ބޭރު ކުޅިވަރު

ނިއުކާސަލް އެނބުރި ޕްރިމިއާ ލީގަށް

Apr 25, 2017

އިނގިރޭސި ލީގު ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގައި ރޭ ޕްރެސްޓަން އަތުން ފަސޭހަ ކަމާއެކު 4-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ޕްރެސްޓަން އަތުން ނިއުކާސަލް މޮޅުވީ އަޔޯޒީ ޕެރޭޒްގެ ދެ ލަނޑާއި ކްރިސްޓިއަން އަޓްސޫ އަދި މެޓް ރިޗީގެ ލަނޑުތަކުންނެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ނިއުކާސަލް ކުޅުނު ތިން މެޗުން އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެކަމަކު ރެޑިން އާއި ހަޑާސްފީލްޑް ޗެމްޕިއަންޝިޕްގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން ބަލިވުމުން، ނިއުކާސަލް އަށް މޮޅަކާއެކު ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމުގެ ފުރުސަތު ހުޅުވުނީ އެވެ.

ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ރަފައެލް ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ނިއުކާސަލް އަންނަ ސީޒަންގެ ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރީ 88 ޕޮއިންޓާއެކު އެވެ. ތާވަލްގެ އެއްވަނައިގައި އޮތް ބްރައިޓަން ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

"މިއީ މި ކްލަބަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް،" ބެނިޓޭޒް ބުންޏެވެ. "އަހަރެމެން ރެލިގޭޓްވިއިރު، ގިނަ ބަޔަކު ބުނަމުންދިޔައީ ޖެހިގެން އަންނަ ސީޒަންގައި ޕްރިމިއާ ލީގަށް އެނބުރި އަންނަން ޖެހޭނޭ. އެކަމަކު ސްކޮޑަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭއިރު އެއީ ފަސޭހަކަމެއް ނޫން. އަހަރަމެން މި ހޯދީ ވަރަށް ބޮޑު ކާމިޔާބެއް."

މިދިޔަ ސީޒަންގައި ބެނިޓޭޒަށް ނިއުކާސަލް ރެލިގޭޝަނުން ސަލާމަތް ނުކޮށްދެވުނު ނަމަވެސް، ޗެމްޕިއަންޝިޕްގައި އެ ޓީމުން ނެރިފައިވާ ނަތީޖާތަކުގެ ސަބަބުން ބެނިޓޭޒް ވަނީ ސަޕޯޓަރުންގެ ލޯބި ހޯދައިފަ އެވެ.