ހަބަރު

ޓެރަރިޒަމްގެ އަމަލު ހިންގަނީ ސިޔާސީ ކަންކަމާ ގުޅިގެން: މިނިސްޓަރު

ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވަނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

"ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގާއިރު ރާއްޖޭގައި މަދުން ނަމަވެސް ހިނގާފައިވާ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައި ހުރީ ސިޔާސީ ކަންކަމާ ގުޅުވައިގެން، އެފަދަ އަމަލުތައް ހިންގާފައިވަނީ ކޮން ބައެއް ކޮން ބޭނުމެއްގައިކަން އަދި ކިހިނެއްކަން ރާއްޖޭގެ ތާރީހުން ހެކިދޭ،" ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާ ސިފައިން ހުށިޔާރުވެ ތިބެންޖެހޭ ކަމަށެވެ. އެފަދަ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމަށް އަބަދުވެސް ތައްޔާރުވެ، ދުރާލާ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ގައުމަކީ ސުލްހަވެރި އަމާން ތަނެއްގެ ގޮތުގައި ބާއްވައި، ހިނގަމުންދާ ކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށް ފުލުހުންނާއެކު ސިފައިން އަބަދުވެސް ތައްޔާރަށް ތިބުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެެ. މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ސަފުތައް ގައްދާރުންގެ ރޭވުންތަކުން ނުވަތަ ހިޔާނާތްތެރިންގެ މަކަރުން ފޫއަޅުވާ ލެވިގެން ނުވާނެ ކަމަށެވެ.

ސިފައިން ތިބެން ވާނީ އަސްކަރީ އަހްލާގު މަތިވެރި ސިފަތަކުން ޒީނަތްވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިސްލާމް ދީނާއި ގާނޫނު އަސާސީއަށް ކިޔަމަންތެރިވާން ޖެހޭނެ ކަމަށާއި ގައުމާއި ގާނޫނީ ސަރުކާރުން ހިޔާމަތް ކުރުމުގައި ވެސް ސިފައިން ދެމިތިބެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.