ބޭރު ކުޅިވަރު

އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ލިބުމަކީ ބޮޑު ފަހުރެއް: ކޮންޓޭ

Apr 23, 2017

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 4-2 އިން މޮޅުވެ، ޗެލްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓުގައި ޗެލްސީން ލީޑު ނެގީ ވިލއަން ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ 18 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ވެސް ވިލިއަން އެވެ. އެކަަމަކު ދެވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމްގެ ޑެލީ އަލީ ލަނޑު ޖަހައި، ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރި އެވެ.

މި މެޗަށް ޗެލްސީގެ ކޯޗު ނެރުނު ފުރަތަމަ 11ގައި ފޯވަޑް ޑިއޭގޯ ކޮސްޓާ އާއި އެޑިން ހަޒާޑް ނުހިމެނެ އެވެ. އެކަަމަކު ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ، ހަޒާޑް ވަނީ ޗެލްސީ ކޮޅަށް މެޗު އަނބުރާލުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މެޗުގެ 75 ވަނަ މިނިޓުގައި ޗެލްސީން ލީޑު ނެގީ ހަޒާޑް ޖެހި ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ނެމަންޔާ މަޓިޗް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.

"މި ލިބުނު ކާމިޔާބީއާމެދު ފަހުރުވެރިވޭ،" މެޗަށް ފަހު ކޮންޓޭ ބުންޏެވެ. "އަހަރެންގެ ފުރަަތަމަ ސީޒަންގައި އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް. މިއަދު އަހަރަމެންގެ ރޭވުންތައް ކާމިޔާބުވި."

ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނަ ޓީމެއް އެނގޭނީ ދެވަނަ ސެމީގައި މިރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗުންނެެވެ.