ހަބަރު

ޔާމިންގެ ހަނދާނުގައި ރަތް ފުއްޕާހަން ވައިގެތެރެއަށް ދޫކޮށްފި

ރަހްމު ކުޑަ ގޮތަކަށް އެތައް ހަމަލާތަކެއްދީ، މަރާލި ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ ހަނދާނުގައި މިއަދު ދިވެހި ނޫސްވެރިން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ މީޑިއާއެއްގެ ނޫސްވެރިން ވަނީ ބައިވެރިވެ ޔާމީންއަށް އިންސާފު ހޯދުމަށް ގޮވާލާފަ އެވެ. އަދި ޔާމީން ރަޝީދުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރުންނާއި މިހާރުގެ ބައެއް މެންބަރުން އަދި ބައެއް މީޑިއާތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވި މި ހަރަކާތުގައި ނޫސްވެރިން ވަނީ ޔާމީންގެ ހަނދާނުގައި ރަތް ކުލައިގެ ފުއްޕާހަންތަކެއް ވައިގެ ތެރެއަށް ދޫކޮށްލާފަ އެވެ. އަދި މި ހަރަކާތުގައި ނޫސްވެރިން ވަނީ ޔާމީންގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޝުއޫރުތައް ވެސް ލިޔެފަ އެވެ.

ނޫސްވެރިންގެ މި ކުޑަ އެއްވުމުގައި ޔާމީންގެ ބައްޕަ ވެސް ބައިވެރިވި އެވެ. އާއިލާގެ އެހެން މެންބަރުން ވެސް ބައިވެރިވި މި އެއްވުމުގައި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ ވެސް ބައިވެރިވި އެވެ. ކުރިއަށް އޮތްތާ ވެސް ޔާމީނަށް އިންސާފު ހޯދުމަށް ގޮވާލުމަށާއި ރިލްވާންގެ ހައްގުގައި ނޫސްވެރިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

ޔާމީންގެ މަރާ ގުޅިގެން ގައުމަށް ސިހުން ލިބިފައިވާއިރު އިއްޔެ ސަރުކާރުން ވަނީ އެ އަމަލު ކުށްވެރިކޮށް އެކަމަކީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ. އަދި ރޭ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ވާހަކަފުޅު ދައްކަވައި، އެކަން ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔާމީންގެ މެޔަށާއި ބޮލަށް އަދި ކަރަށް ޖުމްލަ 14 ތަނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ. އޭނާ މަރާލާފައިވާ ކަމަށް ލަފާ ކުރެވެނީ އިއްޔެ ރޭ ދަންވަރުގެ ވަގުތުގައި އޮފީސް ނިންމާލުމަށް ފަހު ގެއަށް ވަން ވަގުތު އެވެ. މީގެ ކުރިން ވެސް ޔާމީންއަށް ވަނީ އެތައް މަރުގެ އިންޒާރުތަކެއް ކުރިމަތިވެފަ އެވެ. އެ މައްސަލަ އޭނާ ފުލުހަށް ވެސް އެކި ފަހަރުމަތިން ހުށަހެޅި އެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލައި ބަޔަކާ ސުވާލު ވެސް ކުރި ކަމަށާއި އޭގެ އަޕްޑޭޓް ވެސް ޔާމީންއަށް ދީފައިވާނެ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ޔާމީ ންއަށް ބަޔަކު ގަސްތުގައި ހަމަލާދީ މަރާލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.