ދުނިޔެ

އެމެރިކާގެ މަނަވަރު ފައްތާލެވިދާނެ: އުތުރު ކޮރެއާ

Apr 24, 2017

އަސްކަރީ ގަދަ ބާރު ދައްކައިލުމަށް ޓަކައި އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު ފައްތައިލެވިދާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާއިން މިހެން ބުނީ ކޮރެއާ ސަރަހައްދަށް ދާނެ ކަމަށް އެމެރިކާއިން ބުނާ މަތިންދާބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން ހިމެނޭ ފްލީޓާ ގުޅުމަށް ޖަޕާނުގެ ދެ މަނަވަރު ފޮނުވުމުންނެވެ.

"ނިއުކްލިއަ ހަކަތައިން ދުއްވާ އެމެރިކާގެ އެއާކްރާފްޓް ކެރިއާ އެންމެ ހަމަލާއަކުން ފައްތައިލަން އަހަރެމެންގެ އިންގިލާބީ ބާރުތައް ތިބީ ތައްޔާރަށް،" އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ރަސްމީ ނޫސް ރޮޑޯން ސިން މަންގައި ޝާއިއު ކުރި ލިއުމެއްގައި ބުނެފައި ވެއެވެ.

ކާލްވިންސަން ފްލީޓް ކޮރެއަން ޕެނިންސިއުލާ ކައިރިއަށް ދަތުރު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވީ ކޮރެއާއާ އެމެރިކާއާއި ދެމެދު އުފެދިފައިވާ ޒުވާބު ހޫނުވުމުން އެމެރިކާގެ މަސްލަހަތުތަކަށް ހަަމަލާދީފާނެ ކަމުގެ ބިރު އުތުުރު ކޮރެއާއިން ދައްކަން ފެށުމުންނެވެ.

އެމެރިކާގެ މަނަވަރުތައް ކޮރެއާ ކައިިރިއަށް ދަތުތު ކުރާނެ ކަމަށް އެމެރިކާއިން ބުންޏަސް އެ ފްލީޓް މިހާރު އޮތީ ކިހާ ހިސާބެއްގައި ކަމެއް އެމެރިކާއަކުން ނުބުނެއެވެ. އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ހޮނިހިރު ދުވަހު ވިދާޅުވީ ދުވަސްކޮޅެއްގެ ތެރޭގައި މަނަވަރުތައް ކޮރެއާ ކައިރިއަށް ދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރު ކުރުމުންނެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. އެކަމުގައި މިފަހަރު އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގައުމުން އެންމެ ފަހުން ކުރި ގިނަ ޓެސްޓްތައް ވަނީ ނާކިޔާބު ވެފައެވެ. އުތުރު ކޮރެއާއިން މިދިޔަ އަހަރު ނިއުކްލިއަ ޓެސްޓްތަކެއް ވެސް ކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނިއުކްލިއަ ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކޮރެއާ ހުއްޓުވަން ކޮންމެ ފިޔަވަޅެއް ވެސް އަޅަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.