ހަބަރު

ޖަރީމާތައް ހިންގާ މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަންޖެހޭ: އެޗްއާރްސީއެމް

ރޭ ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން، ގިނަ ހަމަލާތަކެއްދީ މަރާލާފައިވާ ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމިން ރަޝީދުގެ މަރާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ރަހުމުކުޑަ މަރާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިރިހުރުމުގެ ހައްގަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ އެންމެ އަސާސީ އެއް ހައްގު ކަމަށްވާއިރު އެތަކެއް ފަރާތްތަކެއްގެ ކިބައިން މި ހައްގު ނިގުޅައިގަނެގެން ދިޔުމަކީ އެ ކޮމިޝަނުން ނުހަނު ހިތާމަކޮށް، ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޔާމީންގެ އާއިލާއަށް ތަހުޒިޔާ ކިޔަމުން އެޗްއާރްސީއެމްއިން ބުނީ، އެކި ފަރާތްތަކަށް މަރުގެ އިންޒާރު ދިނުމާއި، ބިރުދެއްކުމުގެ ދަށުދަރަޖައިގެ އަމަލުތައް މުޖުތަމައުގައި ހިނގަމުންދިޔުމަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، އަފްރާދުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެންދާ ކަމެއް ކަމަށެވެ.

"މުޖުތަމައުގައި ހިނގާ މިފަދަ ނުރައްކާތެރި ވާގިއާތައް ތަކުރާރުވިޔަނުދިނުމަށާއި، މުޖުތަމައުގައި އަމަންއަމާންކަން ގާއިމުކުރުމަށް ކަމާގުޅޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށް އިލްތިމާސްކުރަން، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި އަދި މިފަދަ ހާދިސާތައް އިތުރަށް ހިނގިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމާއި، މިފަދަ ކަންކަން މެދުވެރި ނުވާނޭގޮތަށް މަސައްކަތްތައް ބައްޓަންކޮށް އިތުރަށް ހަރުދަނާކުރުމަށް ދައުލަތުގެކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން،" އެޗްއާރްސީއެމްއިން ބަޔާނުގައި ގޮވާލި އެވެ.

މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި އެފަރާތްތަކުގެ އާއިލާތަކަށް އިތުރު ހިތާމަތައް މެދުވެރިނުވާނެ ގޮތަށް އެއްމެހާ ފަރާތްތަކުގެ އަމަލުތަށް ބެހެއްޓުމަށް ވެސް އެޗްއާރްސީއެމްއިން ގޮވާލި އެވެ. ތަހުގީގަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމަށާއި، ތަހުގީގުކުރާ ފަރާތްކަކަށް އެއްބާރުލުން ދިނުމަށް ވެސް އެ ކޮމިޝަނުން އިލްތިމާސްކުރި އެވެ.

ޔާމީން ރަޝީދުގެ މަރު ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދުމަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކުގެ ބޭނުން ހިފާނެ ކަމަށް ބުނެފަ އެވެ. ސަރުކާރުން ބުނީ، ޔާމީން މަރާލުމަކީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށެވެ.

ރަހުމުކުޑަ މި މަރާ ގުޅިގެން ގައުމަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. އެތައް ބަޔަކު މި އަމަލު ކުށްވެރިކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.