ހަބަރު

ދެ ބޭފުޅަކަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް އަރުވައިފި

ރައީސް އަބްދުﷲ ޔާމީން، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ދެބޭފުޅަކަށް އަރުވައިފިއެވެ. އެ ދެބޭފުޅުންނަކީ، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްސައްތާރު އާދަމާއި، މޭޖާ ޖެނެރަލް (ރިޓަޔާޑް) އާދަމް ޒާހިރެވެ.

އަބްދުއްސައްތާރު އާދަމަށް އެރުވީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމެވެ. އާދަމް ޒާހިރަށް އެރުވީ ނިޝާން އަސްކަރީގެ ވެރިކަމެވެ. މި ބޭފުޅުންނަށް އިއްޒަތް އެރުވީ، 125 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ހާއްސަ އިފްތިފާލުގަ އެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން، އަބްދުއްސައްތާރު އާދަމަށް މި އެރުވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެމަނިކުފާނު އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ދިވެހި ދައުލަތަށް ކޮށްދެއްވި މަތިވެރި ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ނިޝާން އަސްކަރީގެ ވެރިކަން، އާދަމް ޒާހިރަށް އެރުވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން އެމަނިކުފާނު ކުރެއްވި ހިދުމަތްތަކާއި، ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމު ކުރެއްވުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

އަބްދުއްސައްތާރު އާދަމް، ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 24 އޮގަސްޓު 1966 ގައި ވުޒާރަތުލް މައާރިފުގެ ކާތިބެއްގެ ވަޒީފާއިންނެވެ. މެދުނުކެނޑި 42 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވައިފައިވެއެވެ. އެ މަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ދިފާއީ އަދި ގައުމީ ސަލާމަތާބެހޭ ވުޒާރާގައެވެ.

އަބްދުއްސައްތާރު އާދަމްގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން، ދިވެހި ގައުމާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށާއި، މާތްވެގެންވާ އިސްލާމްދީން ހިމާޔަތް ކުރެއްވުމަށް ކޮށްދެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކެވެ.

އާދަމް ޒާހިރަކީ، ސަރުކާރަށް 34 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. ހާއްސަކޮށް، ސިފައިންގެ ތަފާތު ދަރަޖަތަކުގަޔާއި، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އާދަމް ޒާހިރު ދިވެހި ސިފައިންގެ ގައުމީ ހިދުމަތުގައި ދައްކަވައި ދެއްވާފައިވަނީ، ތެދުވެރިކަމާއި އިހްލާސްތެރިކަމުގެ ރީތި ނަމޫނާއެކެވެ. ހާއްސަކޮށް، 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި ސިފައިންގެ މައި މަރުކަޒު ދިފާއު ކުރެއްވުމުގަޔާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ދިފާއު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތައުރީފު ހައްގު މަސައްކަތްޕުޅުތަކެކެވެ.