ހަބަރު

އަނިޔާވެރި މަރުތަކުގެ ޒިންމާ ސިޔާސީ މީހުންވެސް ނަގަން ޖެހޭ: ރައީސް

  • މި މަރުން މުޖުތަމައުގައި ދިފާއެއް ނެތްކަން އިނގިއްޖެ
  • ޔާމީންގެ މަރަކީ ލިބުނު ބޮޑު ގެއްލުމެއް
  • މުއައްސަސާތައް ވެސް މާފަށް އެދެން ޖެހޭ

ގިނަ ޒަހަމްތަކެއްދީ، ރަހްމު ކުޑަ ގޮތަކަށް ރޭ މަރާލި ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމިން ރަޝީދުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ކަމާބެހޭ މުއައްސަސާތައް ނޫން ކަމަށާއި ގައުމު ހަލަބޮލިކުރަން ގޮވާލައި ސިޔާސީ ބޭފުޅުން ވެސް މިފަދަ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމު އަމާން ތަނަކަށް ހެދުމަށް މުއައްސަސާތަކުން މަސައްކަތް ކުރަމުންދާއިރު ސިޔާސީ ފަރާތްތަކުން ގައުމު ހަލަބޮލިކުރުމަށް މަސައްކަތްތައް ކެނޑި ނޭޅި މަސައްކަތް ކުރާ ކަމަށެވެ. އެހެންކަމުން އެކަމުގެ ޒިންމާއިން ސިޔާސީ ފަރާތްތަކުން ރެކޭ ސަބަބު ނުވިސްނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަބަދުވެސް ގޮވެލިފަތި ގޮވާ އަޑު މިވެނީ ކުރިމަތިލުމަށް، ގާނޫނު ތަންފީޒުކުރާ މީހުންނާ ކުރިމަތިލާ ވާހަކަ މި ދެއްކެނީ، މަދަނީ ބަސް ނޭހުމުގެ ބަދަލުގައި މި ދެއްކެނީ ނުކިޔަމަންތެރިވުމުގެ ވާހަކަ، ކޮބައިތޯ މިއަދު މި ސިޔާސީ ލީޑަރުން ކީއްވެތޯ މި ރަހުމް ކުޑަ އަމަލު ހިނގުމުން މި ގޮވިލިފައްޗަށް ޒިންމާ ނެގުމަށް ކީއްވެގެންތޯ ރެކެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހަމަނުޖެހުން އާންމުވެފައި ނެތް ނަމަވެސް ކޮންމެ މިފަދަ އަމަލަކުން ލިބިގެން މިދަނީ ބޮޑު ގެއްލުމެއް ކަމަށާއި އެކަން ދައުލަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިކަމުން ވެސް ރައްޔިތުންނަށް ދޭން ޖެހޭ ކަށަވަރުކަން ނުދެވިފައިވާ ކަން ހާމަވާ ކަމަށާއި އެކަމަށް ޓަކައި މުއައްސަސާތައް ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މުއައްސަސާތައް ކުށްވެރި ކުރުމަކީ މައްސަލައިގެ ހައްލު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު އެއްގޮތަކަށް ވެސް އެއްވެސް މުއައްސަސާއަކަށް ކުށްވެރިކުރުމުގެ އިނގިއްޔެއް އަޅުގަނޑު ނުނަގާނަން، އެއީ މުއައްސަސާތައް ކުށްވެރިއެއް ނުވޭ، ކޮބައިތޯ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި މީގެ 10 ވަރަކަށް އަހަރު ކުރިންސުރެ ކަންކަން ހިލުވަމުން ހަލަބޮލިކޮށް އެކި ފެންވަރަށް ނަގާފައިވާ ރާޅު ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރާފައިވާ މިންވަރާމެދު މިއަދު ރާއްޖޭގެ ސިޔާސީ ޕޯޑިއަމްތަކުގަ އަޅުގަނޑުމެން ވާހަކަ ނުދައްކަވަނީ ކީއްވެގެން ތޯ؟،" ރައީސް ސުވާލު ކުރެއްވި އެވެ. "އެންމެ ފަސޭހަ ވާނީ މިކަންކަން ކުރަން ތިބޭ ބަޔަކަށް ނުވަތަ ފާރަވެރިވާން ތިބޭ ބަޔަކަށް ކުށްވެރިވުމުގެ ނުވަތަ އިލްޒާމްގެ އިނގިލި ދިއްކޮށްލުން، އެކަމަކު މަސްލަހަތާއި ސުލްހައާ ގާއިމްކުރުމަށްޓަކައި އަޅުގަނޑުމެން އެންމެ އިސް ސަފުން އަބަދުމެ އަބަދު ކުރެވޭނަމަ އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ފަރުދީ ގޮތުން ކޮންމެ މީހަކަށްވުރެ ބާރު ހުރި ތަނެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރާނަމަ މިކަންކަމެއް އަޅުގަނޑުމެންނާ ކުރި މައްޗެއް ނުލާނެ،"

