ހަބަރު

އިމްރާން މާފުށީ ޖަލަށް ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޖަލަށް ހުކުމްކޮށްފައިވާ އަދާލަތު ޕާޓީގެ އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންގޮސްފި އެވެ. ގޭބަންދުގައި ހުންނެވި އިމްރާން ކަރެކްޝަންގެ ވެހިކަލަށް އަރުވައިގެން ޖަލަށް ގެންގޮސްފައިވަނީ ވަނީ މިރޭ 10:00 ހާއިރު އެވެ.

އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއްވާފައިވާއިރު މިއަދު ހައިކޯޓުން ވަނީ އެ ހުކުމަށް ތާއިދުކޮށްފަ އެވެ.

އިމްރާން ގޭބަންދަށް ބަދަލުކޮށްފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ބޭފުޅާ ހުންނެވި ގޮޅި މަރާމާތުކުރުމަށް ކަމަށް ބުނެ އެވެ. އިމްރާން އާއެކު ގޭބަންދަށް ބަދަލުކުރި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް މިހާރު ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ.

ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އިމްރާން ޖަލަށް ބަދަލުކުރަނީ އެ ބޭފުޅާއަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅަކަށްވެފައި، ޖަލުގެ މާރާމަތް ވެސް ނިމިފައިވާތީ ކަމަށެވެ. އިމްރާން ބަދަލުކުރަނީ މާފުށީ ޖަލަށެވެ. އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަޅުގަނޑު ހަށިގަނޑު ޖަލަށް ލިޔަސް، މި އަޒުމެއް ނުގުޑާނެ" ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 ޖަލު ހުކުމެއް އިމްރާނަށް އިއްވީ މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ އެކަމުގައި ބައިވެރިވެފައިވާ ކަމުގެ ދައުވާ ސާބިތުވެގެން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އިމްރާން އެ މައްސަލަ އިސްތިއުނާފުކުރިއިރު ފާހަގަކުރި ނުކުތާތަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރެވޭނެ ނުކުތާތަކެއް ނޫން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން އިއްތިފާގުން ވަނީ ނިންމަވާފަ އެވެ. ކުރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ނިންމެވީ އެހެންވެ އެވެ.