ވާހަކަ

މުޅިޖާންހިތާ

(23 އޭޕްރީލް 2017 އާ ގުޅޭ) --"އަމީރު..." ރޮމުންދިޔަ އަމީރަށް ރުބީނާ ގޮވާލީ މަޑުމަޑުންނެވެ. އެހިނދު އެއްފަހަރު ރުބީނާއަށް އަނެއްފަހަރު އައިރާއަށް އަމީރު ބަލާލިއެވެ.

"ނިޔާނު...." ކުރެހިފައިވާ އަޑަކުން އަމީރަށް ބުނެވުނެވެ.

އައިރާއަށް ބަލާލާ ކޮންމެ ފަހަރަކު އަމީރުގެ ދޫ ހަރަކާތްކުރުން ހުއްޓުމަކަށް އާދެއެވެ. ބުނަން އައި ވާހަކަ ދުލުން ހާމަނުކުރެވިގެން އަމީރަށް އުޅޭހެން ރުބީނާއަށް ވެސް އޭރު ހީވެއްޖެއެވެ. އޭނާ ވެސް ހައިރާންވީ އަމީރު އެވަރަށް އައިރާއަށް ބަލާފައި ހުއްޓުން އަރާތީއެވެ.

"އަމީރު... އޭތް! ކިހިނެއްތަ ވެގެން ތި އުޅެނީ؟" ރުބީނާއަށް ލިބެމުން އައި ހާސްކަމުގެ ތެރޭގައި އަމީރުގެ އަތުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. އެހިނދު އަމީރު ކުއްލިއަކަށް ރުބީނާގެ ވައަތުގައި ހިފާލުމާއެކު އޭނާ ގޮވައިގެން އެޕާޓްމެންޓުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

"ކޮންތާކަށް އަހަރެން ތިގެންދަނީ" އިހުނަށްވުރެ ރުބީނާ ހާސްވިއެވެ. އޭނާއަށް ވެސް ވެގެން އުޅޭގޮތެއް ދެނެގަންނާކަށް ނޭނގުނެވެ. ފުރަތަމަ ވެސް ހިތުގައި އުފެދުނު ބިރުވެރިކަމަކީ އަމީރު އޭނާ އެގެއިން ބޭރުކޮށްލަނީ ބާއެވެ. އަވަސްއަވަހަށް އަމީރަށް ގޮވަމުން އޭނާއާ ވާހަކަދެއްކޭތޯ ރުބީނާ މަސައްކަތްކުރިއެވެ. އަދި ބޭރަށް ނުނިކުތުމަށް އޭނާ ގަދަ ހަދާލިއެވެ. އެމަންޒަރު ބަލަން ހުރި އައިރާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނު ހިނދު އަމީރު އިޝާރަތްކޮށްލީ މަޑުކުރުމަށެވެ. ހިންދިރުވާލާފައި އައިރާ ހުރި ފިޔަވަޅުމަތީ މަޑުކޮށްލީ އަޖައިބުވެ އަންތަރީސްވެފައި ހުރެއެވެ. އަމީރު އެ ހުރީ ކަމަކާ ރުޅިގަދަވެފައިބާއޭ އައިރާގެ ހިތަށް އަރަމުންދިޔައެވެ. ހަމަ އެ ސުވާލާއެކު ދެން އެ ހިތުގައި އުފެދުނު ސުވާލަކީ ރުބީނާ މިފަހަރު ކުރީ ކޮން ކަމެއްބާއެވެ. ނިޔާނާ އިނދެގެން އައި ދުވަހުން ފެށިގެން ވެސް އައިރާއަށް އެނގެނީ ރުބީނާއާއި އަމީރާ ދެމެދުގައި އެއްވެސް ގުޅުމެއްނެތްކަމެވެ. ދެ މީހުން ވެސް އެކަކު އަނެކަކަދެކެ އަބަދުމެ ތިބެނީ ހިތްހަމަނުޖެހިފައެވެ. ޚާއްޞަކޮށް އަމީރަށް ރުބީނާ ނަފުރަތުކުރާކަމީ ސިއްރުވެފައި އޮތްކަމެއް ނޫނެވެ. އައިރާ ބަލަބަލާ ހުއްޓާ ރުބީނާގެ އަތަށް ދަމާލުމާއެކު އެޕާޓްމެންޓުން ބޭރަށް އަމީރު ނުކުމެ ދޮރުލައްޕާލައިފިއެވެ. ނަމަވެސް އެތެރޭގައި ހުރި އައިރާއަށް ރުބީނާގެ އަޑު އޭރު ވެސް އިވެމުންދިޔައެވެ.