މިފަދަ ބޮޑެތި ޖަރީމާތަކުގެ ތަހުގީގުތަކުން އެންމެ ފުރިހަމަ ނަތީޖާ ނެރެވިފައި ނުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެގޮތުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީގެ ގާތިލުން އަދިވެސް ހޯދިފައިނުވާކަން ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ހަމައެކަނި ރާއްޖޭގައި ހިނގާ ކަމެއް ނޫން ކަމަށާއި ދުނިޔޭގެ އެހެން ތަންތާ ވެސް ކަންކަމުގެ ހަގީގަތް ނުހޯދި އެބަހުރި ކަމަށް ވިދާޅުވި އެވެ.

ރޭ މަރާލި ޔާމީން ވެސް މަރާލާފައިވަނީ އަފްރާޝީމްއާ ދާދި އެއްގޮތަކަށް ކަމަށާއި މިއަދު ހިތާމަކުރަން ޖެހެނީ އަފްރާޝީމްގެ ގަތުލުގެ މައުލޫމާތު އެނގޭ ސިޔާސީ ބޭފުޅުން އެ މައުލޫމާތުތައް ހިފަހައްޓައިގެން ތިބޭތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު ވެސް ހިތާމަކުރަން ޖެހޭ ކަމަކީ ކަންކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދަވާ އާންމު ފޯރަމްތަކުގަ މީގެ ހަގީގަތް އެނގޭ ބޭފުޅުން އެބަ ތިއްބެވި ކަމަށް، ވަގުތު ޖެހުނީމަ ހާމަ ކުރައްވާނެ ކަމަށް، ވަގުތު ޖެހޭނީ ކޮން އިރަކުންތޯ؟ އެންމެ ރަނގަޅު ވަގުތަކީ އެނގޭ މައުލޫމާތު ތަހުގީގީ އިދާރާތަކާ އެންމެ އަވަހަށް ހާމަކުރުން، އެކަމަކު އެ ޒިންމާއެއް އުފުުނު ކަމަކަށް ނުވޭ، އެ ޒިންމާ ނުއުފުލުންތާ އެ ބަދުނާމް އެޅިގެން ދަނީ މުޅިން އެހެން ބައެއްގެ ކޮނޑުގައި. މިކަހަލަ މަރުތަކަކީ އޭގެ ހަގީގަތާ ހަމައަށް ވާސިލުވާން ޖެހޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަމުގައި ބޭރުގެ ވަސީލަތްތަކުގެ ބޭނުން ވެސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ވަސީލަތްތަކުގެ ދަތިކަމާއި އެހެން ވެސް ސަބަބުތަކާހުރެ ސާފުވާން ޖެހޭ މައުލޫމާތުތައް އަދިވެސް ސާފުނުވާ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ ރައީސް ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުކޮޅު މައްސަލާގައި ވެސް ތަހުގީގަށް ތިލަނުވެ އެތައް މައުލޫމާތެއް ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޔާމީން ރަޝީދުގެ މަރުގެ ހަގީގަތް ވެސް އަދި އެހެން ފުރިހަމަ ނުވެ ހުރި މިފަދަ މައްސަލަތަކުގެ ހަގީގަތް ވެސް ހޯދަން މަސައްކަތްތައް ކެނޑިނޭޅި ކުރައްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ރައީސް ވިދާޅުވީ މީހުންގެ ފުރާނަ ހަށިގަނޑާ ވަކިކޮށް މީހުން ގަތުލު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގެން ތިބެވޭނެ އަމަލުތަކެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ތެރޭގައި ހައްދު ފަހަނަ އެޅުމުގެ ފިކުރުގައި ޖެހި ބައެއް ދިވެހިން ޖިހާދުގެ ނަމުގައި ބޭރުގެ ގައުމުތަކަށް ހަނގުރާމައަށް ދާ މައްސަލައިގައި ދިވެހިންނަށް ގެއްލުމާ ކުރިމަތިވާ ކަމަށާއި އެކަންކަމަށް ސަރުކާރުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ވެސް ރާއްޖޭގައި އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. އެކަންކަމަށް ނިމުމެއް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މިއަދު ވައުދުވެ ވަޑައިގެންނެވި އެވެ.