ނުތަނަވަސްކަން ބޮޑުވެފައިވާ ކޮރެއާ ސަރަހައްދަށް ދާން އުޅޭ އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަންގެ ކައިރިއަށް ޖަޕާނުން ދެ ޑެސްޓްރޯޔާ ފޮނުވައިފިއެވެ.
ރޮއިޓާސް ބުނީ ކާލްވިންސަން ގްރޫޕްގެ ސިފައިންނާއި ޖަޕާނުގެ މަނަވަރުތަކުގެ ސިފައިން ގުޅިގެން މިއަދު ފަރިތަކުރުންތަކެއް ފަށާފައިވާ ކަމަށެވެ.
ޖަޕާނުގެ ސަމިޑާރީ ނަމަކަށް ކިޔާ މަނަވަރާއި އަޝިގަރާ ނަމަކަށް ކިޔާ މަނަވަރު ޖަޕާނުން ފުރީ ހުކުރުދުވަހުއެވެ. ކާލްވިންސަން ގްރޫޕާ ގުޅެން ޖަޕާނުން އެ ދެމަނަވަރު ފޮނުވީ އުތުރުކޮރެއާއިން ކުރިއަށް ގެންދާ ބިރުދެއްކުމުގެ ހަރަކާތްތަކާ ދެކޮޅަށް އެމެރިކާއިން ކުރާ މަަސައްކަތުގައި އެގައުމަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން އެ ދެމަނަވަރުގެ ސިފައިންނަށް އަންގާފައި ވަނީ އެމެރިކާގެ މަނަވަރުތަކާއި އެކު އިރުމަތީ ޗައިނާ ކަނޑާ ހަމައަށް ދަތުރުކުރުމަށެވެ. ނަމަވެސް އެ މަނަވަރުތައް ކާލް ވިންސަން ގްރޫޕާ އެކު ހޭދަކުރާނީ ކިތައް ދުވަސް ކަމެއް ޖަޕާނުގެ ޑިފެންސް މިނިސްޓްރީއަކުން ނުބުނެއެވެ.
އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވީ އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރުކުރުމުންނެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދުކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. އެކަމުގައި މިފަހަރު އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފައެވެ. ނަމަވެސް އެގައުމުން އެންމެ ފަހުން ކުރި ގިނަ ޓެސްޓްތައް ވަނީ ނާކިޔާބު ވެފައެވެ. އުތުރުކޮރެއާއިން މިދިޔަ އަހަރު ނިއުކްލިއަ ޓެސްޓްތަކެއް ވެސް ކުރިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރުކޮރެއާއިން އެމެރިކާއަށް ނިއުކްލިއަ ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކޮރެއާ ހުއްޓުވަން ކޮންމެ ފިޔަވަޅެއް ވެސް އަޅަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖަޕާނުން އެގައުމުގެ އަސްކީ ގާބިލުކަން ދައްކައިލުމަކީ ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވަމުންދާ ކަން ދައްކުވައިދޭ ކަމެކެވެ.