވި ގޮތަށް ހެދުން އަޅާ ނިންމާލިއެވެ. އޭގެ އިތުރުން އޭނާ ޚާއްޞަކަމެއް ދިންކަމަކަށް ހެދުމުގެ އެތެރެއިން ނިޔާނަށް އެންމެ ކަމުދާ އެއްޗެހި ލިއެވެ. ދުރުގައި ހުރެފައި އަންނައިރު ނިޔާނު އެހިސާބަށް ދާނޭކަން އައިރާއަށް އެނގޭތީއެވެ. ލަދުވެތި ހިނިތުންވުމަކާއެކު ލޯގަނޑަށް އައިރާ ބަލަހައްޓައިގެން ހުއްޓެވެ. ތިރީތުންފަތުގައި ދަތްއަޅާލައިގެން ހުރިއިރު އޭނާގެ ސިކުނޑީގައި ތަފާތު ގިނަ ޚިޔާލުތައް އެނބުރެމުންދިޔައެވެ. އަތުގައި އޮތް ލޭގެ ރިޕޯޓު ބަނޑުގައި ޖައްސާލައިގެން އަމިއްލަ ސޫރައަށް ބަލަން އައިރާ ހުއްޓެވެ.
އިރުއޮއްސި ހަގަޑި ބައިވެއްޖެއެވެ. ނިޔާނުގެ އެއްވެސް ޚަބަރެއް ނުވިއެވެ. ކެތްތެރިކަން ކުޑަވެފައި އިން އައިރާ ފޯނު ނަގާ ނިޔާނަށް ގުޅާލިއެވެ. އޭރު ވެސް އޭނާގެ އެއްއަތުގައި ލޭގެ ރިޕޯޓު އޮތެވެ. ނިޔާނުގެ ފޯނަކަށް ނުގުޅުނެވެ. ރޭންޖު ނުލިބެނީ ކަމުގައި އައިރާ ހީކުރިއެވެ. އެހެންނަމަވެސް އޭނާ ހާސްވާންފެށިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ނިޔާނު އަންނަންބުނި އިރަށްވުރެ މާބޮޑަށް ވެސް ލަސްވެއްޖެއެވެ.
"އަންގާނުލާ ގެއަށް އައިސް ވަންނަންކަންނޭނގެ އެ ހުންނަނީ... އެހެންވިޔަސް އަހަރެން ދޭ ސަޕްރައިޒު މާބޮޑުވާނެ" ރަނގަޅު ޚިޔާލުތައް ސިކުނޑިއަށް ވެރިކުރުވަން އައިރާ މަސައްކަތްކުރިއެވެ. ނަމަވެސް ކެތްތެރިކަން ކޮޅުންލީ ހަގަޑި ސާޅީސްފަހެއް ވުމުން ވެސް ނިޔާނުގެ ފޯނަށް އެއްގޮތަކަށް ވެސް ގުޅޭގޮތް ނުވުމުންނެވެ. އައިރާ ކޮޓަރިން ނުކުތެވެ. ކަންބޮޑުވެފައި ހުރެ ވެސް ރުބީނާއާ ވާހަކަދައްކަން ނިންމައިގެންނެވެ. ސިޓިންރޫމަށް ނުކުންއިރު ރުބީނާ ސޯފާގައި އިނެވެ. އައިރާ ތައްޔާރުވެގެން ހުރިވަރު ފެނިފައި ރުބީނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
"ތިއްތި ހެދިގެން އަނެއްކާ އަނެއްފަހަރު ބޭރަށް... ކާކު ކައިރިއަށް..." ރުބީނާގެ އަޑު ކަނޑައިގެން ދިޔައީ އެޕާޓްމެންޓު ދޮރުގެ ރަނގަބީލަށް ތަކުރާރުކޮށް މީހަކު ފިތަމުންދިއުމުންނެވެ. ދޮރުހުޅުވަން ރުބީނާ ސޯފާއިން ތެދުވިއެވެ. އޭނާއަށް ދޮރު ނުހުޅުވިގެން އުޅެނިކޮށް ބޭރުގައި ހުރި މީހަކު ދޮރުގައި ތަޅައިގަނެއްޖެއެވެ.
"ކާކުތަ؟" ނުރުހިފައި ރުބީނާ ބުންޏެވެ. އަދި ތަޅުލާފައި ހުރި ދޮރު ހުޅުވާލިއެވެ. އެއާއެކު ވައިސޫރިއެއްހެން އެތެރެއަށް ވަންތައް ފެނުނީ އަމީރެވެ. އޭނާގެ ކަރުނުން ފުރިފައިވާ ދެ ލޮލާއި މޫނުމަތީގައިވި އަސަރުތަކުން ހީވަނީ ބިރުވެރި މަންޒަރެއް ފެނިފައި ހުރި ހެންނެވެ. ރުބީނާއާ ވާހަކަދައްކަން އުޅެފައި ވެސް އައިރާ ފެނުމާއެކު އަމީރު ގަނޑުވިއެވެ. ރުބީނާ ވެސް އަޖައިބުވީ އަމީރަށް ވެފައި ހުރި ގޮތް ފެނިފައެވެ. އޭނާ އެ އައީ ތެޅެމުންފޮޅެމުންކަން ރުބީނާއަށް އެނގުނެވެ. އެކަމަކު އަމީރަށް އެވަރު ވާންޖެހޭ ވަރު ކަމަކަށް އެ އެޕާޓްމެންޓު ތެރޭ ކަމެއް ނުހިނގައޭ ރުބީނާގެ ހިތަށް އަރަމުންދިޔައެވެ.
"އަމީރު..." ރޮމުންދިޔަ އަމީރަށް ރުބީނާ ގޮވާލީ މަޑުމަޑުންނެވެ. އެހިނދު އެއްފަހަރު ރުބީނާއަށް އަނެއްފަހަރު އައިރާއަށް އަމީރު ބަލާލިއެވެ.
"ނިޔާނު...." ކުރެހިފައިވާ އަޑަކުން އަމީރަށް ބުނެވުނެވެ. (ނުނިމޭ)