"ޝްޝްޝް..." ރުބީނާގެ އަތުން ދޫކޮށްލުމާއެކު އަމީރު ނިކަން ބާރަށް އަޑުލައްވާލީ އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުންނެވެ.

"ވެގެން އުޅޭ ގޮތެއް އަމީރު ބުނެބަލަ" ދެބުމަގޮއްޖަހާލަމުން ރުބީނާ ބުންޏެވެ.

"އައިރާގެ ކުރިމަތީގައި އަހަންނަށް މިވާހަކަ ބުނާނެ ގޮތެއް ނޭނގުނީ... އެ ކުއްޖާއަށް އެ ޚަބަރު އިވިއްޖެނަމަ ވާނެގޮތެއް ވެސް ނޭނގޭ..."

"އަމީރު! ސާފުކޮށް ތި ކިޔާ އެއްޗެއް ކިޔާ ބަލަ... ކޮން ޚަބަރެއްތަ؟ އޭނާއާ ކޮން ގުޅުމެއް އޮތީ؟ އޭނާއާ ހެދި އަމީރަށް ތިވަރުވާން ޖެހޭތަ؟" އަމީރުގެ މޫނަށް ރުބީނާ ބަލަމުން ދިޔައީ ޖަވާބެއް ބޭނުންވެފައި ހުރެއެވެ.

"އަހަރެންގެ ދަރިފުޅެއްނެތް... ނިޔާނު... ނިޔާނު އަހަރުމެންނާ ވަކިވެއްޖެ" އިސްޖަހާލުމާއެކު އަމީރުގެ ކޯތާފަތުން ކަރުނައިގެ ރޮނގު ދެމިގެންދިޔައެވެ. އޭނާ އަވަސް އަވަހަށް ލޮލުގައި އަތްތިލަ ހިންގާލިއެވެ. ދެ ލޯ ފުހެލާފައި ރުބީނާއަށް ބަލާލީ އޭނާ އެއްވެސް ބަހެއް ނުބުނެ ހުންނަން ފެށުމުންނެވެ.

"ރުބީނާ..." ހިތްދަތި ގޮތަކަށް އަމީރު ގޮވާލިއެވެ. އަމީރުދެކެ ކިތަންމެ ނަފުރަތު ކުރިކަމުގައި ވިޔަސް ރުބީނާއަކީ އޭނާގެ އަމިއްލަ ގޮތުގައި ދަރީންދެކެ ލޯބިވާ މައެއްކަން އަމީރަށް އެނގެއެވެ. ދަރީންނާ ރުބީނާ ވަކި ނުކުރީ ވެސް އެހެންވެއެވެ. އެކުދީންނަށް ޓަކައި ރުބީނާގެ ހުރިހާ ވަގުތެއް ދިންކަމީ އަމީރު ޝުކުރުވެރިވާ ކަމެކެވެ.

"ނިޔާނު ކޮބާ؟ ކީއްވެ އަހަންނަށް އޭނާ ނުގުޅީ... އޭނާއަށް ކަމެއްވެއްޖެއްޔާ ފުރަތަމަ ވެސް ގުޅާނީ އަހަންނަށް... އަމީރަކަށް ނޫން" ރުބީނާގެ ގޮނޑުގައި އަމީރު އަތްޖައްސާލުމާއެކު އޭނާ ބުންޏެވެ.

"ރުބީނާ! ނިޔާނު ދެން އެނބުރިއެއް ނާންނާނެ... ދުވަހަކު ވެސް ނާންނާނެ... އަހަންނާއެކު ހިނގާބަލަ... ހޮސްޕިޓަލަށް ހިނގާ" ރުބީނާއަށް ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި ހުރެވުނީއެވެ. އަމީރު އޭނާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.

