މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަ ގައުމުކަމަށްވާ ގަތަރަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މަޓިސް ވަޑައިގެންފިއެވެ.
އަލްޖަޒީރާ ބުނީ ޖިމް މަޓިސް ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެން އެގައުމުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައް ސާނީއާ އިއްޔެގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ.
" ގުޅުންތައް ކުރިއަށް ވުރެ ރަނގަޅުވޭ ނުވަތަ ގޯސްވެސް ވޭ. އަހަރެން މިހިތީ ތައްޔާރަށް އަހަރަމެންގެ ފަރާތުން ގުޅުން ކުރިއަށް ވުރެ ރަނގަޅުކުރަން،" ބައްދަލުވުމުގައި މަޓިސް ތަމީމްއަށް ވިދާޅުވިކަމަށް އަލްޖަޒީރާގެ ހަބަރުގައި ވެއެވެ.
ގަތަރު އަމީރާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ކުރެއްވި މަޝްވަރާތަކުގައި އެންމެ އިސްކަން ދެއްވާނެ ކަމަށް ބެލެެވެނީ އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ނުރައްކަލާއި މެދުއިރުމައްޗަށް އީރާނުން ފޯރުވާ ނުފޫޒުގެ މައްސަލައަށް ކަމަށް ބެލެވެއެވެ. އީރާނަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލާ ގައުމެއް ކަމަށް އެމެރިކާއިން ކުރިން ވަނީ ސިފަކޮށްފައެވެ.
މަޓިސްގެ ދަތުރުފުޅުގައި ގަތަރުގެ ޑިފެންސް މިނިސްޓަރު ޚާލިދު އަލް އަތިއްޔާއާ ވެސް ބައްދަލުކުރައްވާނެއެވެ. އޭނާ ގަތަށް ވަޑައިގެންނެވީ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގެ ބައެއްގެ ގޮތުގައެވެ. ދަތުރުފުޅުގައި އޭނާ ވަނީ ސައުދީ އަރަބިއްޔާއާއި މިސްރާއި އިސްރާއީލަށް ވެސް ވަޑައިގެންފައެވެ. އޭނާ މިއަދު ވަޑައިގަންނަވާނީ ޖިބޫތީއަށެވެ.
އެމެރިކާއާ މެދުއިރުމަތީގެ ބާރުގަދަ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދުވަސްވަރު ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައެވެ. އެއީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ މައްސަލަ ހައްލުކުރުމުގައި އެމެރިކާގެ ބައިވެރިވުން ކުޑަވުމާއި އީރާނާއި މެދު ތަންކޮޅެއް އެކުވެރި ސިޔާސަތެއް ގެންގުޅެން ފެށުމުންނެވެ. އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޖޭ ޓްރަމްޕް ވަޑައިގެންނެވި ފަހުން މެދު އިރުމަތީގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ގިނަ މަސަައްކަތްތަކެއް ވަނީ ކުރައްވާފައެވެ.