ވިޔަފާރި

އެމްއެލްއެޗްއޭ އެވޯޑަށް 200 އެޕްލިކޭޝަން ލިބިއްޖެ

Apr 25, 2017
  • އެވޯޑު އޮތީ އޮގަސްޓް މަހު
  • ޓޫރިޒަމަށް ހާއްސަ އެވޯޑެއް
  • އެވޯޑު ލިބޭނީ ދިވެހިންނަށް

މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓާލިޓީ އެވޯޑު (އެމްއެލްއެޗްއޭ) އަށް 200 ފަރާތަކުން ކުރިމަތިލައިފި އެވެ.

ރާއްޖޭގައި ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ އެވޯޑު ކަމަށްވާ އެމްއެލްއެޗްއޭ އިންތިޒާމުކުރާ އެޗްއާރު މޯލްޑިވްސްއިން ބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު، ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މި އެވޯޑަކީ ފަރުންދުންނާއި ކުންފުނިތަކަށް ދޭ އެވޯޑެކެވެ. އެވޯޑު ތިން ގިންތިއަކުން ދޭނެ އެވެ. އެ ގިންތި ތަކަކީ "ގޯލްޑް ލީޑާސް" އެވޯޑާއި "ސިލްވަ ލީޑާސް" އެވޯޑު އަދި އޮގަނައިޒޭޝަނަލް އެވޯޑެކެވެ. މިގޮތުން "ގޯލްޑް ލީޑާސް" އެވޯޑު ހާއްސަ ވަނީ ރިސޯޓު/ ހޮޓާ އަދި ގެސްޓް ހައުސްތަކުގެ ޖީއެމުންނާއި ރެސިޑެންޓް މެނޭޖަރު ލެވަލްގެ މީހުންނަށެވެ. މީގެތެރޭގައި އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރުން ހިމެނެ އެވެ. އަދި "ސިލްވަ އެވޯޑު" ހިމެނެނީ އެހެން ޑިޕާޓްމަންޓްތަކުގެ ހެޑުންނެވެ. އަދި "އޮގަނައިޒޭޝަނަލް" އެވޯޑު ހާއްސަ ވަނީ އެމްޕްލޮއިމަންޓް އެޖެންސީތަކާއި ކުންފުނިތަކަށެވެ. މިގޮތުން މި ދާއިރާގައި 16 ގިންތިއަކުން އެވޯޑު ދޭނެ އެވެ.

މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮތީ، އޮގަސްްޓް މަހުގެ ފަސްވަނަ ދުވަހު އެވެ.