ރިޕޯޓް

ފުލުފުލުގައި އިންޒާރުތަކަށް ފަހު ރަހުމްކުޑަ ގަތުލެއް

  • ދީނީ ހަރުކަށި މީހުންގެ އިންޒާރު އޭނާއަށް ލިބޭ
  • މަރާލާފައި އޮއްވާ ފެނުނީ ރޭ ދަންވަރު
  • އެންމެންނަށް ލިބިފައި ވަނީ ބޮޑު ޝޮކެއް

ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލީ މިދިޔަ ހަފްތާގަ އެވެ. އިރުއަރައިގެން މިއަދު އައީ ޒުވާނެއްގެ ގައިގެ އެތައް މިތަނަށް ވަޅި ހަރައި ކަތިލާފައިވާ ހަބަރުން މުޅި ގައުމު ސިއްސުވާލަމުންނެވެ. ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު 29، ގެ ގައިގަ 14 ތަނަށް ވަޅިޖަހައި މަރާލި އިރު މިއީ މިއަހަރު މިގޮތަށް ހިންގި އެންމެ ރަހުމް ކުޑައެއް މަރެވެ. ޔާމީން ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ ގޭގެ ސިޑިގޮޅިދޮށުގައި ލެއިން ތަތްތެޅިފައި އޮތްވައިފެނިފައިވަނީ ރޭ ދަންވަރު 2:59 އެހާކަން ހާއިރު އެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މާގިނައިރުތަކެއް ނުވެ ވަނީ މަރުވެފަ އެވެ.

ޔާމީން ރޭގައި މަރާލާފައިވާ އޮތްވައި ފެނުނު ގޮތުން ހަނދާންވެގެންދަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ އަނިޔާވެރިގޮތަށް މަރާލާފައި އޮއްވައި ފެނުނު ޑރ.އަފްރާޝިމް އަލީގެ މަރުގެ މަތިންނެވެ. އެފަދަ އަނިޔާވެރި ގަތުލުގެ މަރެއްގެ ހަބަރު އަނެއްކާވެސް މިވަނީ ދިވެހިންގެ ހިތުގައި ބިންވަޅުނަގުވާފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ވަޒީފާ އަދާކުރަމުން ދިޔަ ޔާމީންގެ ކަރައި މޭގެ އިތުރުން ބޮލާއި ހަށިގަނޑުގެ އެތަށް މިތަނަށް ވަޅިހަރައި ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.

ޔާމީން ރަޝީދަކީ، އޭނާގެ އަމިއްލަ ބްލޮގް "ޑެއިލީ ޕެނިކް" ގެ އިތުރުން ޓްވިޓާގައި، ދީނީ ހައްދު ފަހަނައެޅުމާ ދެކޮޅަށާއި ސިޔާސީ އަދި އިޖުތިމާއީ އެކި ކަންކަމަށް ވަރަށް ތަނަވަސްކޮށް ހިޔާލުފާޅު ކުރަމުން ދިޔަ ޒުވާނެކެވެ. އޭނާ އަކީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ އެންމެގާތް އެކުވެރިއާގެ އިތުރުން ރިލްވާން ހޯދުމަށް ފެށި ކެމްޕޭންގައި ވެސް އިސްކޮށް އުޅުނު އެކަކެވެ.

ތަފާތު މަރުގެ އިންޒާރުތަކާއި ބިރުދެއްކުމާ އޭނާއަށް ކުރިމަތިވާތީ މީގެ ކުރިން ޔާމީން އެ މައްސަލަތައް ފުލުހަށް ހުށަހަޅާފައިވެއްވެ އެވެ. އަދި ފުލުހުން އެކަންކަމުގެ "އަޕްޑޭޓް" ޔާމީން އަށް ދެމުންގެންދިޔަ ކަމަށް ވެއެވެ. ފުލުހުން މިއަދު ބުނެފައި ވަނީ ބިރު ދެއްކުމުގެ މައްސަލަޔާ ގުޅިގެން މީގެ ކުރިން ބަޔަކާ ސުވާލު ވެސް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ވެސް ކުރި ކަމަށެވެ.