"ފައިވަނަކަށް އަރާބަލަ... ހަމަ މިހާރު އަހަރުމެން ހޮސްޕިޓަލަށް ދާން އެބަޖެހޭ... ނިޔާނުގެ ހަށިގަނޑު އެބައޮތް ގެނެސްފައި... އަހަންނާއެކު ހިނގާ ރުބީނާ... އެ ދަރިފުޅުގެ މަސްގަނޑާ އަހަރުމެން ހަވާލުވާން ޖެހޭ" ރޮވެމުންދިޔަ އަމީރު ހިތްވަރުކުރަން މަސައްކަތް ކުރިއެވެ. ލިބިފައި ހުރި ޝޮކުން ރުބީނާއަށް ހަރަކާތެއްކުރާކަށް ނޭނގުނެވެ. މަޑުމަޑުން ނިޔާނުގެ ނަން ކިޔާލުމާއެކު އަމީރު އެދުނީތީ އެޕާޓްމެންޓުގެ ބޭރުގައި ބަހައްޓާފައި ހުރި ކަބަޑުގެ ތެރެއިން ފައިވާނެއް ނަގާ ފައިކޮށްޕާލާފައި އަމީރާއެކު ސިޑިން ފައިބަން ހިނގައިގަތެވެ.

އަތުގައި އޮތް ފޯނަށް ބަލާލުމާއެކު ނިޔާނުގެ ނަންބަރަށް އައިރާ ޑައިލް ކުރަން ފެށިއެވެ. ހުއްޓުމެއްނެތި އެތައް އިރެއްވާންދެން އޭނާ ގުޅިއެވެ. އެހެންނަމަވެސް އެ ފޯނު ވަނީ ނިވާލާފައިކަމަށް ބުނަމުންދިޔައެވެ. ރުބީނާއާއި އަމީރުގެ ޚަބަރެއް ވެސް އައިރާއަށް ނުވިއެވެ. އިހުނަށްވުރެ އައިރާގެ ހާސްކަން އިތުރުވެ އިންތިހާއަށް ކަންބޮޑުވެއްޖެއެވެ. އަވަހަށް އައިސް އެޕާޓްމެންޓުގެ ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ރުބީނާއާއި އަމީރެއް ނެތެވެ. ހާސްކަންމަތީ އެޕާޓްމެންޓުގެ ދޮރު ތަންމިނަށް ހުޅުވާ އަޅާފައި މައްޗަށް ދާން ހުރި ސިޑިން އައިރާ އަރައިގެން އައިސް އަމީރު އުޅޭ ބައިގެ ދޮރުގައި ހަރުކޮށްފައިވާ ރަނގަބީލު އޮބަށް ފިތަންފެށިއެވެ. އެއާއެކު ގިނައިރެއްނުވެ ދޮރުހުޅުވާލީ ޝިމްލާއެވެ. އޭނާ ފެނި އައިރާގެ ހައިރާންކަން އިތުރުވެގެންދިޔައެވެ. ޝިމްލާގެ ކަރުނުން ފުރިފައިވާ ދެ ލޮލާއި އޭނާގެ މޫނުމަތީގައިވާ ހިތާމައިގެ އަސަރުން އޭނާ ވެސް ރޮނީކަން އައިރާއަށް އެނގުނެވެ.

"ބައްޕަ ކޮބާ؟ ދައްތަ ރޮނީތަ؟ ކަމެއް ދިމާވީތަ؟ ބައްޕަ ކަމަކާ ހިތްހަމަނުޖެހިގެންތަ އެ އުޅެނީ؟" އެއްފަހަރާ އެތައް ސުވާލެއް އައިރާ އެއްނޭވާއިން ބޭރުކޮށްލިއެވެ.

"ކަމެއްނުވޭ... ބައްޕަ އެ ދިޔައީ ބޭރަށް. އައީމަ ބުނާނަން އައިރާއަށް ގުޅާލަބަލާށޭ"

"މި ގަދަ ވިއްސާރައިގައި ބައްޕަ އެ ދިޔައީ މަންމަ ގޮވައިގެން... ނިޔާނަކަށް ވެސް ނުގުޅުނު... އަޅެ ދައްތައަށް އެނގެންޏާ ބުނެބަލަ... އަހަންނަށް އެނގޭ ބައްޕަ އެހާ ހިތްހަމަނުޖެހިގެން އުޅޭނީ މަންމަ ކޮންމެވެސް ކަމެއް ކޮށްގެންކަން... އެއީ ކޮންކަމެއްކަން ދައްތައަށް ވެސް އޮންނާނީ އެނގިފަ... ބައްޕަ ހުރިހާ ވާހަކައެއް ދައްތަ ގާތު ބުނާނެ... ޕްލީޒް... ނިޔާނު ނެތިސް ބޮޑުކަންތައްގަނޑެއް ހިނގައިފިއްޔާ އަހަންނަށް ނޭނގޭނެ ހަދާނެގޮތެއް" ހުރިހާ ހަޤީޤަތެއް އެނގި ހުރި ޝިމްލާއަށް އައިރާގެ ވާހަކަތައް އިވުމުން އޭނާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކެއް ނުހިފެއްޓުނެވެ. ކުރިއަށް ފިޔަވަޅު އަޅާލުމާއެކު އަމިއްލަ ދަރިއަކަށް ހިމާޔަތްތެރިކަން ދޭފަދައިން އައިރާ ގެނެސް ބައްދާލިއެވެ. އަދި އައިރާގެ ބޮލުގައި ފިރުމާލިއެވެ.

