ހަބަރު

ދީނަށް ފުރައްސާރަކުރަން ވެސް ޖާގައެއް ނުދޭނަން: ރައީސް

ޓަރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމުގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާއިރު އިސްލާމް ދީނަށް ފުރައްސާރަކުރުން ވެސް އިތުރުވަމުން އަންނަ ކަމަށާއި އެއީ ވެސް ފުރުސަތު ދެވިގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމުގެ އަމަލުތަކަކީ މިހާރު ރާއްޖެއަށް ވަރަށް ދަތިވެފައިވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަންކަން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު އެންމެ އުނދަގު ބޮޑުވެފައިވާ މައްސަލަތަކުގެ ތެރޭގައި ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ޓެރަރިޒަމްގެ އަމަލުތައް އެބަ ފެނޭ، އަޅުގަނޑުމެންގެ ތެރެއިން ހައްދު ފަހަނައަޅާފައިވާ ބަޔަކު އެބަ ފެނޭ، އެބަދޭ ބޭރުގެ ގައުމުތަކަށް ޖިހާދުގެ ނަމުގަ، މީގެ ގެއްލުން ދިވެހި ރައްޔިތުންނަށް ވަނީ ކުޑަ ކޮށެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގަ އެއީ ކުޑަ ކަމެއް ނޫން އުނދަގޫ ކަމެއް ހައްލު ކުރަން ޖެހޭ ކަމެއް، އަދި އެކަން ނުކޮށް ދޫކޮށްލައިފިނަމަ މިއަދު ހެނދުނު މި ދިމާވި ކަހަލަ ބޮޑެތި މާރާމާރީ އަދި ބޮޑެތި ޖިނާއީ ކުށްތައް ހަމަ ތަކުރާރުކޮށް ފެންނަމުން ދާނެ،" ބްލޮގާ ޔާމީން ރަޝީދުގެ މަރަށް އިޝާރަތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައެޅުން އިތުރުވަމުން އަންނައިރު އިތުރު އެހެން ބޮޑު މައްސަލައެއް ވެސް މިހާރު ވަރަށް އާންމުވެފައިވާ ކަމަށެވެ. އެއީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށެވެ. އެކަން ސޯޝަލް މީޑިއާގައި ދިވެހިން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މާތްވެގެން އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އެބަތިބި، އަދި ފާޅުގަ އެކަން އެބަ ކުރޭ، އެހެންވީމަ އަޅުގަނޑުމެންނަށް މިއަދު ދަތިވެފައިވަނީ ހަމައެކަނި ޓެރަރިޒަމެއް ނޫން، އަޅުގަނޑުމެންނަކީ އެ ދީނުގެ ހިދާޔަތުގައި ތިބެން ގާނޫނު އަސާސީގައި ލިޔެ ލޮލުން ބޮލުން އެކަން އަގުދުކޮށްގެން ތިބި ބައެއް، އެހެންވީމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ދިވެހި ދައުލަތުގަ، ދިވެހިރާއްޖޭގަ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް ޖާގަ ދެވިގެން ވާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކަމަކީ މުޅި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އެހެންކަމުން އެފަދަ އަމަލުތައް ހިންގާ މީހުންނާމެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"މިއީ އަޅާ ނުލެވިދާ ކަމެއް ކަމަށްވާނަމަ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލަކަށް ވާނެ، އެހެންވީމަ މިއަދުން މިއަދަށް އަޅުގަނޑުމެން ގޮތްތަކެއް ނިންމަންޖެހޭ ކަމެއް، އަޅުގަނޑުމެންގެ ތެރޭގައި މިއީ ނެތް ހިޔާލެއް ނޫން، ސޯޝަލް މީޑިއާގައި އެބަ ފެނޭ، މިކަމާ ސަމާލުވެ ފިޔަވަޅު އަޅަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.