ރޭގެ ފަހުގެ ވަގުތެއްގައި އޭނާއާ ވާހަކަ ދެއްކި އޭނާގެ ބައެއް އެކުވެރިން ފޭސްބުކްގައި ޕޯސްޓުކޮށްފައިވާ ބައެއް ވާހަކަތަކަށް ބަލާއިރު ޔާމިން އަކީ ހިތްހެޔޮ، މީހުންނާ އެކުވެރި އަދި ހާއްސަކޮށް ދިރިހުރުމަށް ރައްޓެހިންނަށް ވެސް ބާރުދޭ އެކުވެރި އެކެވެ. މުޖުތަމައުގައި ހުންނަ ގޯސް ކަންކަން އެއްކޮށް ބަދަލު ނުކުރެވުނު ކަމުގައި ވިޔަސް ހެޔޮ ބަދަލެއް ގެނައުމަށް ފަރުދީ ގޮތުން ޒިންމާ ނެގުމަށް ވިސްނައިދީ ގައުމުދެކެ ލޯބިވާ ދިވެހި ދަރިއެކެ އެވެ. އަދި ޔާމީން އަށް އިންސާފު ލިބެންދެން ޔާމީންގެ މަރުގެ ވާހަކަ ދައްކާނެ ކަމަށް އޭނާގެ ރައްޓެހިންނާއި އައިލާގެ މީހުން ވަނީ ބުނެފަ އެވެ. އެ ވާހަކަތަކަށް ފަސް އަޅާ ފޮރުވާލަން ފުރުސަތު ނުދޭނެ ކަމަށް އޭނާގެ އެކުވެރިންނާ އާއިލާ ބުނެ އެވެ.

"އަހަރުމެން އަބަދުވެސް ޔާމިންގެ މަރާމެދު ސުވާލު އުފައްދާ އެވާހަކަ ދައްކާނަން. ޔާމީންގެ މަރަށް އިންސާފު ލިބެންދެން އެ ވާހަކަ ދައްކާނަން،" ޔާމީންގެ ރަހުމަތްތެރިއަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޔާމީންގެ އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔާމިން ގެއަށް އައިސްފިތޯ ނުވަތަ ޔާމީން ނިދައިފިތޯ ނުބަލާ އޭނާގެ މަންމައަށް ލޮލު ފިޔައެއް ނުޖެހެ އެވެ. ނަމަވެސް ކޮންމެސް ސަބަބަކާއި ހުރެ ރޭ ނުބެލުނުއިރު، ނިދިން ހޭލައްވާލީ ދޮށީ ދަރިފުޅު އަނިޔާވެރިގޮތަށް މަރާލި ހިތާމަވެރި ހަބަރުންނެވެ.

ދަރިފުޅުގެ މަރުގެ ހަބަރު ލިބުމާއެކު ރަށުގައި ހުރެފައި ޔާމީންގެ ބައްޕަ ވަނީ މިއަދު ހެނދުނު މާލެ އައިސްފަ އެވެ. "އައި ގޮތަށް ހޮސްޕިޓަލަށް ދިޔައިރު ދަރިފުޅުގެ މޫނު ފެނުނީ އެތައް އިރެއް ފަހުން ޑޮކްޓަރުންގެ ކައިރީ އާދޭސްކޮށްގެން" ކަމަށް ޔާމީންގެ ބައްޕަ ބުންޏެވެ.

އަދި ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު ހަށިގަނޑު މިހާރުވަނީ އާއިލާ އާ ހަވާލުކޮށްފަ އެވެ. ޔާމީންގެ ކަށުނަމާދު އޮތީ އަސުރު ނަމާދަށްފަހު ހުޅުމާލެ އާސަހާރާގަ އެވެ.

ކުޑައިރުންފެށިގެން އިންޑިއާގައި ތައުލީމް ހާސިލު ކުރި ޔާމީން ކިޔަވައި ނިންމުމަށްފަހު، ރާއްޖެއައިސް އައިޓީދާއިރާއިން ވަނީ އެކި ކުންފުނިތަކުގައި މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކުރަމުންދިޔައީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އައިޓީ ޑިޕާޓުމަންޓުގަ އެވެ. އަދި އޭނާ ދިޔައީ އެ ކުންފުނިން އަލަށް ތައާރަފްކުރާ އެޕެއްގައި މަސައްކަތް ކުރަމުންނެވެ. ޔާމީން އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ފޭސްބުކް ޕްރޮފައިލް ފޮޓޯތައް އޭނާ އެންމެފަހުން ޓުވީޓުކޮށްފައިވާ ރަތްކުލައިގެ ފުއްޕާހަމަށް ވަނީ ބަދަލުކޮށްލާފަ އެވެ. ޔާމިންގެ އެންމެ ފަހުގެ ޓުވީޓަކީ މިނިވަންކަމާއެކު އުދުހެން ދޫކޮށްލާފައިވާ ރަތް ފުއްޕާހަމެކެވެ.