ދުނިޔެ

ޓްރަމްޕްގެ ވެރިކަމަށް 100 ފުރުން ފާހަގަކުރަން ބޮޑު އެއްވުމެއް

Apr 23, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ރިޔާސަތަށް 100 އަހަރު ފުރުން ފާހަގަކުރާނީ ޕެންސިލްވޭނިއާ ސްޓޭޓްގައި ބާއްވާ ބޮޑު އެއްވުމެއްގައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ވެރިކަަމަށް 100 ދުވަސް ފުރުން ފާހަގަ ކުރުމަށް ބޮޑު އެއްވުމެއް ބާއްވާނެ ކަން ޓްރަމްޕް އިއުލާން ކުރެއްވީ އާދައިގެ މަތިން ސޯޝަލް މީޑިއާ ޓްވިޓާގައެވެ. އެކަން ހާމަކުރައްވައި ޓްރަމްޕް ޓްވީޓްކުރެއްވީ އިއްޔެއެވެ. ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވިތާ 100 ދުވަސް ހަމަވާނީ މިހިނގާ އޭޕްރިލްމަހުގެ 29 ވަނަ ދުވަހުއެވެ.

ބޮޑު އެއްވުމަށް ޓްރަމްޕް ވަޑައިގަންނަވާ ދުވަސް އިއްތިފާގުން ދިމާވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ހަބަރުތައް ކަވަކުރާ ނޫސްވެރިން އިންތިޒާމުކޮށްގެން ބާއްވާ ޖާފަތް " ކަރެސްޕޮންޑެންޓްސް ޑިނާ" އޮންނަ ދުވަހާއެވެ. އެ ޖާފަތަށް ވަޑައިގެންނެވުމަށް ޓްރަމްޕް ވަނީ އިންކާރުކުރައްވާފައެވެ.

ވެރިކަމަށް 100 ދުވަސް ފުރުން ފާހަގަކުރައްވާނެކަން އިއުލާން ކުރެއްވިޔަސް ، ޓްރަމްޕް ވިދާޅުވެފައި ވަނީ ސަރުކާރަކުން ހާސިލުކުރާ މިންވަރާ މިނަން 100 ދުވަސް ބެލުމަކީ ހެއްވާ ކަމެއް ކަމަށެވެ. ވެރިކަމަށް 100 ދުވަސް ފުރުން ފާހަގަ ކުރުމަކީ އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ފްރެންކްލިން ރޫޒްވެލްޓްގެ ވެރިކަމުގައި ކުރަން ފެށި ކަމެކެވެ.

އެެމެރިކާގެ ރިޔާސީ އިންތިހާބަށް ޓްރަމްޕް ކެމްޕޭން ކުރެއްވި ދުވަސްވަރު އޭނާ ވަނީ ފުރަތަަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރައްވާފައެވެ.