ކުޅިވަރު

އެންރީކޭގެ ވަދާއީ އެލްކްލެސިކޯއަށް އޭނާ ތައްޔާރު

Apr 23, 2017

ކުލަބު ފުޓްބޯޅައިގައި، މިރެއަކީ މުޅި ދުނިޔެއަށް ހާއްސަ ރެއެކެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލު ބެލި މީހުންނަށް ވުރެ ގިނައިން މިރޭގެ މެޗު ބަލާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ދެހާސް ސާދަ ވަނަ އަހަރު ވޯލްޑްކަޕް ފައިނަލް ބެލީ 650 މިލިއަން މީހުންނެވެ. މިރޭގެ މެޗު 700 މިލިއަން މީހުން ބަލާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. ސްޕެއިންނާއި ޔޫރަޕްގެ ފުޓްބޯޅައިގައިވެސް ފަހަގަ ކުރެވޭ ވަރުގަދަ ދެ ކުލަބު ކަމަށްވާ ބާސެލޯނާ އާއި ރެއަލް މެޑްރިޑް ބައްދަލު ކުރާ މެޗަކީ، ބާސާގެ ކޯޗް ލުއިސް އެންރީކޭއަށް ހާއްސަ މެޗެކެވެ. އެއީ މި ސީޒަނަށް ފަހު ބާސާގެ ކޯޗްކަން ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފައިވާ، އެންރިކޭގެ ވަދާއި އެލްކްލެސިކޯ މެޗަށް މިރޭގެ މެޗު ވާތީ އެވެ.

މިރޭގެ މެޗުގައި، އެންމެ ހާއްސަ މީހަކަށްވެސް ވާނީ އެންރީކޭ އެވެ. ސަބަބަކީ އޭނާއަށް ވުރެ ގިނައިން އެލްކްލެސިކޯ ކުޅުނު އެހެން މީހެއް، މިރޭ ދަނޑުގައި ނުހުންނާނެ އެވެ. ކޯޗެއްގެ އިތުރުން، ކުޅުންތެރިޔެއްގެ ގޮތުގައިވެސް، އެލްކްލެސިކޯގައި ކުޅެފައިވާ، އެންރީކޭ ވަނީ ބާސާ އާއި ރެއާލްގެ ޖޯޒީގައިވެސް އެލްކްލެސިކޯގައި ކުޅެފަ އެވެ. ބާސާއަށް ބަދަލު ވުމުގެ ކުރިން، އެންރީކޭގެ ހިތުގެ ލޯބި އޮތީ ރެއާލްއާ އެކު އެވެ. ބާސާއަށް އޭނާ ބަދަލުވީ ރެއަލްގެ ޖޯޒީގައި ޖާދޫ ދެއްކުމަށް ފަހު އެވެ.

ބާސާ ގޮވައިގެން އޭނާގެ އެންމެ ފަހު އެލްކްލެސިކޯއަށް ނިކުންނައިރު، އެންރީކޭއަށް އޮތީ ނުތަނަވަސް ކަމެވެ. އެއީ ސަސްޕެންޝަންގެ ސަބަބުން ނޭމާއަށް މިރޭ މެޗު ނުކުޅެވުމެވެ. ނަމަވެސް އެންރީކޭ ބުނީ ނޭމަ ނެތަސް، ބާސާއިން އޮތީ މެޗަށް ތައްޔާރަށް ކަމަށެވެ.

"ނޭމާ ނެތަސް، އަދި ނޭމާ ހުރި ނަމަވެސް އެ ހާލަތަަށް ބާސާ އޮތީ މެޗަށް ތައްޔާރަށް، ކުލަބު ސްޓޭންޑަކީ ނޭމާ އަށް ދިން އަދަބު އިންސާފުވެރިއެއް ނޫން، މެޗުގައި ފެންނާނެ، ނޭމާ ނެތި އެ ރިސްކް ނަގައިގެން އަހަރެމެން ކުޅޭ މަންޒަރު،" އެންރީކޭ ބުންޏެވެ.

އެންރީކޭ، ބުނީ މިރޭގެ މެޗަކީ ލީގްގެ ޗެމްޕިއަންކަމާ ހަމަޔަށްދާން ލިބޭ ފުރުސަތެއް ކަމަށާއި ނުވަތަ ޗެމްޕިއަންކަމާ ފެޔަށް ޖެހިގެންދާނެ މެޗެއް ކަމަށެވެ.

"ޝައްކެއްވެސް ނެތް މިއީ އަހަރެމެންނަށް ފައިނަލެއް، މެޗުގެ ނަތީޖާއަށް ފަހު އެނގޭނެ، ލަލީގާ ރޭސް ނިމުނު ކަން ނުވަތަ ނުނިމޭކަން،" އެންރީކޭ ބުންޏެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް، ލީގް ކަނޑައަޅަން ނޭނގޭނެ ކަމަށެވެ. ޒިދާންއަށް އޮތް ހިތްހަމަ ޖެހުމަކީ، އަނިޔާގައި ހުރި ގެރެތު ބޭލް މެޗަށް ފިޓްވެފައި ވުމެވެ. ނަމަވެސް، ބޭލް މެޗުން ފެންނާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް، ޒިދާން ކަށަވަރުކޮށް ނުދެ އެވެ.