އަގުހުރި އިނާމުތަކަކާ އެކު ބޮޑެތި ޑިސްކައުންޓްތަކެއް ވެސް ލިބޭ ގޮތަށް އެސްޓީއޯއިން ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ ޕްރޮމޯޝަން "އެސްޓީއޯ ރަމަޒާން ބާޒާރު" މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ޖުލައ މަހުގެ 1 ވަނަ ދުވަހާއި ހަމަޔަށް އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕާމާޓުގައި ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ރޯދަ މަހާއި ދިމާކޮށް ކާބޯ ތަކެއްޗާއި، ބަދިގޭގައި ބޭނުން ކުރާ ސާމާނު ފަސޭހަ ކަމާއެކު ހެޔޮ އަގުތަކެއްގައި ލިބޭނެ ގޮތް ފަހި ކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖާ، ފާތުމަތު އާޝާ ވިދާޅުވި އެވެ. އާޝާ ވިދާޅުވީ ރޯދަ މަހާ ދިމާކޮށް އެސްޓީއޯ ގެ ފިހާރަތަކުން ލިބެން ހުންނަ ކާބޯތަކެތީގެ ބާވަތްތަކާއި، ބަދިގެ ސާމާނު ގެ އަގުތަށް ވަރަށް ބޮޑަށް ހެޔޮ ކޮށްފައި ވާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ނިމެންދެން ވެސް އަގުތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އާޝާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޕްރޮމޯޝަންގައި ކާބޯތަކެތީގެ އަގުތައް ހުންނާނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފައި. ފިޔާ، އިގުރު ލޮނުމެދު ބިސް ފަދަ ތަކެތި ވަރަށް ހެޔޮ އަގު ތަކެއްގައި ލިބޭނެ. މި ހަފްތާ ތެރޭގައި މި ތަކެތި ލިބެން ފަށާނެ." އާޝާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ޕްރޮމޯޝަންގެ ބައިވެރިންގެ މެދުގައި ގުރުއަތު ނަގައި ގުރުއަތުން ހޮވޭ ފަރާޓްތަކަށް ހާއްސަ އިނާމްތަކެއް ވާކަމަށް ވެސް އާޝާ ވިދާޅުވި އެވެ. އާޝާ ވިދާޅުވީ، މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާ އަކުވެސް ގުރުއަތު ނަގާނެ ކަމަށާއި، ޕްރޮމޯޝަން ނިމުމުން ހުރިހާ ބައިވެރިންގެ މެދުގައި ބޮޑު ގުރުއަތުލުމެއް އޮންނާނެ ކަމަށެވެ.
"މި ޕްރޮމޯޝަން ކުރިއަށް ދާއިރު 300 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދެވޭނެ. އަދި ކޮންމެ ހަފްތާއަކު ވެސް ބައިވެރިންގެ މެދުގައި ގުރުއަތުލުން ނަގައި ގުރުއަތުން ހޮވޭ ފަރާތަކަށް 400 ރުފިޔާގެ ވައުޗާއެއް ވެސް ލިބޭނެ. އަދި ޕްރޮމޯޝަން ކުރިއަށް ދާއިރު 400 ރުފިޔާ ގެ އަގުހުރި ތަކެތި ނެގޭނެ ވައުޗާ ލިބޭ ކޮންމެ ފަރާތަކަށް ވެސް. އަދި މި ޕްރޮމޯޝަން ނިމުމުން ހުރިހާ ބައިވެރިންގެ މެދުގައި ގުރުއަތުލުމެއް ނަގައި އެއްވަނަ އަށް ދާފަރާތަކަށް 25000 ރުފިޔާގެ ވައުޗާަކާއި، ދެވަނައަށް ދާ ފަރާތަކަށް 15000 ރުފިޔާގެ ވައުޗާއަކާއި، ތިންވަނައަށް ދާ ފަރާތަކަށް 12000 ރުފިޔާގެ ވައުޗާ އެއް ލިބޭނެ. އެއް އަހަރު ދުވަހަށް މި ވައުޗާ ބޭނުން ކުރެވޭނެ." އާޝާ ވިދާޅުވި އެވެ.
ރޯދަ މަހާއި ދިމާކޮށް އެސްޓީއޯ އިން އަންނަނީ ކޮންމެ އަހަރަކު ވެސް ވަރަށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މިމަހުގެ ކުރީ ކޮޅު އެސްޓީއޯ ސުޕަމާޓުން ވަނީ ނަސީބުވެރި 10 ފަރާތަކަށް 5000 ރުފިޔާގެ ވައުޗާ އެއް ދޭގޮތަށް ޕްރޮމޯޝަނެއް ފަށަފަ އެވެ. އަދި މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއި އެކު ރޯދަ މަހަށް ހާއްސަ ކޮށްގެން ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އަދި "ހަމަ ހިޓާޗީ" ގެ ނަމުގައި ހަ މަހުގެ މުއްދަތަށް ކުރިޔަށްދާ އޭސީ ޕްރޮމޯޝަނެއް ވެސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި އެއްވަނައަށް ދާ ފަރާތަކަށް ދުބާއީ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.