ދުނިޔެ

ޔޫރަޕްގެ ކުރިމަގަށް މުހިއްމު އިންތިހާބެއް، ފްރާންސް މީހުން ވޯޓްލަނީ

ޔޫރަޕްގެ އެއްބައިވަންތަކަމަށް ލޮޅުމެއް އަރުވާލާފަދަ ކެނޑިޑޭޓުންތަކެއް ވާދަކުރައްވާ ރިޔާސީ އިންތިހާބުގައި ފްރާންސްމީހުން ވޯޓްލާން ފަށައިފިއެވެ. ފްރާންސްގައި މިހާރު އޮތް ސިޔާސީ ލީޑަޝިޕް އެގޮތުގައި ދަމަހައްޓާނީކަން ނުވަތަ ނޫންކަން ފްރާންސްގެ ރައްޔިތުން ނިންމާނީ މިއަދުގެ އިންތިހާބުންނެވެ.

ފްރާންސްގައި މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓްލުމުގެ ހައްގު އޮތް 47 މިލިޔަން މީހުން އެބަތިއްބެވެ. ފްރާންސްމީހުން ވޯޓްލާން ނުކުންނަ އިރު އެގައުމުގެ ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެއީ އިންތިހާބާ ކައިރިވެފައި ވަނިކޮށް އެގައުމުގައި ހަމަލާތަކެއް ދީފައި ވާތީއެވެ.

އިންތިހާބުގައި އެންމެ ކައިރިން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ޔޫރަޕްގެ އެއްބައިވަންތަ ކަމަށް ތާއީދުކުރައްވާ ، އިމެނުއަލް މެކްރޯންއާއި ކަނާތު ފިޔައިގެ ހަރުކަށި ސިޔާސަތުގެ މެރިންއެ ލިޕެން އެވެ. އުމުރުފުޅުން 39 އަހަރުގެ މެކްރޯން އިސް ނަންގަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދެވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ޚިޔާލުހޯދުމުގެ ވޯޓްތަކުގެ ނަތީޖާ ދައްކާ ގޮތުން އޭނާއަކީ އެންމެ މަގުބޫލު ކެންޑިޑޭޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ލިޕެން ކަޓުވާލައި މީހުންގެ ހިތްތަކުން ބިރުވެރިކަން ފިލުވައިލަދޭނެ ކަމަށް ބެލެެވެނީ އޭނާއެވެ.

ފްރާންސްގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 67000 ވޯޓްލާ މަރުކަޒު ވަނީ ގާއިމްކޮށްފައެވެ. ފްރާންސް ގަޑިން ހެނދުނު 8.00 ގައި ވޯޓްލާން ފަށާއިރު އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން 50000 ފުލުހުން ވަނީ މަގުތަކަށ ނެރެފައެވެ. ގައުމުން ބޭރުގައި ތިބި ފްރާންސް މީހުން މިހާރު ވަނީ ވޯޓްލާ ނިންމާފައެވެ. - ރޮއިޓާސް