ހަބަރު

"ދެތިން މަސްތެރޭ މަރުގެ ހުކުމް ތަންފީޒު ކުރާނަން"

  • އެކަމާ ފާޑުކިޔަސް އެކަން ކުރަން ޖެހޭ
  • ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އެ އަދަބު ދޭ
  • މީހުންގެ ފުރާނަ ދުއްވާލާތައް ބަލަން ކެތެއް ނުވާނެ

ކުރިއަށް މި އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ހަފްލާގައި ސިފައިންނާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެ، ދިރިހުރުމުގެ ހައްގު މީހެއްގެ ކިބައިން ނިގުޅައިގަތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޖަރީމާތައް ހިންގާ މުޖުރިމުންނާ ހަމަޔަށް އެންމެ ހަރުކަށި އަދަބު އަރައި ހަމަ ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޖިނާއީ ކުށްތައް ހުއްޓުވަން އެންމެ ހަރުކަށި އަދަބު ދިނުމަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށެވެ.

އެގޮތުން އެތައް އަހަރަކަށް ފަހު މަރުގެ އަދަބު ދިނުމަކީ، ބައެއް ފަރާތްތަކުން ރާއްޖެއަށާއި ސަރުކާރަށް ފާޑުކިޔާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހާއްސަތަނެއް މިހާރު ވަނީ ގާއިމް ކޮށްފައި. މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ އާލާތްތައް ކުރިއަށް އޮތް ދެ މަސް ނުވަތަ ތިން މަސް ތެރޭ ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަޅުގަނޑަށް މިއަދު ދެންނެވި. އޭރުން އަޅުގަނޑުމެން އެ ހުކުމް ތަންފީޒު ކުރާނަން. މައުސޫމް މީހެއްގެ ފުރާނަ ހަށިގަނޑާ ވަކިކޮށްލާފައި ދާއިރު އެކަން ކުރާ މުޖުރިމުންނަށް އެ އަދަބު ލިބެން ނުޖެހޭ ކަމަށް އަޅުގަނޑަކަށް ނުވިސްނޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ހުކުމް ތަންފީޒުކޮށްގެން، އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނާއި ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރި ނަމަވެސް އެކަންކަން ތަހައްމަލް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަނީ މުޅި އެންމެންގެ ރައްކަލަކަށް ޓަކައި މުޖުތަމައުގެ މަސްލަހަތަށް ޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ބޮޑެތި ޖިނާއީ ކުށްތައް މިހާތަނަށް ވެސް މަދުނުކުރެވި އޮތީ މީގެ ކުރީގެ ސަރުކާރުތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅިފައިވާތީ ކަމަށެވެ.