"ދަރިފުޅަކީ ވަރަށް ކެތްތެރި ކުއްޖެއް. ދައްތަ މި ދައްކާ ވާހަކަ އައިރާ ދުވަހަކު ވެސް ހަނދާންނައްތާ ނުލައްޗޭ... ދުނިގޭގައި އުޅޭއިރު އުފަލާއި ހިތްދަތިކަމަކީ ހަޔާތައް އަންނަ ބަހާރު މޫސުމާއި ހަރީފު މޫސުން ފަދަ ދެ މޫސުން. މިއަދު އައިރާގެ ދުނިގެ ބޯކަޅުވިލާތަކުން ބައްދަމުންދިޔަ ނަމަވެސް އެ ވިލާތަކަކީ ތާއަބަދަށް އެގޮތުގައި ދެމިއޮންނާނެ އެއްޗެއްނޫން... ވިއްސާރައަށްފަހު އުދަރެސް އަލިވެ އަމާންވޭ... އިންސާނާގެ ދިރިއުޅުން ވެސް އެފަދަ... ކޮޅިގަނޑުގައި ޖެހި ބެހިގެންދިޔަޔަސް އަމާންކަމުގެ އައްސޭރިއަށް ވާޞިލުވާނޭކަމުގެ އުންމީދު ދުވަހަކު ވެސް ކަނޑާނުލާތި... އައިރާ! ދުވަހަކު ވެސް ދިރިއުޅުމުން ނާންއުންމީދު ނުވައްޗޭ. އެއްވެސް ކަމަކާ... އެއްވެސް ކަމަކާ އުންމީދު ކަނޑާނުލާތި... ވަޢުދުވޭ ދައްތައަށް" ޝިމްލާ ކުއްލިއަކަށް އައިރާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލަމުން އިއްވާލި އެންމެ ފަހުބަސްތަކުން އައިރާ އިންތިހާއަށް ކަންބޮޑުވެ ކޮންމެވެސް ބޮޑުކަމެއް ވެއްޖެއޭ ހިތަށް އަރަންފެށިއެވެ. ޝިމްލާ އަނެއްކާ ވެސް އޭނާގެ ފަހު ބަސް ތަކުރާރުކޮށްލިއެވެ. އެއާއެކު އައިރާ ބޯޖަހާލިއެވެ.

"މައު... މައު އެކަނި އެޕާޓްމެންޓުގައި ހުންނާނީ... މި އައީ ދޮރު ވެސް ނުލައްޕާ" ކުއްލިއަކަށް އައިރާއަށް ހަނދާންވުމާއެކު ބުނެލެވުނެވެ.

"ބައްޕަ އައިސް އައިރާއާ ބައްދަލުކުރާނެ... އިހަށް ދޭ... ބައްޕަ ހުރިހާ ވާހަކައެއް އައިރާއަށް ކިޔައިދޭނެ" އައިރާގެ ކޮނޑުގައި ޝިމްލާ ފިރުމާލިއެވެ. އޭނާގެ ދުލުން ތެދު ހާމަކުރަން މަޖުބޫރުވެދާނޭތީ ޝިމްލާ ބޭނުންވީ އައިރާ ފޮނުވާލާށެވެ.

