ފިނިޕޭޖް

ލޯޔަރަކަށް ވުމުގެ ހުވަފެނާ އެކު ލަވަ ކިޔަން ތައްޔާރު

މޯލްޑިވިއަން އައިޑޮލްގެ ދަތުރަށް ފެށުމުގެ ކުރިން ޝަޒާ އަބްދުﷲ ރަޝީދު އޮޑިޝަނަށް ދިޔައީ ގޯލްޑެން ޓިކެޓް ލިބި އެ އޮޑިން ޖާގައެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް އޮވެގެނެއް ނޫނެވެ. ބައްޕަ ކައިރި ނުބުނީވެސް އެހެންވެ އެވެ. ލަވަ ކިޔުމަކީ ބައްޕަ މާ ގަބޫލު ކަމަކަށްވެސް ނުވާތީ އާ އެކުގަ އެވެ. ސްކޫލްގައި އުޅުނު އިރު ތަންކޮޅެއް ކުޑައިރު ލަވަ މުބާރާތެއްގައި ބައިވެރިވެ ދެ ވަނަވެސް ލިބުނެވެ. ނަމަވެސް ބައްޕަ ހިންހަމަ ނުޖެހޭތީ ފަހުން ލަވަ ކިޔަން ނޫޅެވުނީ އެވެ. ނަމަވެސް ގޯލްޑެން ޓިކެޓް ލިބުމުން ބައްޕަ އާއި ވާހަކަ ދައްކައިގެން ހުއްދަ ހޯދީ އެވެ.

ތިއޭޓާ ރައުންޑުން ޕިއާނޯ ރައުންޑަށް ދެވޭނެ ކަމުގެ އުންމީދެއްވެސް ޝަޒާގެ ނެތެވެ. މިއީ ސްކޫލްގައި އުޅުނުއިރު އެއް ފަހަރު ލަވަ މުބާރާތުގައި ބައިވެރިވި ފަހުން ޝަޒާ ބައިވެރިވި ފުރަތަަމަ ލަވަ މުބާރާތެވެ.

މާބޮޑު އުންމީދެއް ނެތި ބައިވެރިވި ނަމަވެސް ޓާގެޓަށް ވާސިލް ނުވެވެނީސް މުބާރާތާއި ވަކިވާން ޖެހުމުން ޝަޒާ ވަރަށް ދެރަވި އެވެ. ޝަޒާގެ ޓާގެޓަކަށް ވީ ގަދަ 10 އަކުން ޖާގަ ހޯދުމެވެ.

"އައިޑޮލް ޖާނީ އަކީ އަސްލު ވަރަށް މަޖާ ޖާނީއެއް. ވަރަށް ދެރަވި ޓާގެޓަށް ރީޗް ނުވަނީސް ވަކިވާން ޖެހުނީމަ. އެކަމަކު އެހިސާބަށްވެސް އާދެވުނީ ވަރަށް ގިނަ ބައެއްގެ ސަޕޯޓާއެކީ. ގަބޫލުކުރަން އެކަން." ޝަޒާ ބުންޏެވެ.

"މިތަނަށް އައިސްގެން ވަރަށް ބައިވަރު އެއްޗެހި ދަސްވި، އެންމެ ބޮޑަށް ދަސްވީ ހަމަ ނަމާދަށް ފަރުވާތެރިވާން، އެންޑް ޕަންޗުއަލިޓީ، ދެން ސިންގިންއިން ބުނަންޏާ އަޅުގަނޑު މިތަނަށް އައިއިރު ނޭނގޭ އެއްވެސް އެއްޗެއް، މިތަނަށް އައިސްގެން ވޯކަލްގެ ހުރިހާ އެއްޗެއް ދަސްވިން، ޓްރެއިނިންތައް ވެސް ލިބުން،"

ޝަޒާ އައިޑޮލްގައި ބައިވެރިވީ މިއުޒިކް އަކީ އޭނާގެ މުޅި ކެރިއާއަށް ބަދަލުކޮށްލުމުގެ ބޭނުމުގައެއް ނޫނެވެ. މިއީ ހަމައެކަނި ހުސް ވަގުތު ކުރާ ހިތުން ކުރާނެ ކަމެކެވެ. ޝަޒާ ކުރިއަށް ދާން ބޭނުންވާ ދާއިރާ ވަރަށް ތަފާތެވެ.

"އަބަދުވެސް ވާން ބޭނުންވަނީ ލޯޔަރަކަށް. އެކަމަކު އަދި ކިޔަވާކަށް ނުފަށަން. އެންމެ ކުޑައިރުން ފެށިގެން ވާން ބޭނުންވީ މީހަކީ އެއީ،" ޝަޒާ ބުންޏެވެ.

ޝަޒާ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވިއިރު މަސައްކަތް ކުރަމުން ދިޔައީ އާކިޓެކްޗާ ކުންފުންޏެއްގަ އެވެ. އައިޑޮލް އަށް ހޮވުމަށްފަހު މަސައްކަތާއި ދުރުވެ ޝަޒާހުރީ ލަވަކިޔުމަށް ހުސްވެ އެވެ. ލަވައިގެ އެއްވެސް މަސައްކަތެއް އަދި ނުކުރި ކަމުގައި ވިޔަސް ކައިރި މުސްތަގުބަލެއްގައި ޝަޒާގެ ލަވައެއް އިވޭނެ ކަމަށް އޭނާ ބުންޏެވެ.

މިޔުޒިކީ ދުނިޔޭގައި ފިޔަޖަހަން ތައްޔާރަށް ހުރި ޝަޒާއަށް މޯލްޑިވިއަން އައިޑޮލްގައި ދިމާވި އޭނާގެ ވާދަވެރިންނަކީ އޭނާއަށް މިހާރު އެންމެ ހާއްސަ މީހުންނެވެ. ތިން މަހެއްހާ ދުވަހު އެކުގައި އުޅެ، އެ ބައިވެރިންނަކީ ޝަޒާގެ ހަޔާތުގެ ވަރަށް މުހިންމު ބަޔަކަށް ވަނީ ވެފަ އެވެ. ޝޯއިން އޭނާ އެންމެ ހަނދާންވާނެ ކަމަކީ ވެސް އެއީ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ ފަހެއްގެ ތެރެއިން ޝަޒާގެ ޓޮޕް ތިނަކީ ހަމޫދު އަހްމަދު، ޝަމްވީލް މުހައްމަދު އަދި މުހައްމަދު ތަސްނީމް އެވެ.

"އަޅުގަނޑު ބުނާނީ މިހަރު ގަދަ ފަހެއްގައި އެތިބީ ހުސް ވިނާސް އޭ."

"އައިޑޮލް ފެށިގެން އައިސް އަޅުގަނޑު ޝޯއިން ކަޓަންދެން ހަމަ އެންމެ ސަޕޯޓިވް އީ ބައްޕަ."

ޝަޒާގެ ޝުކުރުގެ ލިސްޓު ވަރަށް ދިގެވެ. ކުރުކޮށްލާފައި ބުނީ އާއިލާ އާއި ރައްޓެހިންނާއި އަދި އޭނާ އަށް ސަޕޯޓްކުރި އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.