ދުނިޔެ

ހަރުކަށި ހިންދޫން އާގަރާގެ ދެ ޕޮލިސް ސްޓޭޝަނަކަށް ހަމަލާދީފި

Apr 24, 2017
1

މުސްލިމް ވިފާރިވެރިންތަކަކަށް ގޯނާ ކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި ބަޔަކު މިނިވަން ކުރަން ވެގެން ހިންދޫންގެ ހަރުކަށި ގްރޫޕަކުން އިންޑިއާގެ ތާރީހީ ރަށް، އާގަރާގެ ފުލުހުންގެ ދެ މަރުކަޒަކަށް ހަމަލާދީ އެ ދެ ތަނުގައި ތިބި ބައެއް ފުލުހުންނަށް އަނިޔާކޮށްފި އެވެ.

ދަ ހިންދޫ ނޫހުން ބުނީ ގްރޫޕެއް ކަމަށްވާ ބަޖްރާންދާލުން ހިންގި އެ ހަމަނުޖެހުމާ ގުޅިގެން 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އެ ޖަމާއަތެއްގެ ތެރެއިން އުފެދުނު ހިންދޫ ހަރިކަށި ޖަމާއަތް އާރްއެސްއެސްއާ ގުޅުން އޮންނަ ބަޖްރާންދާލް ގްރޫޕުން އިއްޔެ ހަމަލާ ދިނީ އާގަރާގެ ފާތިހުޕޫރު ސިކްރީ ނަމަކަށް ކިޔާ ސަރަހައްދާއި ސަދަރު ނަމަކަށް ކިޔާ ސަރަހައްދުގައިވާ ފުލުހުންގެ މަރުކަޒު ތަކަށެވެ. އާގަރާ ފުލުހުން ބުނެފައި ވަނީ މަރުކަޒު ތަކަށް ވަދެގަތް މީހުން އައީ ގާ އުކަމުން ކަމަށާއި ފުލުހުން އެމީހުންނަށް ހުރަސް އެޅުމުން އެނބުރި ދިޔައީ ބޭރުގައި ހުރި ބައެއް ވެހިކަލްތަކުގައި ހުޅުޖަހާފައި ކަމަށެވެ.

އިންޑިއާގެ ވެރިކަމަށް ބީޖޭޕީ މިފަހަރު އައި ފަހުން އެ ގައުމުގެ ހިންދޫންނާ މުސްލިމުންނާ ދެމެދު ހިނގާ ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ. އެފަދަ ހަމަނުޖެހުންތައް ހުއްޓުވަން ބައެއް ސްޓޭޓްތަކުގެ ފުލުހުން ފިޔަވަޅު އަޅާ އިރު އަނެއްބައި ސްޓޭޓްތަކުގައި މުސްލިމުންނަށް މާބޮޑު ހިމާޔަތެއް ނުލިބެ އެވެ. ހިންދޫންނާ މުސްލިމުންނާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު ޒުވާބަކީ ގެރިމަސް ކެއުމާއި ވިއްކުމާ މެދު އުފެދިފައިވާ ޒުވާބެވެ. ހިންދޫ ދީނުގެ މުގައްދަސް އެއްޗެއްގެ ގޮތުގައި ބަލާ ގެރި ކަތިލުމާއި އޭގެ މަސް ކެއުން ހުއްޓުވަން ހަރުކަށި ހިންދޫން މަަަސައްކަތް ކުރެއެވެ.

އުއްތަރު ޕްރަދޭޝް ސްޓޭޓްގެ އާގަރާ އަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އެއީ އެގައުމުގައި ކުރިން އޮތް ބާރުގަދަ މުސްލިމް ވެރިކަމެއް ކަމަށްވާ މޫޣަލް އެމްޕަޔަރުގެ ވެރިރަށެވެ. އިންޑިއާގައިވާ އެންމެ މަޝްހޫރު ބިނާ ކަމަށްވާ ތާޖްމަހަލް ހުންނަނީ އެރަށުގައެވެ.