ހޮސްޕިޓަލަށް އައި ފަހުން ވެސް އަމީރާއި ރުބީނާއަށް އެތައް އިރަކު މަޑުކުރަން ޖެހުނެވެ. ނިޔާނުގެ ހަށިގަނޑު މީހުން ބެލުމަށް ތައްޔާރު ނޫންކަމުގައި ޑަކްޓަރުން ބުނާތީއެވެ. ނިޔާނަށް ވީގޮތެއް އޭރު ވެސް މުޅިއަކުން އޮޅުމެއް ނުފިލައެވެ. ހޮސްޕިޓަލު ތެރޭގައި ރުބީނާ ހުރިއިރު އޭނާގެ މޫނުވަނީ މިލާފައެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި މީހަކު ފަދައެވެ. އަމީރު މީހަކާ ވާހަކަދައްކަމުން އައިސް ރުބީނާގެ ގާތުގައި މަޑުކޮށްލިއެވެ. އަމީރާއެކު ހުރީ ޑަކްޓަރެއްކަން ރުބީނާއަށް އެނގުނީ އެ މީހާ ވާހަކަދައްކަން ފެށުމުންނެވެ. އަދި އޭނާއާއެކު އަމީރު ހިނގައިގަތީ ރުބީނާއަށް ވެސް އޭނާއާއެކު އައުމަށް ބުނަމުންނެވެ. ނިޔާނުގެ މަސްގަނޑު ބޭއްވިފައި އޮތް ކޮޓަރިއާ ދިމާއަށްކަން މި ދެވެނީ އެނގުނު ހިނދު ރުބީނާއަށް އަމީރުގެ ވައަތުގައި ދެއަތުން ހިފާލެވުނީ ނިކަން ބާރަށެވެ. ދެ ލޯ ބޮޑުކޮށްލައިގެން ގަނޑުވެފައި ހުރި ރުބީނާއަށް ކުރިއަކަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އެހިނދު އޭނާގެ ކޮނޑުގައި ހިފާ އަމީރުއާ ގާތްކޮށްލިއެވެ. އަމީރުގެ ބާރުގައި ކަހަލަ ގޮތަކަށް ރުބީނާ ކުރިއަށް ފިޔަވަޅު އަޅަމުންދިޔައެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ސިކުނޑީގެ މަސައްކަތްކުރުން ހުއްޓުމަކަށް އައިސްފައިވާ ކަހަލައެވެ. ރުބީނާގެ ވަށައިގެން ހުސްކަން ނޫނީ ނުވާ ކަހަލައެވެ. ވަށައިގެންވާ އެއްވެސް ކަމަކަށް ވިސްނާ ފިކުރު ކުރުމުގެ ބާރެއް އޭނާގެ ނެތެވެ.

"މޯގް" ކޮޓަރި ކައިރީ ވިއްސަކަށް މީހުން އެއްވެފައި ތިއްބެވެ. އެތަނުން ލޮލުގައި ނަންބަރު އައިނެއް އަޅާފައި ހުރި އިސްކޮޅުން ކުރު ބޮލުގެ މެދުގައި އިސްތަށިނެތް ދެވަންފުރައިގެ ފިރިހެނަކު އަމީރުމެން ގާތަށް އައެވެ. އަދި އިސްވެ އަމީރަށް އޭނާ ތަޢާރުފު ވެލިއެވެ. އެ މީހަކީ ނިޔާނުގެ އޮފީސް ވެރިޔާއެވެ. އޭނާ ވާހަކަދައްކަން ބޭނުންވެފައި ހުރި ނަމަވެސް އަމީރު ބޭނުންވީ އިހަށް އޭނާގެ ދަރިފުޅު ދުށުމަށެވެ. އެހެންވެ ޑަކްޓަރާއެކު އެތެރެއަށް ވަނެވެ. އޭރު އެ ކޮޓަރިތެރޭގައި ވެސް ޑަކްޓަރަކާއި ނަރުސްކުއްޖަކު ފައިލެއްގައި ހުރި ގަނޑު ތަކެއް ބަލަމުން އެކަމާ ގުޅިގެން ކޮންމެވެސް ވާހަކައެއް އިނގިރޭސި ބަހުން ދައްކަމުންދިޔައެވެ. ނިޔާނާއި ރުބީނާއަކީ ކާކުކަން އެމީހުނާއެކު ވަން ޑަކްޓަރު އޮޅުންފިލުވައިދިނެވެ.

