ކެޕްޓަން ސާޖިއޯ ރާމޯސްއަށް ދެއްކި ރަތް ކާޑާއެކު، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ރެއާލް މެޑްރިޑް އަތުން 3-2 މޮޅުވެ، ބާސެލޯނާއިން ސްޕެނިޝް ލީގްގެ ތާވަލުގެ އެއް ވަނަ އަށް ޖެހި ލައިފި އެވެ.
މެޗުގައި ބާސާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ލިއޮނަލް މެސީ އެވެ.
ރެއާލްގެ ސެންތިއާގޯ ބެރުނަބެއުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ރެއާލުން ނެވެ. މެޗުގެ 28 ވަނަ މިނެޓްގައި ރެއާލްގެ ލަނޑު ކާމިޔާބު ކުރީ ކެސެމީރޯ އެވެ.
ރެއާލް އަށް ލީޑްގައި އޮވެވުނީ ތިން މިނެޓެއްހާއިރު އެވެ. ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީ ކާމިޔާބު ކުރި ލަނޑުން ނެވެ.
މެޗުގައި ރެއާލްގެ އެޓޭކިން ލައިނަށް ކުރިމަތިވި މައްސަލައަކީ، އަނިޔާގައި ހުރުމަށްފަހު އެނބުރި އައި ގެރެތު ބޭލްއަށް އަނެއްކާވެސް އަނިޔާވެގެން ބަދަލު ކުރަން ޖެހުމެވެ. ބޭލްގެ ބަދަލުގައި ކުޅެން އެރި މާކޯ އެސެންސިއޯވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
ބާސާއިން ލީޑް ނެގީ މެޗުގެ 73 ވަނަ މިނެޓްގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން އީވާން ރެކިޓިޗް ފޮނުވާލި ހަމަލާއިން ނެވެ.
މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މެސީ ހުއްޓުވަން ރެއާލްގެ ކުޅުންތެރިންނަށް އުނދަގޫ ކުރިމަތިވި އެވެ. މެޗުގެ 77 ވަނަ މިނެޓްގައި ރާމޯސްއަށް ރަތް ކާޑު ދެއްކީ މެސީ އަށް ކުރި ފައުލާ ގުޅިގެން ނެވެ.
އެއް ކުޅުންތެރިޔަކު މަދު ކޮށް ކުޅެން ޖެހުނު ނަމަވެސް، ރެއާލްގެ ފޯވަޑް ލައިނުން ވަނީ ހަމަލާ އުފައްދާފަ އެވެ. ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާގެ ބަދަލުގައި ކުޅެން އެރި، ހަމޭސް ރޮޑްރިގޭޒް އެވެ.
އެނަތީޖާއިން މެޗު އެއްވަރުވެދާނެ ކަމަށް ބެލެވުނު މަމަވެސް، އެންމެ ފަހުވގުތު ޖޯޑީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެސީ ވަނީ ބާސާ މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު، ޕޮއިންޓްގެ ގޮތުން ބާސާއާ ރެއާލް ހަމަހަމަ ވިޔަސް، ބާސާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ. ނަމަވެސް، ބާސާ އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ނެވެ.