ހަބަރު

ޔާމިންގެ މަރާ ގުޅިގެން ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފި

އެތައް ޒަހަމްތަކެއްދީ ރޭ ވަރަށް ރަހްމު ކުޑަ ގޮތަކަށް މަރާލި ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމިން ރަޝީދުގެ މަރާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގައުމު ސިއްސުވާލި ރަހުމް ކުޑަ މަރާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ޖޭމްސް ދައުރިސް ވިދާޅުވީ، ޔާމީނަކީ އިންސާނީ ހައްގުތަކާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ޗެމްޕިއަނެއް ކަމަށެވެ. އޭނާގެ މަރުގެ ހިތާމާގައި ބައިވެރިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވީ، ޔާމީން ރަޝީދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުލް ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ. އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް އޭނާ ވަނީ އެންމެހާ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

އިނގިރޭސި ސަފީރާއި އެމެރިކާގެ ސަފީރުގެ އިތުރުން ކެނެޑާގެ ސަފީރު ޝެލީ ވައިޓިން ވެސް ވަނީ ޔާމީންގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޝެލީ ވައިޓިން ވިދާޅުވީ، އެ ހަބަރު އަޑުއެހީ ކުއްލި ހައިރާންކަމާއި ސިހުމާއެކު ކަމަށެވެ. އެ ޖަރީމާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ.

އދ ގެ ޔޫއެންޑީޕީ އާއި ޔޫއެންއެފްޕީއޭގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓެޓިވް ޝޯކޯ ނޯޑާ ވެސް ވަނީ ޔާމީންގެ މަރާ ގުޅިގެން ޓްވީޓެއް ކުރައްވައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވިދާޅުވީ، ރަހްމު ކުޑަ މަރާ ގުޅިގެން ސިހުން ލިބިފައިވާ ކަމަށެވެ.

ޔާމީންގެ މަރާ ގުޅިގެން ރާއްޖޭގައި ކުރީގެ ތިން ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެ ގަތުލުގެ ފަހަތުގައިވާ މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ވަނީ ގޮވާލައްވާފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް އެ އަމަލު ކުށްވެރި ކުރެއްވި އިރު، ސަރުކާރުން ވަނީ ޔާމީންގެ ގާތިލުން ހޯދަން ދައުލަތުގެ ހުރިހާ ވަސީލަތްތަކުގެ ބޭނުން ހިފާނެ ކަމަށް ބުނެފަ އެވެ.