އަށިގަނޑުމަތީ އޮތް މަސްގަނޑާ ގާތަށް އަމީރާއި ރުބީނާ ޖެހިލިއެވެ. ކަރާއެކު ހުދުފޮތިގަނޑެއް އަޅާފައި އޮތްއިރު އެ މީހުނަށް ފެނުނީ ދިރުން ނެތި ލޯ މަރާލައިގެން އޮތް ނިޔާނުގެ މޫނު އެކަންޏެވެ. އެވެސް މޫނުން ތަންކޮޅެކެވެ. މުޅި ބޮލާއި ކަނާތު ލޮލާއެކު މޫނުގެ ބޮޑުބައެއްވަނީ ބެންޑޭޖުން ނިވާކުރެވިފައެވެ. ދަރިފުޅު މޫނު ފެނުނު ހިނދު އަމީރަށް ފަހަތަށް ފިޔަވަޅު އަޅާލެވުމާއެކު ހިތުގެ އަޑިން މަޑު އާހެއް ބޭރުވެގެންދިޔައެވެ. ރުބީނާއަށް އަނގަމަތީ ދެއަތް އަޅާލެވުނު ގޮތަށް ހަޅޭލަވައިގަނެވުނެވެ. ތަނުގައި ތިބި ދެ ޑަކްޓަރުން އަވަހަށް ސަމާލުވެލިއެވެ. އެކަކު އައިސް އަމީރުގެ ކޮނޑުގައި ހިފާލިއެވެ. އެހިނދު އަމީރު އައިސް ރުބީނާގެ ގައިގާ އަތްލަން ވާއިރަށް އޭނާ ބަޑިފަޅައިގެން ހިނގައްޖެއެވެ.

"ނިޔާނު... އަމީރު... ނިޔާނު" ރުބީނާއަށް ބާރަށް ރޮވިއްޖެއެވެ. ލޮލަށް ފެންނަމުން ދިޔަ ނުބައި މަންޒަރު ދޮގުކުރުމަށް ދެފަރާތަށް އޭނާ ބޯހޫރަންފެށިއެވެ. ތިރީތުންފަތުގައި ބާރަށް ދަތްއަޅާލެވުނެއްކަމަކު އަމީރަށް ވެސް ހިތަށް ކުރި އަސަރު ސިއްރެއް ނުކުރެވުނެވެ. އަނގައިން ނުކުން އާހާއެކު އޭނާއަށް ވެސް ރޮވިއްޖެއެވެ. ރުބީނާގެ ދެކޮނޑުގައި ހިފާ ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. އެހެންނަމަވެސް އަމީރު ކޮށްޕާލާފައި ރުބީނާ ޖެހުނީ ދަރިފުޅުގެ ގާތަށެވެ. ނިޔާނުގެ މޫނުގައި ދެ އަތުން ހިފާލުމާއެކު ގޮވާލިއެވެ. ދަރިފުޅުގެ ފަރާތުން ކުޑަނަމަވެސް ހަރަކާތަކަށް ރުބީނާއަށް އެދެވުނެވެ. އޭނާ ނިޔާނުގެ މޫނުގައި ހިފައި ދެފަރާތަށް ތަޅުވާލި ހިނދު މޫނުގައިވާ ބެންޑޭޖުން ލޭކުލަ ފާޅުވެގެންދިޔައެވެ. އެހިނދު އެތާ ތެރޭގައި އިހު ހުރި ޑަކްޓަރު ރުބީނާއާ ގާތަށް ޖެހިލާ އެހެން ނުހެދުމަށް އެދުނެވެ.

"އޭނާގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި... ކަނާތްފަރާތު ކަންފަތާއި ނާށިގަނޑުން ބައެއް ނެތް މިކޮޅަށް ގެނައިއިރު ވެސް. އަތުގެ ބައެއް އިނގިލިތައް ބުރިވެ އެތަން މިތަން ކަފައިގެން ގޮސްފައިވަނީ. ވަގުތު ނެގީ ލޭމަނާ ނުކުރެވިގެން. ބޯ ވަކިނުވެ ހުރީ ކިރިޔާ. މިހާރު އެ އޮތީ ފަހާފައި. ހަށިގަނޑު އެހާ ބޮޑަށް ނިވާކޮށްފައި ބާއްވަން ޖެހުނީ ލިބިފައިވާ ޒަހަމްގެ ބޮޑުކަމުން ހަށިގަނޑުގެ އައިބުކަން ފޮރުވުމަށް" އަމީރުގެ ގާތުގައި ހުރި ޑަކްޓަރު މަޑުމަޑުން ވާހަކަދެއްކިއެވެ. އަމީރު ދިރިހުއްޓާ ޒުވާން ދަރިފުޅުގެ މަރުގެ ޚަބަރު ލިބި އެ ދަރިފުޅަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު އަޑު އިވުނު ހިނދު އޭނާގެ ހިތް ކުދިކުދިވެގެން ދިޔަ ކަހަލައެވެ. ރުބީނާގެ ރުއިމާއެކު އޭނާ ނިޔާނާ ދުރަށް ނުދާން އުޅޭތަން ފެނި އަމީރު ކުރިއަށް ޖެހި ގަދަކަމުން ކަހަލަ ގޮތަކަށް ރުބީނާ ދުރަށް ޖެއްސިއެވެ. އަދި އޭނާގެ އަތުގެ ތެރޭ ރުބީނާ ހިފަހައްޓާލިއެވެ.

