ބޭރު ކުޅިވަރު

ބޮޑު ސުވާލަށް ވެންގާ ޖަވާބު ދީފި

Apr 24, 2017

އެފްއޭކަޕް ސެމީ ފައިނަލްގައި، މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސަނަލް ނުކުތުމުގެ ކުރިން، ގިނަ ބަޔަކު އުފެއްދީ ސުވާލެކެވެ. އާސެނަލް ފައިނަލާ ހަމަޔަށް، އާސެންވެންގާއަށް ގެންދެވިދާނެ ބާވައެވެ. އެކްސްޓްރާ ޓައިމްގައި ކާމިޔާބު ކުރިން ލަނޑުން 2-1 ގެ ނަތީޖާއިން ސިޓީ ބަލި ކުރުމަށް ފަހު ވެންގާ ވަނީ އާސަނަލް އާއި އޭނާއާ މެދު އުފެއްދި ސުވާލަށް ޖަވާބު ދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ވެންގާ ބުނީ އޭނާގެ ކުޅުންތެރިން ފުރިހަމަ ކުރީ ވަރަށް ބޮޑަށް އިމްތިހާނެއް ކަމަށާއި އެއީ ކުޅުންތެރިން ފުރިހަމަ ކުރި މެންޓަލް ޓެސްޓެއް ކަމަށެވެ.

"އެއީ އަހަރެމެންނަށް ބޮޑު އިމްތިހާނެއް، އެއީ މެންޓަލް ޓެސްޓެއްވެސްމެ، މިކަހަލަ މެޗެއް އަހަރެމެންނަށް އަނބުރާ ލެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި، އަހަރެންގެ ކުޅުންތެރިންނާ މެދު އަހަރެން ވަރަށް ބޮޑަށް ފަހުރުވެރިވަން، އެކުވެރި ކަމާއެކު އެމީހުން ވަނީ އެކަން ކުރެވޭނެކަން ސާބިތު ކޮށްދީ އެސުވާލަށް ޖަވާބު ދިފައި،"

"އަހަރެން ބޭނުން ވަނީ ކުޅުންތެރިން އެއްކޮށް މިކަން ފާހަގަ ކުރަން އަދި ޓީމެއްގެ ގޮތުގައި ކުޅެ ކުލަބު ޓާގެޓާ ހަމަޔަށް ވާސިލުވުން، ފުޓްބޯޅައަކީ ޓީމް ކުޅިވަރެއް، ކޯޗަކަށް ވަންޏާ އެންމެ ބޮޑަށް ހިތްހަމަ ޖެހޭނެ ކަމަކީ ޕާފޯމަންސް ކުރެވޭނެ ހަގީގީ ޓީމެއް އޮވެއްޖެނަމަ، އެއީ އަހަރެން މި އުފާވާ ސަބަބަކީ،" ވެންގާ ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ލީޑް ނެގީ، މެން ސިޓީއިން ނެވެ. މެޗުގެ 62 ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގައިދިނީ، ސާޖިއޯ އަގުއޭރޯ އެވެ. އޭގެ ނުވަ މިނެޓް ފަހުން ނަޗޯ މޮންރެއާލް ވަނީ އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެނަތީޖާއިން މެޗުގެ ފުރިހަމަ ވަގުތު އެއްވަރު ވެގެން ނިމުމުން، ނަތީޖާ ނެރުމަށް ކުޅުނު އެކްސްޓްރާ ޓައިމްގެ 11 ވަނަ މިނެޓްގައި އާސެނަލް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ އެލެކްސިސް ސަންޗޭޒް އެވެ.

މެޗަށް ފަހު އާސެނަލްގެ ބައެއް ކުޅުންތެރިން ބުނެފައިވަނީ، އެމީހުންގެ އިތުބާރު އާސެން ވެންގާއާ މެދު އެބައޮތް ކަމަށެވެ. ނަމަވެސް، އަންނަ ސީޒަންގައި އާސެނަލްގެ ކޯޗްގެ ގޮތުގައި ވެންގާ ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެކާވީސް އަހަރު، އާސެނަލްގެ ކޯޗްގެ ގޮތުގައި ހޭދަ ކުރި ވެންގާ، އާސެނަލްއާއެކު ހަދައިފައިވާ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ރޭ ވެންގަ ވަނީ އޭނާ އާސެނަލް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"އާސެނަލްގައި އެބައޮތް ޖުމަލަކޮށް ވަރަށް ރަނގަޅު ވަރުގަދަ ޓީމެއް، އަހަރެމެން އެކަން ދައްކައި ދީފިން، އެއީ އަހަންނަށް އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ގޮތެއްވިޔަސް ކޮންމެވެސް ދުވަހަކުން އަހަރެން މި ކުލަބު ދޫކޮށްލަން ޖެހޭނެ، އެންމެ މުހިންމު ކަމަކީ އާސެނަލް އަކީ އަބަދުވެސް އެންމެނަށް ބަލައިގަނެވޭ ވަރުގަ ޓީމެއްގެ ގޮތުގައި އޮތުން." ވެންގާ ބުންޏެވެ.

އަންނަ މަހު 27 ވަނަ ދުވަހު ކުޅޭ ފައިނަލު މެޗުގައި އާސެނަލް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ޓޮޓެންހަމް ބަލިކޮށް ފައިނަލަށް ދަތުރު ކުރި ޗެލްސީއާ ދެކޮޅަށެވެ.