ހަބަރު

ފޯނުގެ ޕިން ރިޔާޒު ނުދިނީ އެކަމަށް އަމުރުގައި ނެތުމުން: ވަކީލުން

ކުރިމިނަލް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒްގެ ފޯނު ހިފެހެއްޓުމަށް ނެރުނު އަމުރުގައި ފޯނު ޕިން ކޯޑް ދިނުމަށް އަންގާފައިނުވާ ކަމަށާއި ޕިން ކޯޑް ދީފައިނުވަނީ އެހެންވެ ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި ރިޔާޒުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އޭނާގެ ފޯނު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ މައުލޫމާތު ސާފުކުރުމަށް ފޯނު އަންލޮކްކޮށް ހުޅުވައިދިނުމަށް އެދުމުން އެކަން ކޮށްފައިނުވާ ކަމަށެވެ.

މި މައްސަލާގައި ރިޔާޒަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ މައްސަލާގައި ކުރިން ބޭއްވި އަޑުއެހުމުގައި ރިޔާޒު ވަނީ ފޯނު ޕިން ކޯޑް ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެ އަޑުއެހުމުގައި ޕިން ހަވާލުކުރުމުން މައްސަލަ ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ނުދައްކަ އެވެ.

ރިޔާޒުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ދައުލަތަށް ސުވާލުތަކެއް ކުރިމަތިކޮށްފައިވެ އެވެ. އެގޮތުން ކޯޓު އަމުރުގައި ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ދިނުމަށް ބުނެފައިވޭތޯ ސުވާލުކުރި އެވެ. އަދި ފޯނުގެ ޕިން ކޯޑް ހޯދުމަށް ވަކި އަމުރަކަށް އެދުނުތޯ އާއި ފޯނުގެ ޕިން ކޯޑް ދިނުމަށް މަޖުބޫކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ގާނޫނީ ބާރެއްތޯ ވެސް ދައުލަތާ ވަނީ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓު އަމުރުގައި ޕިން ކޯޑް ދިނުމަށް އަންގާފައިނުވީ ނަމަވެސް އެ އަމުރުގައި ފޯނުގެ ހުރިހާ ކޯލްތަކާއި ފޯނުގައި ހުރި މައުލޫމާތު ފުލުހުންނަށް ބެލޭނެ މަގުފަހިކޮށްދިނުމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ރިޔާޒުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ފޯނުގެ ޕިން ކޯޑް ދިނުމަށް ބާރު އަޅާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ނަމަވެސް ކޯޑް ދިނުމަށް ކޯޓަށް މަޖުބޫރުކުރެވޭނެ ގާނޫނީ މާއްދާއެއް ނެތް ކަމަށް ދައުލަތުން ވެސް އެއްބަސްވި އެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ރިޔާޒުގެ ވަކީލް ވިދާޅުވީ، ހަނު ހުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. ފޯނުގެ ޕިން ކޯޑް ނުދިނުން ވެސް ހިމެނޭނީ ހަނުހުރުމުގެ ތެރޭގަ ކަމަށެވެ. އެކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ހަނު ހުރުމުގެ ފުރުސަތު އޮތްކަން އެނގި ރިޔާޒު އެ ފުރުސަތު ބޭނުން ނުހިއްޕަވާ ކަމަށެވެ. ތަހުގީގުގެ ވަކި މަރުހަލާއެއްގައި ހަނު ނުހުރެވޭނެ ކަމަށެވެ. ނަމަވެސް ރިޔާޒުގެ ވަކީލް ވިދާޅުވީ، އެއީ ތުހުމަތުކުރެވޭ މީހާއަށް ކޮންމެ ވަގުތެއްގައި ވެސް ބޭނުން ކުރެވިދާނެ ހައްގެއް ކަމަށެވެ.

ރިޔާޒު، އޭނާގެ ފޯނު ޕިން ކޯޑް ފުލުހުންނަށް އޭރު ނުދިނީ ކޯޓު އަމުރުގައި އެކަމަށް އަންގާފައިނުވާތީ ކަމަށް ވެސް އޭނާގެ ވަކީލް ވިދާޅުވި އެވެ. ޕިން ކޯޑް ދިނުމަށް އަންގައި ވަކި ކޯޓެއް އަމުރެއް ގެނައުމުން ޕިން ދެއްވާނެ ކަމަށް ރިޔާޒު ވިދާޅުވި ކަމަށެވެ.

ވަކީލް ވިދާޅުވީ، އެހެން މައްސަލަތަކުގައި ނެރެފައިވާ ކޯޓު އަމުރުތަކުގައި ވެސް ޕިން ކޯޑް ދިނުމަށް ވަކިން އަންގާފައިވާ ކަމަށާއި އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މައުމޫން ފެކްޝަންގެ އެސްޖީ އަބްދުލް އަލީމްގެ ފޯނު ހިފަހައްޓަން ނެރުނު ކޯޓު އަމުރުގައި ވެސް އެގޮތަށް ވަކިން ބަޔާންކޮށްފައިވާ ކަމަށެވެ. އެ ކޯޓު އަމުރުތައް ރިޔާޒުގެ ފަރާތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

ދައުލަތުން ވެސް ވަނީ ހެކީގެ ހަތަރު ފުލުހެއްގެ ނަން ޝަރީއަތަށް ހުށަހަޅާފަ އެވެ. އެއީ މާވެޔޮ މަގުން ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގައި ހަރަކާތްތެރިވި ދެ ފުލުހަކާއި ތަހުގީގަށް ސުވާލުކުރި ދެ ފުލުހެކެވެ. އެ ހެކިވެރިންގެ ހެކި ބަސް ނެގުމަށް މާދަމާ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. ފޮރެންސިކް ރިޕޯޓަކާއި ފޯނު އަތުލަން ކޯޓުން ނެރުނު އަމުރު ވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަދި މިއަދު ވެސް އަޑުއެހުމެއް ބޭއްވުމަށްފަހު މާދަމާއަށް ރިޔާޒުގެ މައްސަލާގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު ރިޔާޒުގެ މައްސަލައެއް މިހާރު ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ރިޔާޒުގެ ފޯނު ހުޅުވަން ފުލުހުން ބޭނުން ވަނީ އެހެންވެ އެވެ.