"ރުބީނާ... ކެތްތެރިވޭ... ނިޔާނު އެނބުރިއެއް ނާންނާނެ" ރުބީނާ މޮޔައަކު ފަދައިން ގަދަ ހަދަމުންދާތީ އަމީރު ނިކަން ބާރަށް އޭނާގެ ކޮނޑާ ދިމާލުން ދެ އަތުގައި ހިފާ ތަޅުވައިގަންނަމުން ބުންޏެވެ.

ނިޔާނު އޮފީހުގެ ވެރިޔާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ އަމީރާއި ރުބީނާ ނުކުތެވެ. ޖެހިލުންވެފައި ހުރެ ވެސް އޭނާ އަމީރަށް ގޮވާލިއެވެ. އެހިނދު އެތަނުގައި ހުރި ބެންޗުގެ ގޮނޑިއެއްގައި ރުބީނާ ބޭންދުމަށްފަހު ކުޑަކޮށް އެއްފަރާތަކަށް އަމީރު ޖެހިލިއެވެ. ނިޔާނަށް ވީގޮތް އަމީރަށް އެނގުނީ ދެނެވެ.

ޖެހެމުންދިޔަ ބާރުވަޔާއި ވެހެމުންދިޔަ ވާރޭގައި ލާންޗު ދުއްވަމުންދިޔައެވެ. ހަލަބޮލިވެފައިވާ ކަނޑާއި ދުއްވަމުންދިޔަ ލާންޗާ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިވައިވާ ކަހަލައެވެ. މާލޭގެ ފަޅުތެރެއަށް ވަންނަން ކައިރިވެފައި ވަނިކޮށް ނިޔާނު ފޯނެއް ކުރުމަށް ލާންޗުގެ ފަހަތަށް ގޮސް ހުއްޓުނީ ލާންޗުގެ ހިޔާގަނޑު ހަރުކުރުމަށް ޖަހާފައި ހުރި ހޮޅިއެއްގައި ހިފަހައްޓާލައިގެން ހުރެއެވެ. އޭނާ ފޯނުކޯލު ނިންމާލާފައި ފޯނު ޖީބަށް ލާން އުޅުނު ވަގުތު ލާންޗަށް އެރި ލޮޅުމުގައި ފޯނު އަތުން ކައްސާލީއެވެ. އެވަގުތު "މަގޭ ފޯނޭ" ނިޔާނު ބުނި އަޑު ލާންޗުގައި ހުރި މާލިމީއާއި ތިން ފަޅުވެރި ކުދީން އަޑުއެހިއެވެ. އެކަކަށް ވެސް ވީގޮތެއް ތަފްސީލުކޮށް ބުނާކަށް ނޭނގުނެވެ. އެންމެނަށް ވެސް ފެނުނީ ނިޔާނު ވެއްޓެންދިޔަ ވަގުތު ބާރު ހަޅޭކެއް ލަވައިގަތް އަޑެވެ. ވަގުތުން ލާންޗު ހުއްޓާލުމާއެކު ފަޅުވެރި ކުދީން ފުންމާލީ ނިޔާނު ނެގުމަށެވެ. މާލިމީއަކަށް ހުރި މީހަކީ ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓުތަކުގައި ފީނުމުގެ މަސައްކަތް ކުރި މީހަކަށް ވާތީ ނިޔާނުގެ ހަށިގަނޑު ކަނޑުގެ ތެރެއިން އަތުލީ އޭނާއެވެ. ލާންޗަށް ނެގިއިރު ވެސް ނިޔާނަށް ވެފައި އޮތްވަރު ފެނި އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެއްޖެކަން ލާންޗުގައި ތިބި އެންމެނަށް ޔަގީންވެފައި ވެއެވެ. މާލެ ގެނެސް ހޮސްޕިޓަލަށް ނިޔާނުގެ ހަށިގަނޑު ގެނެވުމާއެކު އަމީރަށް ގުޅާ އެ ޚަބަރު ފުރަތަމަ ވެސް ދިނީ ނިޔާނުގެ އޮފީހުގެ ވެރިޔާއެވެ.

އަމީރަށް އޭނާގެ ބޮލުގައި ހިފަހައްޓާލެވުނެވެ. ދެ ލޯ މަރާ ބާރުކޮށްލީ ކަންފަތަށް އިވި ލޮލަށް ފެންނަމުންދާ މަންޒަރުތަކަކީ ހުވަފެނެއް ކަމުގައި ވުމަށް އެދިއެވެ. ކަންފަތުގައި ޖެހުނު ރުބީނާގެ ރުއިމުގެ އަޑުން އޭނާއަށް ވެސް ނިޔާނުގެ ވެރިޔާ ދެއްކި ވާހަކަތައް އަޑުއިވިއްޖެކަން އަމީރަށް ޔަގީންވިއެވެ. މަޑުމަޑުން ރުބީނާގެ ގާތުގައި އަމީރު އައިސް އިށީނެވެ. އެ ދެމީހުން އެކަކު އަނެކަކަށް ކިތަންމެ ފާޑުކީ ނަމަވެސް ދަރީން ދެކެ އިންތިހާއަށް ލޯބިވެއެވެ. މިއަދު އެހާ ގާތުގައި ތިބެވުނީ އެހެންވެއެވެ. އެއްވެސް ގުޅުމެއްނެތް ހިލޭ ދެމީހުނަށް އަމީރާއި ރުބީނާ ވިޔަސް އެ ދެމީހުންނަކީ ތާއަބަދަށް ނިޔާނާއި މައުރީންގެ މައިންބަފައިނެވެ. ދަރިއަކަށް ކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެ ދެމެދުގައި އޮންނަ ދުރުކަން ގާތްކޮށްދޭނެއެވެ.

"އިޓްސް ނޮޓް ފަނީ އެނީމޯ... ނިޔާނު! ކޮންތާކުތަ ތިހުރީ... ފޯނު ނަގާބަލަ... މާލެ ނާދެވެންޏާ އެ ވާހަކަ ވެސް ބުނެބަލަ... ޕްލީޒް ނިޔާނު" ފެންކަޅިވެފައި ފޯނަށް ބަލަހައްޓައިގެން އައިރާ އިނެވެ. ދުވަހަކު ވެސް ކެތްތެރިކަން ކުޑަނުވާ ވަރަށް މިއަދު އައިރާ އިނީ ނިޔާނުގެ ޚަބަރެއް ލިބުމަށް ބޭނުންވެފައެވެ. އެހެން އިނދެފައި އަނެއްއަތުގައި އޮތް ސިޓީއުރައަށް އޭނާ ބަލާލިއެވެ.

ނިޔާނުގެ މަސްގަނޑު ސަހަރާއަށް ގެންދިއުމުގެ ކުރިން އައިރާއަށް އެނގެން ޖެހޭނެކަން އަމީރު ޤަބޫލުކުރިއެވެ. އެހެންވެ ސަހަރާއަށް ގެންދިއުމުގެ ކުރިން އޭނާ ރުބީނާ ގޮވައިގެން ގެއަށް އައުމަށް އުޅުނެވެ. އައިރާއަށް ނިޔާނުގެ މަރުގެ ޚަބަރު ދިނުމަށެވެ. އަމީރު ގެއަށް އައުމުގެ ކުރީން ޝިމްލާއަށް ގުޅާފައި އައިރާގެ ގާތަށް ދިއުމަށް ބުންޏެވެ. އަދި މައުރީންއާއި އައިރާއާ ދެކުދީން ގާތު ބޭރަށް ދާން ތައްޔާރުވެލައިގެން ތިބުމަށް ބުނާށޭ އަމީރު ބުންޏެވެ. އަމީރު އެދުނު ފަދައިން ކަންތައް ކުރާން ޝިމްލާ އަވަސްވެގަތެވެ. -- (ނުނިމޭ)